ރައުދުގެ ބަންދަށް ކޯޓުން 5 ދުވަސް ޖަހައިފި

އޭޕްރިލް 18 ވަނަ ދުވަހު ހ. މިޓާޒް ގޭގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުނު މައްސަލައާ ގުޅިގެން ހައްޔަރު ކުރި ރައުދު އަޙްމަދު ޒިލާލް ގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން 5 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާގޮތުން ރައުދު ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ހަވީރު 18:20 ގައެވެ. މިދިޔަ ހަފްތާގެ ހުކުރު ދުވަހު އިމާރާތެއްގެ މަތީން ވެއްޓުނު 21 އަހަރުގެ އަންހެން މީހާގެ މައްސަލައިގައި، ރައުދުގެ ބައިވެރިވުމެއް އޮވެދާނެކަމަށް އޭނާ ހައްޔަރު ކުރުމަށް ނެރުނު ކޯޓު އަމުރުގައި ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ. އެ މައްސަލައިގައި ރައުދު ހައްޔަރު ކުރުމަށް ފުލުހުން ކޯޓު އަމުރަށް އެދުނީ، އެކަމާ ގިނަ ބަޔަކު ސުވާލު އުފައްދައި، ފުލުހުންގެ ތަހުގީގާއި މެދު ގިނަ ތުހުމަތުތައް ވެސް ކުރަމުން ދަނިކޮށެވެ.
މި ހާދިސާއާ ގުޅިގެން އެމީހުން އެރޭ ހަރަކާތްތެރިވިކަމަށް ބުނާ މާންދޫގެ ޓެރަސްއާއި ދެވަނަ އަދި ހަތަރު ވަނަ ފަންގިފިލާގެ އިތުރުން ކަށިވެލި ނަމަކަށް ކިޔާ ގެއެއްގެ ތިންވަނަ ފަންގިފިލާ ވެސް ބަލާފައި ވާކަމަށް ފުލުހުން ހިއްސާކުރި މެސެޖުގައި ވެއެވެ. މައްސަލައިގައި ތުހުމަތުކުރެވޭ އެންމެހާ ފަރާތްތަކުގެ ޕާސްޕޯޓު ހިފަހައްޓާފައިވާ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވެފައިވެއެވެ. މިއީ މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތައް ރާއްޖެއިން ފުރައިގެން ދާން އުޅޭކަމުގެ ވާހަކަތަކެއް ފެތުރެމުން ދިޔުމާ ގުޅިގެން އަޅާފައިވާ ފިޔަވަޅެކެވެ.
މައްސަލަ ވަރަށް ބޮޑަށް ގޯސްވެފައި ވަނިކޮށް ފުލުހުން ވަނީ ޔުމްނުއާއި ރައުދު އެ މީހުންނާއި އެއްވެސް ގުޅުމެއް ނެތްކަމަށް ބުނާ ގޭގެ 7 ވަނަ ފްލޯގައި ބަދުއަހުލާގީ އަމަލުތައް ހިންގާ މަންޒަރު ފެންނަ ފުޓޭޖު އާންމުކޮށްފަ އެވެ. މުޅި މައްސަލަ ފެށިގެން އަންނަ މއ. މާންދޫގޭގައި ބުރާސްފަތި ދުވަހުގެ ރޭ ޕާޓީ ކުރަމުން އުޅުނުކަމަށް ބެލެވޭ ޖުމްލަ 09 މީހުންގެ ވަނަވަރާއި ފޮޓޯތައް ފުލުހުން ވަނީ އާންމުކޮށްފަ އެވެ.
މި މައްސަލަ ތަހުގީގުކުރަމުންދާއިރު، އާންމުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވެފައިވަނީ މައްސަލައިގައި ޝާމިލުވާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ނުގެނެވި، ފިލައިގެން ހިނގައިދާނެކަމުގެ ބިރެވެ. ނަމަވެސް ފުލުހުންގެ މި ފިޔަވަޅާއެކު، އެފަދަ ފުރުސަތެއް ބަންދުވެގެން ގޮސްފައިވާކަން ފާހަގަކުރެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ