އިސްރާއީލު އަނދާތީ ފަލަސްތީނުން އެހީވަނީ
ހިފާފައިވާ ގުދްސު (1 މެއި 2025): ގަދަ ހޫނާއި ވައިގެ ސަބަބުން އިސްރާއީލުގައި އަނދަމުންދާ އަލިފާން ގަނޑުތައް ގިނަ ސަރަހައްދުތަކަކަށް ފެތުރި ކޮންޓްރޯލްކުރަން ދަތިވެ އިސްރާއީލަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާތީ ޔަހޫދީންނަށް ހަމްދަރުދީ ފާޅުކޮށް ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްގެ ވެރިކަމުގެ އިދާރާއިން އިސްރާއީލަށް ސިޓީއެއް ފޮނުވައި އަލިފާން ނިއްވުމުގައި އިސްރާއީލަށް އެހީތެރިވުމަށް އެދި ހުށަހަޅައިފިއެވެ. މި ސިޓީގައި ފަލަސްތީނުގެ ވެރިކަމުގެ އިދާރާއިންވަނީ އިސްރާއީލަށް ކުރިމަތިވެފައިވަނީ ވަރަށް ހިތާމަވެރި ހިތްދަތި ހާލަތެއް ކަމަށާއި މި ހާލަތާމެދު ފަލަސްތީނުން ހަމްދަރުދީ ވާކަން ހާމަކޮށްފައެވެ. އަދި، ފަލަސްތީނު އޮތީ އިސްރާއީލާ އެކުގައި ކަމަށް ބުނެ އިސްރާއީލުގައި އަނދަމުންދާ އަލިފާންގަނޑުތައް ނިއްވުމަށް ފަލަސްތީނުގެ ވެރިކަމުގެ އިދާރާގެ ފުލުހުންނާއި މުވައްޒަފުން ފޮނުވުމަށް އެދި އިސްރާއީލަށް ހުށަހަޅާފައެވެ. ނަމަވެސް، އެއްވެސް ވަސީލަތެއް ނެތް ފަލަސްތީނުގެ ވެރިކަމުގެ އިދާރާގެ އެހީ ބޭނުންވާކަމަށް އިސްރާއީލު ބުނެފައެއް ނުވެއެވެ. އޭގެ ބަދަލުގައި އިސްރާއީލުން އެހީއަށް އެދިފައިވަނީ އިސްރާއީލުގެ ޓެރަރިޒަމް ސްޕޮންސާކުރާ ހުޅަނގުގެ ގައުމުތަކުގެ ކިބައިންނެވެ. އިޓަލީ، ގްރީސް، ސައިފްރަސް އަދި އެމެރިކާގެ ކިބައިންނެވެ. މި ގައުމުތަކުން އިސްރާއީލު އެދިފައިވަނީ އަލިފާންގަނޑުތައް ކޮންޓްރޯލްކުރުމަށް ޚާއްސަ ސާމާނާ އެކު ހެލިކޮޕްޓަރާއި މަތިންދާ ބޯޓާއި އެކަމުގެ ތަޖުރިބާކާރުން ފޮނުވައި ދިނުމަށެވެ. ރިޕޯޓްތައް ބުނާގޮތުން އިޓަލީއާއި ގްރީސްއިންވަނީ މަތިން ފެނާއި އަލިފާން ނިއްވާ މާއްދާތައް ޖެހުމުގެ ގާބިލުކަން ލިބިފައިވާ މަތިންދާ ބޯޓާއި އެ ބޯޓުތައް އޮޕަރޭޓްކުރާ ކްރޫން ވެސް މިހާރު ވަނީ ފޮނުވާފައެވެ. ނަމަވެސް، އަލިފާންގަނޑުތައް އަދިވެސް ކޮންޓްރޯލްނުވެ، ދަނީ އިތުރު ސަރަހައްދުތަކަށް ފެތުރެމުންނެވެ. އަލިފާންގަނޑު އެންމެ ބޮޑަށް ފެތުރިފައިވަނީ އިސްރާއީލު ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީން ވަޒަންވެރި ކުރުވުމަށް އިސްރާއީލު ބިނާކޮށްފައިވާ ޔަހޫދީ އަބާދީތައް ހުރި ސަރަހައްދުތަކުގައެވެ. މީގެ ތެރޭގައި އިސްރާއީލު ހިފާފައިވާ ގުދުސްގެ ވަށައިގެންވާ ސަރަހައްދުތަކާއި ހުޅަނގު އައްސޭރީގައިވާ އިސްރާއީލުގެ އަސްކަރީ މަރުކަޒުތަކާއި އަސްކަރީ ކޭންޕްތަކުގެ ވަށައިގެންވާ ސަރަހައްދުތައް ހިމެނެއެވެ. އިސްރާއީލުގެ މީޑީއާ ބުނާގޮތުން އިސްރާއީލުގެ އުތުރުން ފެށިގެން ހުޅަނގު އައްސޭރި ހިމެނޭގޮތަށް އިސްރާއީލުގެ ދެކުނުގެ ފަރުބަދަތަކާއި، ގުދުސްގެ ވަށައިގެންވާ ފަރުބަދަތަކުގައި ދަނީ އަލިފާންރޯވެ އަނދަމުންނެވެ. އިސްރާއީލު ބުނާގޮތުން އަލިފާން ނިއްވުމުގެ 50 އަށް ވުރެގިނަ ޓީމު ދަނީ ހަރަކާތްތެރިވަމުންނެވެ. އަލިފާނުގެ ސަބަބުން ހުޅަނގުއައްސޭރީގައި އިސްތިއުމާރީ އުސޫލުން ދިރިއުޅޭ އިސްރާއީލުގެ ޔަހޫދީ ވަޒަންވެރިންގެ އެތައް ހާސް ބަޔަކު ވަނީ އެ މީހުންގެ ގެދޮރު ދޫކޮށް ރައްކާތެރި ތަންތަނަށް ގޮސްފައެވެ. އަލިފާނުގެ ސަބަބުން އިސްރާއީލުގެ ފަޔާ ފައިޓާއިންގެ ބަޔަކުވަނީ ފިހިފައެވެ. އަދި، އިސްރާއީލުގެ އަސްކަރީ ދެ މަރުކަޒަކެއްގެ ވަށައިގެން އަލިފާންގަނޑު އަނދާތީ އެދެތަންވަނީ އަލިފާނުން ހިސާރުވެފައެވެ. އަލިފާން ނިއްވުމުގައި އިސްރާއީލަށް އެހީތެރިވުމަށް ހުށަހެޅި ފަލަސްތީނުގެ ވެރިކަމުގެ އިދާރާއަކީ އިސްރާއީލުގެ ކޮންޓްރޯލްގެ ދަށުގައިވާ ފަލަސްތީނުގެ ގޮނޑި ކޮއްކޮ އިދާރާއެކެވެ. އެއީ، އިސްރާއީލު ހިފާފައިވާ ފަލަސްތީނުގެ ހުޅަނގު އައްސޭރިއާއި ޣައްޒާގެ މުނިސިޕަލް ޚިދުމަތްތައް ދިނުމުގައި އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކަށް ދަތިވާތީ އެކަން ފަސޭހަކޮށްދީ އިސްރާއީލުގެ އިސްތިއުމާރަށް ވާގިވެރިވުމަށް އުފައްދާފައިވާ އިދާރާއެކެވެ. ހަމާސް ޖަމާއަތުން 2007 ވަނަ އަހަރުވަނީ ޣައްޒާއިން މި އިދާރާގެ ބާރުތައް ފައްސާލާފައެވެ. ނަމަވެސް، ހުޅަނގު އައްސޭރީގައި އިސްރާއީލުގެ އިސްތިއުމާރީ ހަރަކާތްތަކަށް ވާގިވެރިވަނީ އައްބާސްގެ ވެރިކަމުގެ މި އިދާރާއިންނެވެ. އިސްރާއީލު އިއްޔެވެސްވަނީ ޣައްޒާގެ އާންމުންގެ ފޭލިގެތަކަށް ހަމަލާދީ 44 މީހަކު ޝަހީދުކޮށް އެތައް ބަޔަކު ޒަޚަމުކޮށްލާފައެވެ. އަދި، އިސްރާއީލު ގެންދަނީ ޣައްޒާގެ ރައްޔިތުންގެ ނަސްލު ނައްތާލުމަށްޓަކައި ޣައްޒާގެ ރައްޔިތުން ބޯފެނާއި ކާބޯތަކެތީން މަހުރޫމްކޮށް ޣައްޒާގެ ރައްޔިތުން ބަނޑަށް ޖައްސައިގެން އެމީހުން މެރުމުގެ ލާއިންސާނީ ހަރަކާތްތަކެއްވެސް ފަށާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ