ދިވެހި ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތުގައި

ދިވެހި ހުރިހާ ހައްޖުވެރިން މިހާރު އަރަފާތު ބިމަށް ގޮސްފައިވާ ކަމަށް ހައްޖު މިޝަނުން މިއަދު ބުނެފިއެވެ. ބާވީސް ބަހުގައި އަރަފާތަށް ދިއުމަށް ދިވެހި ހައްޖުވެރިން ދަތުރުފެށީ، ރާއްޖެ ގަޑިން ރޭ 23:00ގައެވެ. ހުރިހާ ހައްޖުވެރިން އަރަފާތަށް ގޮސް ނިމުނީ، ރޭ ފަތިހެވެ. އިސްލާމް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ފަތިހު ވިދާޅުވި ގޮތުގައި، އެއް ހައްޖުވެރިއަކު ފިޔަވައި ހުރިހާ ހައްޖުވެރިން ތިބީ އަރަފާތުގައެވެ. އެ ހައްޖުވެރިޔާ ވެސް އަރަފާތަށް ގެންދާނެ ކަމަށް އޭރު މިނިސްޓަރު ވިދާޅުވިއެވެ. އެއް ހައްޖު ވެރިއަކު އޭރު އަރަފާތަށް ނުގެންދެވުނީ މިނާގެ ހޮސްޕިޓަލެއްގައި އެޑްމިޓް ކޮށްފައިވާތީއެވެ. ދިވެހި ހައްޖުވެރިންތަކެއް -- ފޮޓޯ/ އެމްއޭސީއެލް އޭގެފަހުން، ރާއްޖެ ގަޑިން މިއަދު 11:00 ހާއިރު ހައްޖު މިޝަނުން ވަނީ، ދިވެހި ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތުގައި ކަމަށް ބުނެފައެވެ. މިނާ އެކޭ އެއްގޮތަށް އަރަފާތުގައި ވެސް ހައްޖުވެރިންނަށް ވަނީ ފުރިހަމަ އިންތިޒާމުތަކެއް ހައްޖު މިޝަނުން ވަނީ ހަމަޖައްސާފައެވެ. މިއަދަކީ އަރަފާތު ދުވަސް ކަމަށްވާއިރު، މިއަދު އަރަފާތު ބިމުގައި ތިބުމަކީ ހައްޖުގެ ރުކުނެކެވެ. މިއަދުގެ މެންދުރު ނަމާދަށްފަހު، އިމާމުމީހާ ޚުތުބާ ދެއްވާނެއެވެ. އެއަށްފަހު ހައްޖުވެރިން މެންދުރު ނަމާދާއި އަސްރު ނަމާދު ޖަމްއުކޮށް ގަސްރު ކުރާނެއެވެ. އިރުއޮއްސެންދެން ހައްޖެވެރިން އެ ތަނުގައި ތިބޭނެއެވެ. އެ ވަގުތު އެ މީހުން ހޭދަކުރާނީ ދުއާކުރުމާއި އިސްތިޣުފާރު ކުރުމާއި ޒިކުރު ކުރުމުގައެވެ. އެ ގޮތުން ޚުޝޫޢަތްތެރިކަމާއެކު ﷲ ތައާލާއަށް ކުރިމަތިލައިގެންހުރެ، އަމިއްލަ ނަފުސަށާއި، އަހުލުންނާއި މުސްލިމުން އަޚުންނަށް ހެޔޮ ދުއާ ކުރާނެއެވެ. މުޒްދަލިފާއަށް ދާން ހައްޖުވެރިން ދަތުރުފަށާނީ އިރުއޮއްސުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ