ހުއްދަ ނެތި ޓީވީ/ރޭޑިއޯ ސްޓޭޝަނެއް ހިންގި މައްސަލައެއްގައި ލަންކާ އިން ދިވެއްސަކު ހައްޔަރުކޮށްފި

ސްރީ ލަންކާގެ ރަތުމަލާނާ އިންޓަނޭޝަނަލް އެއާޕޯޓް ކައިރީގައި އޮންނަ ހައި-ސެކިއުރިޓީ ޒޯނެއްގެ ތެރޭގައި ހުއްދަ ނެތި ޓީވީ އަދި ރޭޑިއޯ ޓްރާންސްމިޝަން ސެންޓަރެއް ހިންގި މައްސަލައެއްގައި  ދިވެއްސަކާއި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.
ލަންކާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ވަނީ ލަންކާ ފުލުހުން ދިވެއްސަކު ހައްޔަރުކުރިކަން އަންގާފައިވާކަން "މިހާރު" އަށް ކަށަވަރުކޮށްދީފަ އެވެ. 
"މުސްތާގު ކިޔާ މީހަކު އިއްޔެ ފުލުހުން ހައްޔަރުކުރިކަން ވަނީ އަންގާފައި. އިތުރު މައުލޫމާތެއް އަދި ނުލިބޭ،" ހައި ކޮމިޝަނުގެ އިސް އޮފިޝަލަކު ވިދާޅުވި އެވެ. 
ލަންކާގެ ބައެއް ނޫސްތަކުން ބުނެފައިވަނީ ހައްޔަރުކުރި ދިވެއްސަކީ ކަލުބޯވިލާގައި އުޅޭ އުމުރުން 55 އަހަރުގެ މީހެއް ކަމަށެވެ. 
ލަންކާގެ ބައެއް ނޫސްތަކުގައި ބުނެފައިވާ ގޮތުގައި ފުލުހުން އެ ސްޓޭޝަން ރެއިޑްކުރީ، އައްތިޑިޔާ ސަރަހައްދުގައި ބްރޯޑްކާސްޓިންގެ މަސައްކަތްތަކެއް ޝައްކު ކުރެވޭ ގޮތަކަށް ހިންގާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން، މައުންޓް ލެވީނިއާ ޑިވިޝަނަލް ކްރައިމް އިންވެސްޓިގޭޝަން ބިއުރޯ އާއި އެ ގައުމުގެ ޓެލެކޮމިއުނިކޭޝަންސް އޮތޯރިޓީ ގުޅިގެންނެވެ.
ލަންކާ ފުލުހުންނާ ހަވާލާދީ މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި މި ސްޓޭޝަން ސިއްރުން ހިންގަމުން ދިޔައީ ޓްރެވަލް ކުންފުންޏެއްގެ ނަމުގަ އެވެ.
މި ރެއިޑްގައި ވަނީ ގާތްގަނޑަކަށް 50 މިލިއަން ރުޕީސް (ދެ ލައްކައަށް ވުރެ ގިނަ ދިވެހި ރުފިޔާ) ގެ ސާމާނު އަތުލައިގެންފަ އެވެ. އޭގެ ތެރޭގައި ސެޓެލައިޓް ރިސީވަރާއި ސެޓެލައިޓް ޑިޝް އާއި ކޮމްޕިއުޓަރާއި ސްޓާލިންކް ޔުނިޓެއްގެ އިތުރުން ބްރޯޑްކާސްޓިން އަށް ބޭނުންކުރާ ގިނަ އަދަދެއްގެ ޓްރާންސްމިޝަން ޑިވައިސްތައް ހިމެނެ އެވެ.
ތަހުގީގަށް މިހާތަނަށް އެނގިފައިވާ ގޮތުގައި މި މީހުން އަމިއްލަ ޓެލެކޮމް ކުންފުންޏަކުން ޑޭޓާ ހިދުމަތް ހޯދައިގެން، ސެޓެލައިޓް މެދުވެރިކޮށް ޓީވީ ޗެނަލްތައް ޑައުންލޯޑް ކުރުމަށް ފަހު، އެއްވެސް ހުއްދައެއް ނެތި ސްރީ ލަންކާ އާއި އެހެން ގައުމުތަކުގެ ސަބްސްކްރައިބަރުންނަށް ޓީވީ އަދި ރޭޑިއޯ ބްރޯޑްކާސްޓްތައް ގެންދިޔައީ ވިއްކަމުންނެވެ.
ހައްޔަރުކުރި މީހުންގެ މައުލޫމާތު ލަންކާ ފުލުހުން އަދި ހާމައެއް ނުކުރެ އެވެ. ލަންކާ ފުލުހުން ބުނީ މި އޮޕަރޭޝަންގެ ފުޅާމިނާއި، މާލީ ގުޅުންތަކާއި އިތުރު މީހުން ޝާމިލުވޭތޯ ބެލުމަށް އިތުރު ތަހުގީގުތައް ކުރިއަށް ގެންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ