އެމްއެމްއޭގެ ބޯޑަށް ދެ ސްޓޭޓް މިނިސްޓަރުން ހަމަޖައްސައިފި

މަރުކަޒީ ބޭންކް، އެމްއެމްއޭގެ ބޯޑަށް ސަރުކާރުގެ ފަރާތުން އާ ދެބޭފުޅަކު ހަމަޖައްސައިފި އެވެ. 
ފަސްފަހަތް - ފައިނޭންޝަލް ސެންޓަރެއް ހެދުމަށް ކަމަށް ބުނެ ހުޅުމާލެއިން 14 ބިލިއަން ރުފިޔާއަށް ބިމެއް ގަންނަން އެމްއެމްއޭގެ ބޯޑުން ނިންމުމާ ގުޅިގެން އެކަމާ ހިތް ހަމަ ނުޖެހި މިދިޔަ މާޗް މަހުގެ ތެރޭގައި އެ ބޯޑުގައި ތިއްބެވި ދެ ބޭފުޅަކު ވަނީ އިސްތިއުފާ ހުށަހަޅުއްވައިފަ އެވެ. އެއީ: 
ޝުހާދު އިބްރާހިމް - އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން
އަހުމަދު ޒަޔާން މުހައްމަދު - ފިނޭންސް މިނިސްޓްރީގެ އިކޮނޮމިސްޓް
ވީ ކިހިނެއް؟ - އެމްއެމްއޭގެ ވެބްސައިޓުގައި މިހާރު އާންމުކޮށްފައިވާ ގޮތުގައި އެ ދެ މަގާމަށް މިހާރު ވަނީ އާ ދެ ބޭފުޅަކު ސަރުކާރުގެ ފަރާތުން ހަމަޖައްސައިފަ އެވެ. އެއީ: 
އިކޮނޮމިކް މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަހުމަދު 
ފިނޭންސް މިނިސްޓްރީގެ ފަރާތުން އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މާޒިން 
އެ ބޭފުޅުން ބޯޑަށް ހަމަޖެއްސި ތާރީހު ސާފުކުރަން އެދުނު ނަމަވެސް އެމްއެމްއޭން އެކަމާ ގުޅޭ ގޮތުން ވާހަކައެއް ނުދެއްކި އެވެ.
އެނގުން މުހިންމު - އެމްއެމްއޭގެ ބޯޑުގައި މުހައްމަދު އަހުމަދު އާއި މާޒިންގެ އިތުރުން ދެން ތިއްބަވާ ބޭފުޅުންނަކީ: 
އަހުމަދު މުނައްވަރު - ގަވަރުނަރު 
އިދުހާމް ހުސެއިން - އެމްއެމްއޭގެ އެޑްވައިޒަރު
މަހުޒޫމް ސަލީމް - ޕްރައިވެޓް ސެކްޓާ ތަމްސީލް ކުރާ
ފާތިމަތު ޝަފީގާ - ޕްރައިވެޓް ސެކްޓާ ތަމްސީލްކުރާ
އެމްއެމްއޭގެ ގާނޫނު ބުނާ ގޮތުން އެމްއެމްއޭގެ ބޯޑުގައި ތިއްބަވަން ޖެހެނީ ހަތް ބޭފުޅެކެވެ. މިވަގުތަށް ބޯޑުގައި އެއް މަގާމު ހުސްވެފައި ވަނީ ޑެޕިއުޓި ގަވަރުނަރުގެ މަގާމު ހުސްވެފައި އޮތުމުންނެވެ. ޑެޕިއުޓީ ގަވަރުނަރުގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި އަހުމަދު އިމާދު އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. 
ގުޅުންހުރި - އެމްއެމްއޭގެ ޑެޕިއުޓީ ގަވަރުނަރުގެ މަގާމަށް މާލީ އިދާރާ ކުރިއެރުވުމާ ގުޅޭ އެމްއެމްއޭގެ ޑިޕާޓްމަންޓުގެ ވެރިޔާ އައިޝަތު އަސްނާ ހަމްދީ ހަމަޖައްސަން ރައީސް ވަނީ ބުދަ ދުވަހު ރައްޔިތުން މަޖިލީހަށް ފޮނުއްވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ