ޓްރަމްޕާއި އޭނާގެ އާއިލާގެ ޓެކްސް މައްސަލަތައް ބެލުން ހުއްޓާލައިފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި، އޭނާގެ އާއިލާގެ އިތުރުން އޭނާގެ ވިޔަފާރިތަކާ ގުޅޭގޮތުން މިހާރު ހިނގަމުންދާ ޓެކްސް އޮޑިޓްތަކުން އެ ފަރާތްތަކަށް އިސްތިސްނާދީ، އެ މައްސަލަތައް ކުރިއަށް ނުގެންދެވޭ ގޮތަށް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން ނިންމައިފިއެވެ.
އެމެރިކާގެ އެކްޓިން އެޓާނީ ޖެނެރަލް ޓޮޑް ބްލާންޗް ސޮއިކުރައްވައި ނެރުއްވި އެއް ސަފުހާގެ ލިޔުމެއްގައި ބުނެފައިވަނީ، ޓްރަމްޕާއި އޭނާގެ އާއިލާގެ މެންބަރުންގެ އިތުރުން އޭނާގެ ކުންފުނިތަކާ ދެކޮޅަށް ޓެކްސްގެ އެއްވެސް މައްސަލައެއްގައި ދައުވާކުރުން ނުވަތަ މައްސަލައިގެ ފަހަތުން ދިއުން ދާއިމީކޮށް މަނާކުރެވިގެންވާ ކަމަށެވެ. ޖަސްޓިސް ޑިޕާޓްމަންޓުގެ ވެބްސައިޓުގައި އެއްވެސް ރަސްމީ ބަޔާނެއް ނުވަތަ ނޫސްބަޔާނަކާ ނުލައި ޝާއިއުކޮށްފައިވާ މި ލިޔުމުގައިވާ ގޮތުން، މި އިސްތިސްނާގެ ދަށުން މިހާރު ބަލަމުންދާ މައްސަލަތަކާއި ކުރިއަށް އޮތް ތަނުގައި ބަލަން ހުރި މައްސަލަތައް ހިމެނޭއިރު، އޭގެ ތެރޭގައި ހޯމަ ދުވަހުގެ އެއްބަސްވުމުގެ ކުރިން ޓްރަމްޕް ހުށަހަޅާފައިވާ ޓެކްސް ރިޓާންތައް ވެސް ހިމެނެއެވެ.
ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި ވައިޓް ހައުސްގެ ޗީފް އެތިކްސް ލޯޔަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ރިޗަޑް ޕެއިންޓަރ ވިދާޅުވީ، ޓްރަމްޕް ޓެކްސްގެ އެއްވެސް އިލްތިޒާމަކުން އިސްތިސްނާކުރުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ. އަދި ޓްރަމްޕް ނުވަތަ އޭނާގެ އާއިލާއިން އައިއާރްއެސްއަށް އެއްވެސް ފައިސާއެއް ދައްކަންޖެހޭ ނަމަ، މިއީ އެމެރިކާގެ ގާނޫނުއަސާސީގެ ޑޮމެސްޓިކް އިމޮލިއުމެންޓްސް ކްލޯޒްއާ ހިލާފުވުން ކަމަށާއި، އެ މާއްދާގައި ރައީސަށް ކޮންގްރެސްއިން ކަނޑައަޅާ މުސާރަ ފިޔަވައި އެމެރިކާ ސަރުކާރުން އެއްވެސް ފައިދާއެއް ނުވަތަ މަންފާއެއް ނުނެގޭނެ ކަމަށް ސަރީހަކޮށް ބަޔާންކޮށްފައިވާ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ