ދިވެހި ހުރިހާ ހައްޖުވެރިން މިހާރު އަރަފާތު ބިމަށް ގޮސްފައިވާ ކަމަށް ހައްޖު މިޝަނުން މިއަދު ބުނެފިއެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ އެންމެ ހާޖީއެއް ފިޔަވައި އެހެން ހުރިހާ ދިވެހި ހާޖީން ޢަރަފާތަށް ވަދެފައިވާ ކަމަށާއި އެއް ހާޖީއަކު މިނާގެ ހޮސްޕިޓަލްގައި އެޑްމިޓްކުރެވި ފަރުވާއެއް ދެވެމުންދާ ކަމަށެވެ. އަދި އެމީހާ ވެސް އަރަފާތަށް ގެންދެވޭނެ ކަމަށާއި ހައްޖު ކޯޕަރޭޝަންގެ އެހީތެރިން އެ ފަރާތަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.
ބާވީސް ބަހުގައި އަރަފާތަށް ދިއުމަށް ދިވެހި ހައްޖުވެރިން ދަތުރުފެށީ، ރާއްޖެ ގަޑިން ރޭ 23:00ގައެވެ. ހުރިހާ ހައްޖުވެރިން އަރަފާތަށް ގޮސް ނިމުނީ، ރޭ ފަތިހެވެ.
އަރަފާތު ބިމަށް ޖަމާވުމަކީ، ހައްޖުގެ އެންމެ މުހިއްމު އަދި އެންމެ މަތިވެރި ރުކުނެވެ. އަރަފާތު ބިމުގައި އަޅުކަމުގަ އާއި ގުރުއާން ކިޔެވުމާއި ދުއާ ކުރުމުގައި މުޅި ދުވަސް ހޭދަކުރެ އެވެ. ޢަރަފާތުގެ ބިމުގައިވާ މަސްޖިދުއްނަމިރާގައި މިއަދު މެންދުރު ނަމާދަށް ފަހު ހައްޖު ހުތުބާ ދިނުން އޮންނާނެ އެވެ.
އަދި މިއަދުގެ އިރު އޮއްސުމާ އެކު އަރަފާތު ބިމުން ހައްޖުވެރިން ފައިބާއިރު، ދެން ހައްޖުވެރިން ދާނީ މުޒްދަލިފާއަށެވެ. އަދި މާދަމާ ހެނދުނުން ފެށިގެން ޖަމްރާ އަށް ހިލަ އުކުން އޮންނާނެ އެވެ.
ރާއްޖެއިން މިއަހަރު ޖުމްލަ 1،000 ޙައްޖުވެރިން ޙައްޖުގެ އަޅުކަން ފުރިހަމަ ކުރާނެ އެވެ.
ދިވެހި ހުރިހާ ހައްޖުވެރިން މިހާރު ތިބީ އަރަފާތުގައި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ