ގޮންޖެހުންތަކާ އެކު، ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދުން 49،000ގެ ދަށްވުމެއް

މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، މި އަހަރުގެ މިހާތަނަށް ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބައި ލައްކައެއްހާ މަދު ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން މިއަދު ދައްކައިފިއެވެ. މިނިސްޓްރީން އެންމެ ފަހުން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ އަހަރުގެ އޭޕްރީލް 18ވަނަ ދުވަހުގެ ނިޔަލަށް 927،883 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ. ނަމަވެސް، މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް ރާއްޖެ ޒިޔާރަތްކުރީ 879،154 ފަތުރުވެރިންނެވެ. އެއީ، މިދިޔަ އަހަރާ އަޅާބަލާއިރު 48،729 ފަތުރުވެރިން މަދު އަދަދެކެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، އެވްރެޖުކޮށް ދުވާލަކަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވެސް މިދިޔަ އަހަރަށް ވުރެ ދަށެވެ. މިހާރު ރާއްޖެއަށް ދުވާލަކު އަންނަނީ އެވްރެޖްކޮށް 6،371 ފަތުރުވެރިންނެވެ. އެއީ، މިދިޔަ އަހަރާ ބަލާއިރު 400އެއްހާ ފަތުރުވެރިންގެ ދަށްވުމެކެވެ. ފަތުރުވެރިންތަކެއް ވޭނަކަށް އަރަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ މި އަހަރުގެ މިހާތަނަށް އައިއިރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ ޗައިނާއެވެ. އެ ގައުމުން އެކަނި މިހާތަނަށް 134،834 ފަތުރުވެރިން އައިއިރު، އެ އަދަދާ އެންމެ ކައިރިކުރަނީ ރަޝިއާއިންނެވެ. މި ގޮތުން، އެ ގައުމުން ޒިޔާރަތްކުރީ 116،010 ފަތުރުވެރިންނެވެ. މީގެ އިތުރުން، 75،000އަށް ވުރެ ގިނަ ފަތުރުވެރިންނާ އެކު، މާކެޓުގެ ތިންވަނައިން ޖާގަ ކަށަވަރުކޮށްފައިވަނީ އިނގިރޭސިވިލާތުންނެވެ. އަދި، އިޓަލީން ވެސް 67،930 ފަތުރުވެރިން މިހާތަނަށް ޒިޔާރަތްކޮށްފައިވެއެވެ. ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ބޮޑު އިންސައްތައެއް ދަނީ ރިސޯޓުތަކަށެވެ. މިގޮތުން، ހަ ލައްކައަށް ވުރެ ގިނަ ފަތުރުވެރިން ރިސޯޓުތަކަށް ދާއިރު، ގެސްޓްހައުސްތަކުގައި ދެ ލައްކަ ފަތުރުވެރިން ތިއްބެވެ. އެއާއެކު، ހޮޓާތަކުގައި 22،500އަށް ވުރެ ގިނަ ފަތުރުވެރިން ތިބިއިރު، ޓުއަރިސްޓު ވެސަލްތަކަށް ދިޔައީ 19،222 ފަތުރުވެރިންނެވެ. އަދި، އެހެނިހެން ތަންތަނުގައި ތިބީ 2،000އެއްހާ ފަތުރުވެރިންނެވެ. https://sun.mv/221796 ފަތުރުވެރިން އަންނަ މިންވަރު ދަށްވާން ފެށީ މިދިޔަ ފެބްރުއަރީ 28 ގައި ފެށި، މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެންނެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަނީ އެ ސަރަހައްދުގެ ރޫޓުތަކުން ކަމަށްވާއިރު، އޭރުން ފެށިގެން ފަތުރުވެރިންގެ އަދަދުތައް އަންނަނީ މަދުވަމުންނެވެ. އެކަމުގެ ސަބަބުން ފަތުރުވެރިކަމުގެ ދާއިރާއަށް 500 މިލިއަން ޑޮލަރުގެ ގެއްލުންވެފައިވާ ކަމަށް ސިނާއަތުގެ އިސް ޖަމާއަތްތަކުން ވަނީ ބުނެފައެވެ. އެ ފަރާތްތަކުން ވަނީ ގެއްލުމުން އަރައިގަންނަން ދިވެހި ސަރުކާރުގެ އެހީތެރިކަމަށް އެދިފައެވެ. ނަމަވެސް، އެ ހާލަތު ރަނގަޅުކޮށް ފަތުރުވެރިން ގެންނަ މާކެޓުތައް އިތުރުކުރުމަށް މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ސަރުކާރުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ