ރޭ އޮތް ސަންގު ޓީވީގެ ރިޔާސީ ބަހުސް ކުރިއަށް ދިޔަ ވަގުތު ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ސަޕޯޓަރުންގެ ޖޯޝު ހުރި ބަލައިލަން އެތަނުގައި ހުރީމެވެ. ބޮޑެތި ބައެއް ޕާޓީތަކުގެ ޖަގަހަތަކުގައި 'މާ ބޮޑު ފޯރިއެއް' ނެތް ކަމަށް އެނގިފައި އޮތުމާ އެކު، ޖޭޕީގެ ޖަގަހަ ވެސް އޮންނާނީ އެހެން ކަމަށް ހިތަށްއެރިއެވެ. އެހާމެ ވިއްސާރަ އެވެ. އެކަމަކު ކުނޫޒުގައި ތިބި ޖޭޕީގެ ސަޕޯޓަރުންގެ ފަރާތުން ފެނުނީ ހީކުރި ގޮތާ ދިމާ އިދިކޮޅަށެވެ: ޖޯޝާއި ފޯރިއެވެ. ތަރުހީބުގެ އަތްތިލަ ބަޑިތަކެވެ.
އެ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވާހަކަ ދައްކަވާ ކޮންމެ ފަހަރަކު ވެސް އެ ވާހަކަ ކަނުލައި އަޑުއަހައި، ވާހަކަ ނިމުމާއެކު 'ސާބަހޭ' ކިޔައި ތައުރީފުކުރި އެވެ.
ދެމިގެން ވެސް ގާތްގަނޑަކަށް 50 އެއްހާ މީހުން އެތަނުގައި ތިއްބެވެ. ކުނޫޒުގައި ހުރި މަދު ގޮނޑިތައް ފުރި ގިނަ މީހުން ބަހުސް ބެލީ ކޮޅަށް ތިބެގެންނެވެ.
"އަޅުގަނޑު މިއަދު މިހުރީ ވަރަށް އުފަލުން. އެއީ އަޅުގަނޑުމެންގެ ކެންޑިޑޭޓް، ގައުމީ ކެންޑިޑޭޓް އޮނަރަބަލް ގާސިމް އިބްރާހިމް މިރޭގެ ބަހުސުގައި ވަރަށް ގަޓުގައި، ވަރަށް ހަމަޖެހިގެން ރާއްޖޭގެ ގާނޫނުއަސާސީ ދިފާއުކޮށްފައި އެ ދެއްކެވި ވާހަކައާ ހެދި،" ކުނޫޒަށް އައިސް ހުރި ގާސިމްގެ ސަޕޯޓަރެއް ކަމަށްވާ އަބްދުﷲ ރަޝީދު، 55 ބުންޏެވެ.
ރަޝީދު ބުނީ ގާސިމްގެ ފަރާތުން ފެނުނީ މެނިފެސްޓޯގެ ކަންކަން ރައްޔިތުންްނާ ހަމައަށް އެއްވެސް ޖެހިލުމެއް ނެތި ގެނެސްދެއްވި ތަނަ ކަމަށެވެ. އެކަމުން ސާބިތުކޮށް ދިނީ ރޭގެ ބަހުސުގައި އެންމެ ކެރުންތެރިކަމާ އެކީ ކޮންމެ ސުވާލަކަށް ވެސް ޖަވާބު ދެއްވީ ގާސިމް ކަން ކަމަށް ވެސް އޭނާ ބުންޏެވެ.
ބަހުސް ކުރިއަށް ދިޔަ ވަގުތު ސަޕޯޓަރުންގެ ހަރަކާތްތައް ބެލުމުގައި އިސްކޮށް ހަރަކާތްތެރިވި އެއް ބޭފުޅަކީ އެ ޕާޓީގެ ޑެޕިއުޓީ ސެކްރެޓަރީ ޖެނެރަލް މޫސާ މުޝްތާގް އެވެ.
"މިރޭގެ ބަހުސުގައި އަޅުގަނޑަށް ފާހަގަކުރެވުނީ ގާސިމް އިބްރާހިމްގެ ވާހަކަފުޅު ވަރަށް ފުރިހަމަ. ވަރަށް ބަލާގަތްތެރިކަމާ އެކީގައި ދިވެހި ރައްޔިތުންނަށް އެމަނިކުފާނުގެ ތަސައްވުރު ވަރަށް ތަފްސީލުކޮށް ވަރަށް ސަރީހަކޮށް ވިދާޅުވެ ދެއްވައިފި،" އޭނާ ވިދާޅުވި އެވެ.
މުޝްތާގުގެ އެ ތައުރީފުގެ ބަސްތަކަށް އެތަނުގައި އޭރު ތިބި ހުރިހާ ސަޕޯޓަރުން ވެސް އެއްބަސްވި އެވެ. 'ގަޓުގައި ޖަވާބު ދިިން' ބޭފުޅަކީ ގާސިމް ކަމަށް އެއްބަސްނުވާ އެކަކު ވެސް އެތަނުގައި ނެތެވެ.
"އަޅުގަނޑު ދަންނަވާނީ އަސްލު މި ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހިމް ވަރުގެ ގަޓު ހުރި ކެންޑިޑޭޓަކު ނެތް މިރޭ،" ގާސިމްގެ ސަޕޯޓަރެއް ކަމަށްވާ އަނީސާ ސައީދު، 54 ބުންޏެވެ.
"މިތަނުގައި އެންމެން އަތްތިލަބަޑި ޖަހާތަން ފެނުނު އަޅުގަނޑަށް."
އަނީސާ ބުނި ފަދައިން، ސަޕޯޓަރުންގެ ފަރާތުން ފެނުނީ ތަފާތު ޖޯޝެކެވެ. ގާސިމަށް އޮތް އިހްތިރާމެވެ.
ބައެއް ސަޕޯޓަރުން އެހެން ކެންޑިޑޭޓުންނަށް ހަޖޫ ޖަހައި މަލާމާތް ކުރަމުން ވެސް ދިޔަ އެވެ.
ތަފާތު އެހެން ކަމެއް ވެސް ޖޭޕީގެ ޖަގަހައިން ފެނުނެވެ. ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ ކެންޑިޑޭޓް، އުމަރު ނަސީރުގެ ވާހަކަތަކަށް ގާސިމްގެ ބައެއް ސަޕޯޓަރުން ތައުރީފުކުރުމެވެ.
ވަކިން ހާއްސަކޮށް ބޭރުގެ ސިފައިންނާއި ފެންވަރު ދަށް ބޭހާ ގުޅޭ ގޮތުން އުމަރު ނަސީރު ދެއްވި ޖަވާބުތަކަށް ތާއިދުކޮށް، ތައުރީފުކުރި މީހުން މަދެއް ނޫނެވެ.
"ސާބަހޭ އުމަަރު. އެ ޖެހުނީ އެކަން ބަލަން،" ބޭހާ ގުޅޭ ގޮތުން ކުރި ސުވާލަށް އުމަރު ދެއްވި ޖަވާބަށް ޖޭޕީގެ ސަޕޯޓަރަކު ބުންޏެވެ..
ބަހުސަށް ފަހު ޖޭޕީގެ ސަޕޯޓަރުން ޖަގަހައިން ނުކުތީ ހިތްހަމަޖެހިގެންނެވެ. އަދި ބަހުސުން މޮޅުވީ އެ މީހުންގެ ކެންޑިޑޭޓް ގާސިމް ކަމަށް ނިންމައިގެންނެވެ.
ރިޔާސީ ބަހުސް: ސަޕޯޓަރުން ޖޯޝުން ފުރިފައި، ބަހުސްގައި ގާސިމް ވަރުގެ ލީޑަރަކު ނެތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ