މެލޭޝިއާގައި މަސްތުވާތަކެތި ބޭނުންކޮށް އެއްޖިންސުން ގުުޅުން ހިންގި ޕާޓީއަކުން 51 މީހުން ހައްޔަރުކޮށްފި

މެލޭޝިއާގެ ވެރިރަށް ކުއާލަލަމްޕޫރުގެ ހޮޓަލެއްގައި މަސްތުވާތަކެތި ބޭނުންކޮށް އެއްޖިންސުން ގުޅުން ހިންގި ޕާޓީއެއްގައި ބައިވެރިވި 51 މީހުން މިދިޔަ އާދިއްތަ ދުވަހު މެލޭޝިއާ ފުުލުހުން ހިންގި ރެއިޑެއްގައި ހައްޔަރުކޮށްފިއެވެ. މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ މެލޭޝިޔާގައި އެއްޖިންސުން ގުޅުން ހިންގުމަކީ ކުށެކެވެ. މަސްތުވާތަކެތީގެ އިންވެސްޓިގޭޝަންސް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ހުސެއިން އުމަރު ޚާން ނެރުނު ބަޔާނެއްގައި ވިދާޅުވީ ވަކިވަކިން ހިންގި ހަތަރު ރެއިޑެއްގައި ފުލުހުން ހައްޔަރުކޮށްފައިވަނީ އުމުރުން 21 އަހަރާއި 52 އަހަރާ ދެމެދުގެ ބައެއް ކަމަށެވެ. އަދި އޭގެ ތެރޭގައި 28 ބިދޭސީން ހިމެނޭ ކަމަށްވެސް ވިދާޅުވިއެވެ. އަދި އެމްޑީއެމްއޭ އާއި އެކްސްޓަސީ ގުޅަ އަދި ޕައުޑަރާއި ކެޓަމިން ހިމެނޭ ގޮތަށް ގާތްގަނޑަކަށް 103،070 ރިންގިޓް (33،200 ސިންގަޕޫރު ޑޮލަރު) ގެ އަގުހުރި މަސްތުވާތަކެތި ވެސް ކަމާބެހޭ ފަރާތްތަކުން އަތުލައިގެންފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. "މި ގްރޫޕުން މުނިފޫހިފިލުވުމަށް، މަސްތުވާތަކެތި ބޭނުންކުރުމަށް މަތީ ފެންވަރުގެ ހޮޓަލްތަކުގެ ކޮޓަރިތައް ބޭނުންކުރާކަން އެނގުނު. އަދި އަޚްލާގީ ގޮތުން ގޯސް އަމަލުތަކުގައި ބައިވެރިވާ ކަމަށް ބެލެވޭ." އުމަރު ޚާން ވިދާޅުވިއެވެ. ރޮއިޓާސް އިން ރިޕޯޓުކޮށްފައިވާ ގޮތުގައި ރެއިޑްތަކުގެ ކުރިން އެ ޕާޓީގައި ހުރި ކަމަށް ޝައްކު ކުރެވޭ މީހަކު ހޭނެތިފައި އޮއްވާ ހޮޓަލުގެ ލޮބީން ފެނިފައިވެއެވެ. އޭނާ ކުއާލަލަމްޕޫރު ހޮސްޕިޓަލަށް ގެންދިޔަ ކަމަށާއި، ނަމަވެސް އޭނާ މަރުވެފައިވާ ކަމަށް އުމަރު ޚާން ވިދާޅުވިއެވެ. އޭނާ މަރުވި ސަބަބާއި ބެހޭ ތަފްސީލެއް އޭނާ ނުދެއްވައެވެ. އުމަރު ޚާން ވިދާޅުވީ ނުރައްކާތެރި މަސްތުވާތަކެތީގެ ގާނޫނުގެ ދަށުން އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. ބަންދުގައި ތިބި މީހުންގެ ތެރެއިން 36 މީހުން މަސްތުވާތަކެއްޗަށް ޕޮސިޓިވް ވެފައިވާ ކަމަށާއި ތަހުގީގުތައް ކުރިއަށްދާއިރު ބަންދުގައި ތިބި މީހުންގެ ބަންދަށް ތިން ދުވަހާއި ހަ ދުވަހާއި ދެމެދުގެ މުއްދަތެއް ދީފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ