މީހަކު ރަހީނުކުރިކަމުގެ ތުހުމަތުކުރެވޭ ހަތަރު ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

މިދިޔަ މާރިޗް މަހުގެ 25 ވަނަދުވަހު ފުލުހުންނަށް ހުށަހެޅުނު މީހަކު ރަހީނުކުރި މައްސަލައިގަ ތުހުމަތުކުރެވޭ 4 ބިދޭސީއަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.
ފުލުހުން މީގެ ކުރިން ބުނެފައިވަނީ، މިދިޔަ މާރިޗް މަހުގެ 25 ވަނަދުވަހު، ހުޅުމާލޭގައި އިމާރާތްކުރަމުންދާ ތަނެއްގެ ތެރޭގައި މީހަކު ރަހީނުކުރި މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ ކަމަށެވެ. އެމީހާ ހޯދުމުގެ މަސައްކަތްކުރަނިކޮށް، މާރިޗް މަހުގެ 27 ވަނަދުވަހު ވިލިމާލެ އިން އެމީހާ ފެނިފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ. އެމައްސަލައާއި ގުޅިގެން 5 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އެމައްސަލައިގަ، މީހަކު ރަހީނުކުރިކަމުގެ ތުހުމަތަށް ހައްޔަރުކުރެވުނީ، ރަސަލް (20އ) އާއި، އެމްޑީ ހޮސައިން (30އ) އާއި، އެމްޑީ މެހެދި ހަސަން (34އ) އާއި، ސާފިފް ހަސަން (38އ) އަދި އެމްޑީ ޝާ އަލަމް (39އ) އެވެ. މި 5 މީހުންނަކީވެސް ބަންގަލަދޭޝްއަށް ނިސްބަތްވާ 5 މީހުންނެވެ. މިމައްސަލައިގަ އެޕްރީލް މަހުގެ 10 ވަނަދުވަހު ކްރިމިނަލް ކޯޓުން ނެރުނު ބަންދުއަމުރުގައި ބުނެފައިވަނީ، މި އެންމެންގެ ތެރެއިން، އެމްޑީ ހޮސައިން ވަނީ، އެ މައްސަލައިގައި ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްގެން މީހަކަށް ޖިސްމާނީ ބޮޑެތި އަނިޔާތަކެއް ދީފައިވާ ކަމަށާއި، އަދި އެއީ ގިނަ ބަޔަކު ބައިވެރިވެގެން ހިންގާފައިވާ އަމަލެއް ކަމަށާއި އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވީ އެމްޑީ ހޮސައިން ކަމަށެވެ. އަދި އޭނާ އަށް ކުރެވޭ ތުހުމަތަށް އިއުތިރާފްވެ، ކަން ހިނގާދިޔަގޮތް ކިޔައިދީފައިވާ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
އެހެންނަމަވެސް އޭގެ ފަހުން މިމަހުގެ 10 ވަނަދުވަހު ބޭއްވި ބަންދުގެ މުއްދަތު މުރާޖައާކުރުމުގެ ޝަރީއަތުގެ މަޖިލީހުގައި އެމްޑީ ހޮސައިން ވަނީ އޭނާގެ މައްޗަށް ކުރެވޭ ތުހުމަތަށް އިންކާރުކޮށްފައެވެ. އެދުވަހު ކްރިމިނަލް ކޯޓުންވަނީ އޭނާގެ ބަންދަށް 30 ދުވަސް އިތުރުކޮށްފައެވެ. އޭގެ ފަހުން އެމައްސަލައިގަ ތުހުމަތުކުރެވޭ ދެންތިބި 4 މީހުން ޝަރީއަތްނިމެންދެން ކްރިމިނަލް ކޯޓުންވަނީ އަމުރުކޮށްފައެވެ. މޯލްޑިވްސް ޕޮލިސް ސާވިސް އިންދަނީ މިމައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ