މަޖިލީހުގެ ނައިބު ރައީސް ވަކިކުރުމުގެ މައްސަލައިގެ އާންމު ކޮމިޓީގެ ބައްދަލުވުން މިއަދު

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް އެ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވާ މައްސަލަ ދިރާސާކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމެޓީގެ ބައްދަލުވުމެއް މިއަދު ބޭއްވުމަށް ނިންމައިފިއެވެ.
މަޖިލީހުގެ އިދާރާއިން ހާމަކޮށްފައިވާ ގޮތުގައި، 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އާންމު ކޮމިޓީގެ 5 ވަނަ ބައްދަލުވުން އޮންނާނީ މިއަދު ހަވީރު 16:00 ގައެވެ.
މަޖިލީހުގެ ނައިބު ރައީސްކަމުން ނާޒިމް ވަކިކުރުމުގެ ގަރާރެއް މިދިޔަ ބުރާސްފަތި ދުވަހު މަޖިލީހުގެ އިދާރާއަށް ލިބިފައިވާކަން އެ އިދާރާއިން ވަނީ ކަށަވަރުކޮށްދީފައެވެ. މި މައްސަލައަކީ މަޖިލީހުގެ ގަވާއިދުގެ ދަށުން ކުރިއަށް ގެންދަންޖެހޭ އިޖުރާއަތްތަކެއް ހިމެނޭ ކަމަކަށްވާތީ، މިއަދު ބާއްވާ ކޮމެޓީ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެވޭނީ މި ގަރާރާ ގުޅިގެން ކުރިއަށްދާނެ ގޮތްތަކާއި، ނާޒިމަށް ޖަވާބުދާރީވުމަށް ދެވޭނެ ވަގުތު ކަނޑައެޅުމާ މެދުގައެވެ.
މިއަދުގެ ބައްދަލުވުމަށް އެޖެންޑާކޮށްފައިވަނީ މަޖިލީހުގެ ނައިބު ރައީސް ނާޒިމް މަގާމުން ވަކިކުރުމުގެ ގާރާރާ ގުޅޭގޮތުން ކަންކަން ކަނޑައެޅުމެވެ. އެގޮތުން މި މައްސަލައިގެ ބަހުސްގައި ވާހަކަދައްކަވާނެ މެންބަރުންގެ އަދަދާއި، ކޮންމެ މެންބަރަކަށް ވާހަކަދެއްކުމަށް ލިބިދޭނެ ވަގުތު ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން މަޖިލީހުގެ ނައިބު ރައީސްއަށް އަމިއްލަ ދިފާއުގައި ވާހަކަދެއްކުމަށް ލިބިދޭނެ ފުރުސަތުތަކުގެ އަދަދާއި، އެ ފުރުސަތުގެ ދިގުމިން ކަނޑައެޅުންވެސް މިއަދުގެ އެޖެންޑާގައި ހިމެނެއެވެ.
ވެރިކަން ކުރާ ޕީއެންސީގެ ސުޕާ މެޖޯރިޓީ އޮންނަ މަޖިލީހުގެ ނައިބު ރައީސްގެ މަގާމުން ނާޒިމް ވަކިކުރުމުގެ މައްސަލަ މަޖިލީހަށް ވައްދާފައިވަނީ، އޭނާ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވައި، މަޖިލީހުގެ ތެރޭގައި ބައިބައިވުން އުފެއްދެވުމަށް މަސައްކަތް ކުރެއްވި ކަމުގެ ތުހުމަތުގައެވެ. މި ގަރާރުގައި ޕީއެންސީގެ 73 މެންބަރަކު ވަނީ ސޮއިކުރައްވާފައެވެ.
މަޖިލީހުގެ ގަވާއިދު ބުނާގޮތުން، މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސް ވަކިކުރުމުގެ ގަރާރެއް މަޖިލީހުގެ ތަޅުމަށް ހުށަހެޅުމުގެ ކުރިން، އެ މައްސަލައިގެ ބަހުސް ކުރިއަށްދާނެ ވަގުތާއި އަމިއްލަ ދިފާއުގައި ވާހަކަދެއްކުމުގެ ވަގުތު ކަނޑައަޅަންޖެހެނީ އާންމު ކޮމިޓީންނެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގެ ރިޔާސަތުގައި މަޖިލީހުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދާ މި ދަނޑިވަޅުގައި މިފަދަ މައްސަލައެއް ހުށަހެޅިގެން ދިއުމަކީ ފާހަގަކޮށްލެވޭ ކަމެކެވެ.
މަޖިލީހުގެ ނައިބު ރައީސް މަގާމުން ވަކިކުރެވޭނީ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަގުލަބިއްޔަތުން ފާސްކޮށްގެންނެވެ. މިއަދުގެ ކޮމެޓީ ބައްދަލުވުމަށްފަހު، މި މައްސަލަ މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެ ތާރީޚެއް ކަނޑައެޅިގެންދާނެ ކަމަށް ބެލެވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ