އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލައިގެ ނޯޓިސް ފޮނުވައިފި

މާލޭގެ އުސް އިމާރާތަކުން ވެއްޓި ވަރަށް ބޮޑަށް ޒަހަމްވެފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދުގެ މައްސަލަ އާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވަކިކުރަން އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ހުށަހެޅި މައްސަލައިގައި އޭނާއަށް ނޯޓިސް ފޮނުވައިފި އެވެ.
އަދަދު އަށް އެނގިފައިވާ ގޮތުގައި އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ 12 މެންބަރުންގެ ސޮޔާ އެކު އެމްޑީޕީން ހުށަހެޅުމުން، އޭނާއަށް 14 ދުވަހުގެ ނޯޓިސް ފޮނުވައި ވަކިކުރުމުގެ ޖަލްސާ ބޭއްވުމަށް ތާވަލުކޮށްފައި ވަނީ މެއި 15، ގަ އެވެ.
އެމްޑީޕީގެ ޕީޖީ ގްރޫޕުގެ ލީޑަރު އިބްރާހިމް ނާޒިލް މައްސަލައާ ގުޅޭ ގޮތުން ވިދާޅުވީ އަމީންގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދީ ޒުވާނުން ކުރަމުންދާ މުޒާހަރާތަކާއި ނޫސްވެރިންގެ ގެނެސްދޭ ވާހަކަތައް އަދި އިތުރަށް ޕާޓީން ހޯދި މައުލޫމާތުތަކަށް ބެލުމަށްފަހު ކަމަށެވެ.
މިނިސްޓަރުކަމުން އަމީން ވަކިކުރަން ހުށަހަޅާފައި މިވަނީ ޔުމްނު ވެއްޓުނު މައްސަލައިގެ ތަހުގީގަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ގިނަ ބަޔަކު ތުހުމަތު ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
ޔުމްނު ނިސްބަތްވާ ގަލޮޅު ދެކުނު މެންބަރު މީކާއިލް އަހުމަދު ނަސީމް ވިދާޅުވީ، މި މައްސަލައާ ގުޅިގެން އަމީން ދިރިއުޅުއްވާ މއ. މާންދޫގެ ދެކުނުގެ އިމާރާތައް ފުލުހުން ވަންނަމުން ދަނިކޮށް ފުލުހުންގެ އިސްވެރިންނަށް ގުޅުމާއި އެ ގޭގެ ކެމެރާތައް ހަލާކުވެފައިވާ ކަމަށް ބުނެ ސެކުއިރިޓީ ފުޓޭޖު ނުދިނުން ހިމެނޭ ކަމަށެވެ.
ޔުމްނު ވެއްޓުނު ހާދިސާ ހިނގި ރޭ، އޭނާ ވެއްޓުނު ހ. ފެންޓެނޯއި ގެއަށް އޭނާ އަދި މި މައްސަލާގައި ހައްޔަރުކޮށްފައިވާ ރައުދު އަހުމަދު ޒިލާލް ދިޔުމުގެ ކުރިން ގ. ކަށިވެލި އަދި މއ. މާންދޫގެ ދެކުނުގެއަށް ދިޔަ އެވެ. ފުރަތަމަ ދިޔަ ގެއަކީ އަމީންގެ ގެ އެވެ. އޭރު އަމީން ހުންނެވީ ރާއްޖެއިން ބޭރުގަ އެވެ.
ތުހުމަތުތައް އަމާޒުވެފައިވާ ގޮތުން ހާދިސާ ހިނގުމުގެ ކުރިން ޔުމްނު އާއި ރައުދު މިނިސްޓަރު އަމީންގެ ގެއަށް ގޮސް "މަސްތު ޕާޓީ" އެއްގައި ބައިވެރިވި އެވެ. އެކަން ފުލުހުން ފުރަތަމަ ސިއްރު ކުރުމަށްފަހު މީޑިއާތަކަށް ހާމަކޮށް އަމީންގެ ގެ ބަލައި ފާސްކުރީ ހަ ދުވަސް ފަހުންނެވެ.
މިނިސްޓަރު އަމީންގެ ގެ ފުލުހުން ބަލައި ފާސްކުރުން ލަސްވުމާ ގުޅިގެން ގިނަބައެއްގެ ފާޑުކިޔުން ފުލުހުންނަށް އަމާޒުވި އެވެ. އަދި ހެކި ނައްތާލަން ފުރުސަތު ދިން ކަމުގެ އިނގިލިތައް ވެސް އެ މުއައްސަސާއަށް އަމާޒުވި އެވެ.
މިނިސްޓަރު އަމީން އިސްތިއުފާ ދިނުމަށް ގިނަ ބަޔަކު ގޮވާލަމުންދިޔަ ނަމަވެސް، އޭނާ މި ނޫހަށް ވިދާޅުވީ އިސްތިއުފާ ދޭން ނުވެސް ވިސްނާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ