މޯލްޑިވްސް 2.0އާއެކު ކުދި ވިޔަފާރިތަކަށް މާލީގޮތުން ބޭނުންވާ އެހީތެރިކަން ލިބުމުގެ މަގު ފަހިކޮށްދީ ދުނިޔޭގެ ބާޒާރުތަކާއި ގުޅާލެވޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުގެ ދުވަހުގެ މުނާސަބާގައި ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ކުދި ވިޔަފާރިތަކަކީ ރަށްރަށުގެ ކުރިއެމާއި ފުރުސަތުތައް ފަހިކުރުމުގައި އެންމެ މުހިއްމު ދައުރެއް އަދާކުރާ ރާއްޖޭގެ އިޤްތިޞާދުގެ ބާރު ކަމަށެވެ. ރާއްޖޭގެ ދެމެހެއްޓެނިވި ތަރައްޤީގައި އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން މުހިންމު ދައުރެއް އަދާކުރާ ކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މާލީ އެހީތެރިކަމާއި އެކި ބާޒާރުތައް އެ ފަންތިތަކުގެ ވިޔަފާރިތަކަށް ފަހިކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މޯލްޑިވްސް 2.0އާއެކު ކުދި ވިޔަފާރިތަކަށް މާލީގޮތުން ބޭނުންވާ އެހީތެރިކަން ލިބުމުގެ މަގު ފަހިކޮށްދީ ދުނިޔޭގެ ބާޒާރުތަކާއި ގުޅާލެވޭނެ ކަމަށެވެ. އެގޮތުން މި މަސައްކަތުގައި ކަލްޗުރަލް ސެންޓަރުތަކާއި ކްރިއޭޓަރ ހަބް އަދި އެސްއެމްއީ ޑިޖިޓަލް ފައިނޭންސިންގ އިން މުހިއްމު ދައިރެއް އަދާކުރާނެ ކަމަށާއި، ބައިނަލްއަޤްވާމީ ބާޒާރުތަކަށް ވަނުމަށް އަލިބާބާ އަދި ޕޭޕަލްގެ ޚިދުމަތް ފަހިކޮށްދީ ކުދި ވިޔަފާރިތައް އިތުރު ކުރިއެރުވުމަށް މަގުފަހިކޮށްދެމުންދާ ކަމަށެވެ.
ސަރުކާރުން މަސައްކަތް ކުރަމުންދަނީ ހުރިހާ ރައްޔިތުންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ. 2026 އަދި 2027ވަނަ އަހަރަކީ ކުދި ވިޔަފާރިތައް ކުރިއެރުވުމުގެ އަހަރުތައް ކަމުގައި ކަނޑައަޅުއްވާފައިވާއިރު، މި ދާއިރާތައް ކުރިއެރުވުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުންދާނެ ކަމުގެ ޔަޤީންކަން ރައީސް ވަނީ ދެއްވާފައެވެ.
މޯލްޑިވްސް 2.0އާއެކު ކުދި ވިޔަފާރިތައް ދުނިޔޭގެ ބާޒާރުތަކާ ގުޅާލެވޭނެ: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ