ހޭޅިފަށަށް ގެއްލުން ވާތީ ގެމަނަފުށީ ބޭރު މަގު ހެދުން ހުއްޓުވަން ކޯޓު އަމުރެއް ނެރެފި ހޭޅިފަށަށް ގެއްލުން ވާތީ ގެމަނަފުށީ ބޭރު މަގު ހެދުން ހުއްޓުވަން ކޯޓު އަމުރެއް ނެރެފި

ގއ. ގެމަނަފުށީ ކައުންސިލުން އެ ރަށު ވަށައިގެން ހަދަން ނިންމާފައިވާ މަގު ހެދުމުގެ މަޝްރޫއުގެ ބައެއް ހުއްޓުވުމަށް އެ ރަށު މެޖިސްޓްރޭޓް ކޯޓުން ވަގުތީ އަމުރެއް ނެރެފި އެވެ.
ގެމަނަފުށީ ކޯޓުން މިފަދަ އަމުރެއް ނެރުނީ، މި މަގު ހެދުމަށް އާންމު މީހެއްގެ ގޯއްޗާއި ދިމާ ހޭޅިފަށުގެ ގަސްތަކެއް ކަނޑާ ތިމާވެށްޓަށް ބޮޑެތި ގެއްލުންތަކެއް ވާނެ ކަމަށް ބުނެ އޭނާ ވަގުތީ އަމުރަކަށް އެދުމުންނެވެ.
މި މައްސަލަ ހުށަހެޅި ފަރާތުން މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވަނީ މަގު ހަދަން ރުކާއި ގަސް ކަނޑަން ނިންމާފައިވާ ސަރަހައްދަކީ މިހާރުވެސް އުދަ އެރުން އާންމު ސަރަހައްދެއް ކަމާއި ހޭޅިފަށަށް ގެއްލުން ދީފި ނަމަ އުދަ އެރުން އިތުރުވާނެ ކަމަށް ބެލެވޭތީ ކަމަށެވެ.
މީގެ އިތުރުން، ކޮންމެ ރަށެއްގެ ވެސް އެންމެ ގޮނޑުދޮށަށް ހެދިފައިވާ ގަސް ނުވަތަ ރުކުން ފެށިގެން އެއްގަމަށް 20 މީޓަރު ހަމަވަންދެން ހުންނަ ގަސްރުށް ކެނޑުމާއި އުފުރުމަކީ ގަސްކަރަ ހިމާޔަތްކުރުމުގެ ގަވާއިދުގެ ދަށުން މަނާކަމެއްކަން ވެސް އޭނާ ފާހަގަކޮށްފައިވެ އެވެ.
މައްސަލަ ހުށަހެޅި ފަރާތުން ކޯޓަށް ހުށަހެޅި ހެކީގެ ތެރޭގައި، ގަސްކަރަ ހިމާޔަތް ކުރުމުގެ ގަވާއިދުގެ ދަށުން ހިމާޔަތް ލިބޭ ކޯސްޓަލް ވެޖިޓޭޝަން ބެލްޓުގައި މަގު ހެދުމުގެ މަޝްރޫއެއް ހިންގުމަށް ހުއްދަ ނުދޭނެ ކަމަށް ބުނެ އެންވާރަމަންޓު ޕްރޮޓެކްޝަން އެޖެންސީން (އީޕީއޭ) އިން ފޮނުވާފައިވާ މެއިލް އެއްވެސް ހިމެނެ އެވެ.
ކޯޓުން ނެރުނު ވަގުތީ އަމުރުގައި ބުނީ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން މައްސަލަ ހުށަހެޅި މީހާގެ ގެ ހުންނަ ބްލޮކާ ދިމާލުން މަޝްރޫއުގެ އެއްވެސް މަސައްކަތެއް ކުރުން ހުއްޓާލަން ޖެހޭނެ ކަމަށެވެ. އަދި އަމުރުގެ މުއްދަތުގައި ކައުންސިލުން އެފަދަ ކަމެއް ކުރާނަމަ އެކަން ހުއްޓުވަން ފުލުހުންނަށް ވެސް އަމުރުކޮށްފައިވެ އެވެ.
ވަގުތީ އަމުރުގައި، މި މައްސަލާގައި ދައުވާ ހުށަހެޅުމަށް ހަތް ދުވަހުގެ މުއްދަތު ދީފައިވެ އެވެ. އެ މުއްދަތުގައި ދައުވާ ހުށަނާޅައިފިނަމަ އަމުރު ބާތިލުވާއިރު، ދައުވާ ހުށަހަޅައިފި ނަމަ މައްސަލަ ބަލާ ނިމެންދެން މި އަމުރު ހިނގާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ