އީރާނުން އެއްބަސްވުން ބޭނުންވޭ، އެކަމަކު އެމެރިކާއިން އަދިވެސް ހަމަލާދީފާނެ: ޓްރަމްޕް

އީރާނަށް އަލުން ހަމަލާދޭން އެމެރިކާއަށް މަޖުބޫރުވެދާނެ ކަމަށާއި، ހަމަލާ ދިނުމުގެ އަމުރު ނެރުއްވުމަށް އެންމެ ގަޑިއިރަކަށް ވެފައި ވަނިކޮށް އެ ނިންމުން ފަސްކުރެއްވި ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް އަންގާރަ ދުވަހު ވިދާޅުވެއްޖެ އެވެ.
ވައިޓް ހައުސްގައި އަންގާރަ ދުވަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވީ، ހަމަލާ ދިނުމުގެ ނިންމުން ނިންމެވުމަށް އެންމެ ގަޑިއިރަކަށް ވެފައި ވަނިކޮށް އެކަން މަޑުޖައްސާލީ ކަމަށެވެ.
އީރާނުގެ ވެރިން އެއްބަސްވުމަކަށް އައުމަށް އާދޭސްކުރަމުންދާ ކަމަށާއި، ނަމަވެސް އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާއިން އާ ހަމަލާތަކެއް ދޭނެ ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
މީގެ ގާތްގަނޑަކަށް ތިން މަސް ކުރިން އިޒްރޭލާ ގުޅިގެން ފެށި މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް އެމެރިކާއިން ދަނީ ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލަމުންނެވެ. ތެހެރާނާއެކު އެއްބަސްވުމަކާ ވަރަށް ގާތްވެފައިވާ ކަމަށް މީގެ ކުރިން ވެސް ޓްރަމްޕް ވިދާޅުވެފައިވާއިރު، އެއްބަސްވުމަކަށް ނާދެވިއްޖެ ނަމަ އީރާނަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު އޭނާ މީގެ ކުރިން ވެސް ވަނީ ދެއްވާފަ އެވެ.
ދުނިޔޭގެ ބާޒާރަށް ތެލާއި އެހެނިހެން މުދާ ސަޕްލައިކުރާ މުހިންމު މަގެއް ކަމަށްވާ "ސްޓްރެއިޓް އޮފް ހޮރްމޫޒް" އަލުން ހުޅުވޭނެ ފަދަ އެއްބަސްވުމަކަށް އައުމަށް އެމެރިކާގެ ރައީސަށް ވަނީ އެ ގައުމުގެ އެތެރޭގެ ސިޔާސީ މަސްރަހުން ބޮޑު ފިއްތުންތަކެއް ކުރިމަތިވެފަ އެވެ. އަންނަ ނޮވެމްބަރު މަހު ބާއްވާ ކޮންގްރެސް އިންތިހާބު ކައިރިވަމުން އަންނައިރު، ތެލުގެ އަގު މަތީގައި ހުރުމުގެ ސަބަބުން ޓްރަމްޕަށް އޮތް ތާއީދު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފަ އެވެ.
ވޮޝިންޓަނާއި ތެހެރާނާ ދެމެދު ކުރިއަށްދާ މަޝްވަރާތަކުގައި ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާ ކަމަށާއި، އަސްކަރީ ހަމަލާތައް އަލުން ފަށަން އެއްވެސް ފަރާތަކުން ބޭނުންނުވާ ކަމަށް ނައިބު ރައީސް ޖޭޑީ ވެންސް ވިދާޅުވުމާ ގުޅިގެން، އަންގާރަ ދުވަހު ތެލުގެ އަގު ވަނީ ދަށަށް ގޮސްފަ އެވެ. ވެންސް ވިދާޅުވީ މިހާރު ކަންތައްތައް އޮތީ ވަރަށް ރަނގަޅު ހާލަތެއްގައި ކަމަށެވެ.
ވައިޓް ހައުސްގައި ބޭއްވި ބްރީފިންއެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ވެންސް ވަނީ އީރާނުގެ ލީޑަޝިޕް ބައިބައިވެފައި އޮތުމުގެ ސަބަބުން މަޝްވަރާ ކުރުމުގައި ދަތިތަކެއް ހުރިކަން ގަބޫލުކުރައްވާފަ އެވެ. އީރާނުގެ މަޝްވަރާ ޓީމުގެ ނިންމުންތަކަކީ ކޮބައިކަން ބައެއް ފަހަރު ސާފުނުވާ ކަމަށާއި، އެހެންކަމުން އެމެރިކާއިން ގަބޫލުކުރާނެ އެންމެ ފަހު މިންގަނޑުތައް ނުވަތަ "ރެޑް ލައިންތައް" ސާފުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީގެ އިތުރުން، ޓްރަމްޕްގެ ސިޔާސަތުގެ އެއް މަގްސަދަކީ އެ ސަރަހައްދުގައި ނިއުކްލިއާ ހަތިޔާރު އުފެއްދުމުގެ ރޭސް ހުއްޓުވުން ކަމަށް ވެސް ވެންސް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ