ރާއްޖެއިން ”ޓްރިޕަލް އެލިމިނޭޝަން“ ހާސިލުކުރުމުން ޑަބްލިއުއެޗްއޯއިން ހަނދާނީ ފިލާ އަރުވައިފި

މައިމީހާގެ ފަރާތުން ދަރިންނަށް އެޗްއައިވީ، ސިފިލިސް އަދި ހެޕަޓައިޓިސް ބީ ފެތުރުން ހުއްޓުވި ނުވަތަ ”ޓްރިޕަލް އެލިމިނޭޝަން“ ހާސިލުކުރި ދުނިޔޭގެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނުމުން، ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން އެކަން ފާހަގަކޮށް ރާއްޖެއަށް ހަނދާނީ ފިލައެއް އަރުވައިފިއެވެ.
މި ޝަރަފުގެ ފިލާ މިނިސްޓަރ އޮފް ހެލްތު، ފެމެލީ އެންޑް ވެލްފެއަރ ގީލާ އަލީއާ ހަވާލުކޮށްފައިވަނީ ޖެނިވާގައި މިހާރު ކުރިއަށްދާ 79 ވަނަ ވޯލްޑް ހެލްތު އެސެންބްލީގެ ތެރެއިންނެވެ.
މި ތާރީޚީ ކާމިޔާބީއަކީ މައިންނާއި ކުޑަކުދިންގެ ސިއްހަތު ރައްކާތެރިކުރުމަށްޓަކައި، މާބަނޑު ދުވަސްވަރު ބަލިތަކަށް ސްކްރީން ކުރުމާއި، ރާއްޖޭގެ ހުރިހާ ރަށެއްގައި ވެކްސިން ދިނުމުގެ ވަރުގަދަ ނިޒާމެއް ގާއިމުކުރުމަށް ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރު ކުރި މެދުކެނޑުމެއްނެތް މަސައްކަތުގެ ނަތީޖާއެވެ. މީގެ ކުރިން 2019 ވަނަ އަހަރު ރާއްޖެއިން ވަނީ އެޗްއައިވީ އަދި ސިފިލިސް ވާރުތަވުން ނައްތާލާފައިވާކަމުގެ ކަށަވަރުކުރުން ހޯދާފައެވެ. ނަމަވެސް، މިފަހަރުގެ ކާމިޔާބީއާއެކު މި ލިސްޓަށް މިވަނީ ހެޕަޓައިޓިސް ބީ ވެސް އިތުރުވެފައެވެ.
ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން މާބަނޑު މީހުންނަށް ދޭ ފަރުވާގެ ނިސްބަތް 95 އިންސައްތައަށް ވުރެ މަތީގައި ހުރުމާއި، ކުދިން އުފަންވާ ގޮތަށް ދޭ ވެކްސިން ޑޯޒްތައް ފުރިހަމަކުރާ މިންވަރު މަތިވުމަކީ މި ބަލިތައް ނައްތާލުމަށް ލިބުނު ބޮޑު ބާރެކެވެ. ޑަބްލިއުއެޗްއޯއިން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ފަހަކަށް އައިސް ރާއްޖޭގައި އުފަންވާ ކުދިންގެ ފަރާތުން އެޗްއައިވީ ނުވަތަ ވިހާއިރު ހުންނަ ސިފިލިސްގެ އެއްވެސް ކޭހެއް ފެނިފައެއް ނުވެއެވެ.
މި މަސައްކަތުގައި ގައުމީ ސިއްހީ އިދާރާތަކުގެ އިތުރުން ޑަބްލިއުއެޗްއޯ، ޔުނިސެފް އަދި ރަށްރަށުގެ ސިއްހީ އެހީތެރިންގެ ދައުރު ބޮޑެވެ. އަދި ބަލިތައް މޮނިޓާކުރުމަށް ބޭނުންކުރާ ޑިޖިޓަލް ހެލްތު ޕްލެޓްފޯމްތަކުގެ ސަބަބުން މި ނިޒާމު އިތުރަށް ހަރުދަނާވެފައިވާކަން ފާހަގަކުރެވެއެވެ. ޑަބްލިއުއެޗްއޯގެ މި ބަލައިގަތުމާއެކު، ދިވެހިރާއްޖެ ވެގެން ގޮސްފައިވަނީ ބައިނަލްއަގުވާމީ އާންމު ސިއްހަތުގެ ދާއިރާއިން ދުނިޔެއަށް ނަމޫނާ ދައްކަމުންދާ ގައުމަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ