ޖިނާއީ ތުހުމަތެއް ކުރުމަށްފަހު ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު، ޝަމްއާން ވަހީދު ޝަރީއަތް ނިމެންދެން ބަންދު ކުރަން ކްރިމިނަލް ކޯޓުން ކުރި އަމުރު ހައި ކޯޓުން މިއަދު ދަމަހައްޓައިފި އެވެ.
ބަންދު އަމުރު އިސްތިއުނާފު ކުރުމުން އެ މައްސަލައިގައި ގޮތެއް ނިންމަމުން ހައި ކޯޓުން ކުރި ހުކުމުގައި ބުނެފައި ވަނީ ޝަރީއަތް ނިމެންދެން ޝަމްއާން ބަންދު ކުރަން ދަށު ކޯޓުން ކޮށްފައިވާ އަމުރު ބާތިލު ކުރެވެން ނެތް ކަމަށެވެ.
އެ މައްސަލަަ މިއަދު ނިންމަމުން ހައި ކޯޓުން ވަނީ މުހިންމު އެހެން ނިންމުމެއް ވެސް ނިންމައިފަ އެވެ. އެއީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ބައިވެރިވުމެއް ނެތި ފުލުހުންނަށް އެކަނި ވެސް ކޮރަޕްޝަންގެ މައްސަލަތައް ބެލޭނެ ކަމަށް ކަނޑައެޅުމެވެ.
މަނީލޯންޑްރިންގެ ތުހުމަތު އޮވެއްޖެނަމަ، އޭސީސީގެ ބައިވެރިވުމެއް ނެތި ފުލުހުންނަށް އެކަނި ވެސް އެކުށާ ގުޅިފައިވާ ކޮރަޕްޝަންގެ ކުށް ބެލިދާނެ ކަމަށް ވިދާޅުވެފައި ވަނީ ފަނޑިޔާރުންގެ ބެންޗުގައި ބައިވެރިވެވަޑައިގެންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒުގެ ރައުޔުގަ އެވެ. އެ ރައުޔަށް ދެން ތިއްބެވި ދެ ފަނޑިޔާރުން ތާއީދު ކުރެއްވި އެވެ.
ނަމަވެސް، އެހެން އިދާރާތަކުގެ ޖުރިސްޑިކްޝަން ހިނގާ ތަހުގީގުތަކުގައި އެ އިދާރާއެއްގެ ބައިވެރިވުން ނެތި އެ މައްސަލައެއް ފުލުހުންނަށް ނުބެލޭނެ ކަމަށް މީގެ ކުރިން ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ މީގެ ކުރިން ނިންމައިފަ އެވެ.
ޝަމްއާންގެ އިސްތިއުނާފު އަޑުއެހުމުގައި ކޮރަޕްޝަންގެ މައްސަލަތައް ބެލޭނީ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ނުވަތަ އެ ކޮމިޝަނުގެ ބައިވެރިވުން އޮވެގެން ކަމަށް ގާނޫނުގައި ބަޔާން ކޮށްފައި އޮއްވައި ޝަމްއާންއަށް ކުރާ ކޮރަޕްޝަންގެ ތުހުމަތުގެ މައްސަލަ ފުލުހުން އެކަނި ތަހުގީގު ކުރަނީ ކީއްވެތޯ އޭނާގެ ވަކީލު ނޫރުއްސަލާމް ކުރިން ސުވާލު އުފައްދާފައިވެ އެވެ.
މީގެއިތުރުން ކޮރަޕްޝަން އާއި މަނީ ލޯންޑަރިންގެ މައްސަލަތަކަކީ މުޖުތަމައުގެ ރައްކާތެރިކަމަށް ނުރައްކަލެއް އޮންނަ ބާވަތުގެ މައްސަލަތަކެއް ކަމަށް މީގެ ކުރިން ދައުލަތުން ގަބޫލު ކުރަމުން އައިސްފައި ނުވާކަން މީގެ ކުރީގެ މައްސަލަތަކަށް ބަލައިލުމުން ސާފުކޮށް އެނގޭ ކަމަށް ވަކީލު ފާހަގަކުރެއްވި އެވެ.
ޝަމްއާން ޝަރީއަތް ނިމެންދެން ބަންދުކުރީ ހެއްކަށް ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށްގެންނެވެ. ނަމަވެސް އިސްތިއުނާފު އަޑުއެހުމުގައި އޭނާގެ ވަކީލު ވިދާޅުވީ ޝަމްއާން ނުފޫޒު ފޯރުވަން ޖެހޭ ހެއްކެއް ނުހުންނާނެ ކަމަށާއި ދެކޮޅަށް ހެކި ދިން މީހުން ވެސް ޝަމްއާންއަށް ނޭނގޭ ކަމަށެވެ.
ޝަމްއާންގެ އަނބިކަނބަލުން ހިދުފާ ފާއިޒް ސޯޝަލް މީޑިއާ ޕްލެޓްފޯމެއްގައި ކުރެއްވި ޕޯސްޓެއްގައި ބުނީ އޭނާގެ ފިރިކަލުން ޝަމްއާން ހައްޔަރުކޮށްފައި ވަނީ "ނުހައްގުން، ފްރޭމްކޮށްގެން" ކަމަށެވެ.
ފުލުހުން ޝަމްއާން ހައްޔަރު ކުރީ މާޗް 22، ގަ އެވެ. އޭނާގެ މައްޗަށް ތުހުމަތު ކުރަނީ ބިދޭސީއަކު ހައްޔަރު ކުރުމަށްފަހު އޭނާގެ އަތުން ފައިސާ އަތުލި ކަމަށެވެ. އެ މައްސަލައިގައި އޭނާއާއެކު އިތުރު ބަޔަކު ވެސް ހައްޔަރު ކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ އިމިގްރޭޝަން އޮފިސަރުންތަކަކާއި އާންމުންގެ މީހެކެވެ.
ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރަން ކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި ޝަރީއަތް ނިމެންދެން ޝަމްއާން ބަންދުކުރަން ކުރި އަމުރު ހައި ކޯޓުން ދަމަހައްޓައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ