ވައިޓް ހައުސްގެ ރަސްމީ އެޕް އެޅުމަށް މުވައްޒަފުންނަށް މަޖުބޫރު ކުރަނީ

އެމެރިކާގެ ސަރުކާރު މުވައްޒަފުން ބޭނުންކުރާ ރަސްމީ ފޯނުތަކަށް ވައިޓް ހައުސްގެ ރަސްމީ މޮބައިލް އެޕްލިކޭޝަން އެޅުން މަޖުބޫރުކުރުމަށް ޓްރަމްޕްގެ ސަރުކާރުން ރާވަމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ. "ގަވަމަންޓް އެގްޒެކެޓިވް" އިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، އެމެރިކާގެ އެގްޒެކެޓިވް ބްރާންޗުގެ ދަށުން ސަރުކާރުން ދޫކޮށްފައިވާ ހުރިހާ ފޯނުތަކެއްގައި މި އެޕް ހިމެނުމަށް ވަނީ ނިންމާފައެވެ. އަދި އަންނަ ހަފުތާއިން ފެށިގެން ބައެއް އިދާރާތަކުގެ ފޯނުތަކަށް މި އެޕްލިކޭޝަން އިންސްޓޯލް ކުރަން ފަށާނެ ކަމަށް ވައިޓް ހައުސްގެ އެތެރޭގެ އީމެއިލްތަކުން ވަނީ ހާމަވެފައެވެ. ސަރުކާރުގެ ހުރިހާ މުވައްޒަފުންގެ ފޯނުތަކަށް މި އެޕް އޮޓޮމެޓިކުން އެޅޭނެ އިންތިޒާމެއް މިހާރުދަނީ ހަމަޖައްސަމުން --- ފޮޓޯ: އޭޕީ މި އެޕްލިކޭޝަނަކީ ސަރުކާރުގެ ރަސްމީ ޚަބަރުތަކާއި ޕްރެސް ރިލީޒްތައް ބެލުމަށާއި، ސީދާ ޓްރަމްޕަށް މެސެޖު ކުރެވޭ ގޮތަށް މީގެ ދެ މަސް ކުރިން އާންމުންނަށް ދޫކޮށްލި އެޕެކެވެ. ވައިޓް ހައުސްގެ ތަރުޖަމާނު އޮލީވިއާ ވޭލްސް ބުނި ގޮތުގައި، ސަރުކާރުގެ ފޯނުތަކުގައި މުވައްޒަފުންގެ ދުވަހުގެ މަސައްކަތްތަކަށް އެހީތެރިވެދޭނެ އެޕްލިކޭޝަންތައް ހުރުމަކީ އާންމުކޮށް ކުރާ ކަމެކެވެ. ނަމަވެސް، އާންމުން ބޭނުންކުރާ އެޕާއި ސަރުކާރު މުވައްޒަފުންގެ ފޯނަށް މިއަޅާ އެޕާ އެއްވެސް ތަފާތެއް ނެތް ކަމަަށް ރިޕޯޓުތައް ބުނެއެވެ. މި ނިންމުމާ ގުޅިގެން ސައިބާ ސެކިއުރިޓީ މާހިރުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މި އެޕްލިކޭޝަން ފުރަތަމަ ނެރުނު ދުވަސްވަރުވެސް، މީގެއިން ފޯނު ހުންނަ ތަން (ލޮކޭޝަން) ޓްރެކް ކުރާ ކަމަށާއި، އަމިއްލަ މައުލޫމާތު ތިންވަނަ ފަރާތްތަކާ ހިއްސާކުރާ ކަމުގެ ތުހުމަތުތައް ވަނީ ފެންމަތިވެފައެވެ. ސަރުކާރުގެ މުވައްޒަފުންގެ ރަސްމީ ފޯނުތަކަށް މި އެޕް މަޖުބޫރުން އެޅުމުގެ ސަބަބުން، ސަރުކާރުގެ ސިއްރު މައުލޫމާތުތަކަށް ނުރައްކާވެ، ސެކިއުރިޓީ ބަލިކަށިވެގެން ހިނގައިދާނެ ކަމުގެ އިންޒާރު މާހިރުން ދެއެވެ. މި ނިންމުމަކީ ވައިޓް ހައުސްގެ ޚަބަރުތަކާއި ސަރުކާރުގެ ސިޔާސަތުތައް އެއްވެސް މެދުވެރިއަކާ ނުލައި ސީދާ ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ޓްރަމްޕްގެ ސަރުކާރުން ފެށި މަސައްކަތްތަކުގެ ތެރެއިން ނިންމި ނިންމުމެކެވެ. މީގެ ކުރިން ވެސް ޓްރަމްޕްގެ ވެރިކަމުގައި ސޯޝަލް މީޑިއާ އާއި ޑިޖިޓަލް ވަސީލަތްތައް ބޭނުންކޮށްގެން ސީދާ މުއާސަލާތު ކުރުމަށް ބާރުއަޅާފައިވާއިރު، މި އެޕްލިކޭޝަން މުވައްޒަފުންގެ ފޯނުތަކަށް މަޖުބޫރުކުރުމަކީ ސަރުކާރުގެ އެތެރޭގެ މުއާސަލާތީ ނިޒާމު ހަރުދަނާކުރުމަށް އެޅި ފިޔަވަޅެއް ކަމަށް ވައިޓް ހައުސްއިން ބުނެއެވެ. މީގެ ކުރިން ވެސް އެމެރިކާގެ ސަރުކާރު މުވައްޒަފުންގެ ރަސްމީ ފޯނުތަކުގައި ސަލާމަތީ ސަބަބުތަކަށްޓަކައި ޓިކްޓޮކް ފަދަ ބައެއް ބޭރުގެ އެޕްލިކޭޝަންތައް ބޭނުންކުރުން މަނާކޮށްފައިވާ ދަނޑިވަޅެއްގައި، ސަރުކާރުން އަމިއްލައަށް އުފައްދާފައިވާ އެޕެއްގެ ސެކިއުރިޓީއާ މެދު ސުވާލު އުފެދުމުން މި މައްސަލައަށް ވަނީ ބޮޑު ސަމާލުކަމެއް ލިބިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ