ފަސް ޑައިވަރުންގެ މަރު: އިޓަލީއިން ޖިނާއީ ތަހުގީގެއް ފަށައިފި

ވ. އަތޮޅުގެ ކަނޑުގެ އަޑީގެ ހޮހަޅައަކަށް ފީނަން އުޅުމުގެ ތެރޭގައި އިޓަލީވިލާތުގެ ފަސް ޑައިވަރުން މަރުވި ހިތާމަވެރި ހާދިސާއާ ގުޅިގެން، އިޓަލީގެ ޕްރޮސެކިއުޓަރުން ޖިނާއީ ތަހުގީގެއް ފަށައިފިއެވެ. މި ހާދިސާގައި ޖުމުލަ ފަސް މީހުން މަރުވިއިރު އޭގެ ތެރެއިން ތިން މީހެއްގެ ހަށިގަނޑު މިހާރު ވަނީ ނަގައިފައެވެ. އަދި ބާކީ ދެ މީހުންގެ ހަށިގަނޑު ނެގުމުގެ މަސައްކަތް ފިންލޭންޑްގެ ތަޖުރިބާކާރު ޑައިވަރުންގެ މަސައްކަތާއެކު އަންނަނީ ކުރަމުންނެވެ. ވ. އަތޮޅު އަލިމަތާ ކައިރީގައި އޮންނަ ހޮހޮޅައަކަށް ފީނުމުގެ ތެރޭގައި ހިނގި މި ހާދިސާއަކީ ރާއްޖޭގެ ތާރީހުގައިވެސް ހިނގާފައިވާ އެންމެ ހިތާމަވެރި އެއް ޑައިވިން ހާދިސާއެވެ. މި ދަތުރުގައި ޑައިވަރުން އުޅުނު ސަފާރީ ބޯޓު ކަމަށްވާ “ޑިއުކް އޮފް ޔޯކް” ގެ އޮޕަރޭޓިން ލައިސަންސް މިހާރު ވަނީ ވަގުތީ ގޮތުން ހިފަހައްޓާފައެވެ. ދިވެހި ފުލުހުން ކުރިއަށްގެންދާ ތަހުގީގުގެ އިތުރުން، އިޓަލީގެ ޕްރޮސެކިއުޓަރުން މިހާރު ވަނީ އިހުމާލަކުން މީހަކު މަރުވިތޯ ބެލުމަށް, މި ހާދިސާ ތަހުގީގުކުރަން ފަށާފައެވެ. އިޓަލީގެ ނޫސް އެޖެންސީ އަންސާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި ތަހުގީގު އަމާޒުކުރެވެނީ ވަކި ކާކަށް ކަމެއް އަދި ސާފެއް ނުވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފު (މުންދު) އޭބީސީ ނޫހަށް ވިދާޅުވި ގޮތުގައި، ދިވެހި ސަރުކާރުގެ ތަހުގީގު މައިގަނޑު ގޮތެއްގައި އަމާޒުކުރާނީ މި ދަތުރު އިންތިޒާމުކުރި ފަރާތްތަކުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅާފައިވޭތޯއާއި، ބޭނުންވާ ރޭވުންތެރިކަން ހުރިތޯ ބެލުމަށެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، ހަށިގަނޑުތައް ނެގުމުގެ މަސައްކަތުން ތަހުގީގަށް ގިނަ މައުލޫމާތުތަކެއް ހާމަވެގެންދާނެ ކަމަށް ގަބޫލުކުރެވެއެވެ. ނަމަވެސް ހޮހަޅައަށް ފީނުމަކީ އޭގެ ޒާތުގައިވެސް ވަރަށް ނުރައްކާތެރި ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. ޖެނޯއާ ޔުނިވާސިޓީގެ މެރިން ރިސާޗާ އަދި އެސޯސިއޭޓް ޕްރޮފެސާ މޮނިކާ މޮންޓެފަލްކޯނޭ އިސްކޮށް ހުރެގެން ކުރިއަށްގެންދިޔަ މި ދަތުރަށް ހުއްދަ ދޫކޮށްފައިވީ ނަމަވެސް، ހުށަހެޅި ރިސާޗް ޕްރޮޕޯސަލްގައި ބައެއް މައުލޫމާތު މަދުކަމަށް މުންދު ވިދާޅުވިއެވެ. އަދި އެ މީހުން ފީނަން ދިޔަ ސީދާ ސަރަހައްދު ސަރުކާރަށް އެނގިފައިނުވާ ކަމަށާއި، މަރުވި މީހުންގެ ތެރެއިން ދެ މީހަކު އިންތިޒާމުކުރި ފަރާތުން ހުށަހެޅި ލިސްޓުގައި ނެތްކަންވެސް އޭނާ ހާމަކުރެއްވިއެވެ. މި ސަރަހައްދުގެ ފުންމިނާއި، އޮއިވަރު ހުރި ގޮތުން މިއީ ވަރަށް ގޮންޖެހުން ބޮޑު ދަތުރެއްކަމަށާއި، ހޮހަޅައިގެ އެތެރޭގައި އެއްވެސް ވަރަކަށް ތަންތަން ނުފެންނާނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށް މުންދު ވިދާޅުވިއެވެ. މި ޑައިވަރުން ގެއްލިފައިވަނީ ބުރާސްފަތި ދުވަހުއެވެ. އެ މީހުން ހޯދަން އުޅުމުގެ ތެރޭގައި, މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ އަސްކަރީ ޑައިވަރެއް ކަމަށްވާ މުހައްމަދު މަހުދީ ވަނީ ހޮނިހިރު ދުވަހު ޑީކޮމްޕްރެޝަން ބަލީގެ ސަބަބުން މަރުވެފައެވެ. https://www.sun.mv/222198 ކަމާބެހޭ ފަރާތްތަކުން މި އޮޕަރޭޝަން ސިފަކޮށްފައިވަނީ ވަރަށް ނުރައްކާތެރި އަދި ރިސްކު ބޮޑު މަސައްކަތެއްގެ ގޮތުގައެވެ. މޫސުން ގޯސްވުމުގެ ސަބަބުން ހުކުރު ދުވަހު މި މަސައްކަތް ވަގުތީ ގޮތުން މެދުކަނޑާލަން ޖެހުނެވެ. އިއްޔެ ފިންލޭންޑުގެ ހާއްސަ ޑައިވިން ޓީމަކުން ވަނީ ހޮހަޅައިގެ އެންމެ ފުން ހިސާބުން ދެ ހަށިގަނޑު ނަގާފައެވެ. މި ހަށިގަނޑުތައް ފެނިފައިވަނީ ގާތްގަނޑަކަށް 200 ފޫޓު (60 މީޓަރު) އަޑިންނެވެ. ރާއްޖޭގައި މުނިފޫހިފިލުވުމަށް ފީނުމަށް ގާނޫނީ ގޮތުން ހުއްދަދީފައިވާ އެންމެ ފުންމިނަކީ ގާތްގަނޑަކަށް 100 ފޫޓު (30 މީޓަރު) އެވެ. ހޯމަ ދުވަހު ފިންލޭންޑުގެ ޓީމަށް ހޮހަޅައިގެ އެންމެ އެތެރެއިން ހަތަރު ހަށިގަނޑު ފެނިފައިވާއިރު، ބާކީ އޮތް ދެ ހަށިގަނޑު ނެގުމަށް މިއަދު އަލުން ހޮހަޅައަށް ވަންނާނެ ކަމަށް ބެލެވެއެވެ. މި ހަތަރު ހަށިގަނޑު ފެނިފައިވަނީ ހޮހަޅައިގެ އެންމެ ބޮޑު ބައި ކަމަށްވާ ތިންވަނަ ބައިން، ކައިރީގައި އޮއްވައެވެ. މީގެ ކުރިން، މި ގްރޫޕުގައި ހިމެނޭ ޑައިވިން އިންސްޓްރަކްޓަރުގެ ހަށިގަނޑު ވަނީ ހޮހަޅައިގެ ބޭރުން ފެނިފައެވެ. އިޓަލީގެ ނޫސްތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި އޭނާ ފެނުނުއިރު އޮކްސިޖަން ފުޅި ހުރީ ހުސްވެފައެވެ. މިއީ ތަހުގީގަށް ލިބުނު މުހިންމު ހެއްކެކެވެ. މި ހާދިސާގައި މަރުވި މީހުންގެ ތެރޭގައި ހިމެނެނީ ޖެނޯއާ ޔުނިވާސިޓީގެ އެސޯސިއޭޓް ޕްރޮފެސާ މޮނިކާ މޮންޓެފަލްކޯނޭއާއި، އޭނާގެ ދަރިފުޅު އަދި ބަޔޯމެޑިކަލް އިންޖިނިއަރިން ކިޔަވަމުންދާ ޖިއޯޖިއާ ސޮމަކާލްއާއި، ރިސާޗް ފެލޯ މިއުރިއެލް އޮޑެނީނޯގެ އިތުރުން މެރިން ބަޔޮލޮޖީން ދާދިފަހުން ގްރެޖުއޭޓްވި ފެޑެރީކޯ ގުއަލްޓިއޭރީއެވެ. މީގެ އިތުރުން ޑައިވިން އިންސްޓްރަކްޓާ ޖިއަންލޫކާ ބެނެޑެޓީވެސް ވަނީ މަރުވެފައެވެ. ގުއަލްޓިއޭރީގެ އާއިލާގެ ވަކީލު އެންޓޮނެލޯ ރިޗިއޯ ވަނީ އަންގާރަ ދުވަހު ނެގި ދެ ހަށިގަނޑަކީ މޮންޓެފަލްކޯނޭއާއި ގުއަލްޓިއޭރީގެ ހަށިގަނޑުކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ދިވެހި ސަރުކާރުން ބުނެފައިވަނީ އެމީހުންގެ ކާކުކަން ރަސްމީކޮށް ކަށަވަރުކުރެވޭނީ އޮޓޮޕްސީ ހެދުމަށްފަހު ކަމަށެވެ. މޮންޓެފަލްކޯނޭއަކީ އިޓަލީގެ ޓީވީ ޕްރޮގްރާމްތަކުން އާންމުކޮށް ފެންނަ، ކަނޑުގެ ދިރުންތަކާ ބެހޭ ތަޖުރިބާކާރެކެވެ. ޖެނޯއާ ޔުނިވާސިޓީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޮންޓެފަލްކޯނޭއާއި އޮޑެނީނޯ ރާއްޖެ އައިސްފައިވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ރަސްމީ ދިރާސާއަކަށް ކަމުގައިވިޔަސް، މި ހާދިސާ ހިނގި ޑައިވްއަކީ އެ ދިރާސާގެ ބައެއް ނޫން ކަމަށާއި އެއީ އަމިއްލަ ގޮތުން ކުރި ކަމެއް ކަމަށެވެ. ބާކީ އޮތް ދެ ހަށިގަނޑު ނެގުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ހާދިސާ ހިނގަން މެދުވެރިވި ސީދާ ސަބަބު ހޯދުމަށް ދެ ގައުމުގެ ކަމާބެހޭ ފަރާތްތަކުން ދަނީ ގުޅިގެން މަސައްކަތް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ