ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގެ އިރުމަތީ ސަރަހައްދުގައި، އެބޯލާ ޖެހިގެން އިތުރު 26 މީހަކު ފާއިތުވި 24 ގަޑިއިރު ތެރޭގައި މަރުވެއްޖެ އެވެ.
މި ބަލި ފެތުރެމުންދާ ހަލުވިމިނާ މެދު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) ގެ އިސްވެރިޔާ ވަނީ ނުހަނު ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ.
ކޮންގޯގެ އިރުމަތީގައި ފެތުރެމުންދާ މި ބަލިމަޑުކަމުގައި މަރުވި މީހުންގެ ޖުމްލަ އަދަދު މިހާރު ވަނީ 131 އަށް އަރާފަ އެވެ. ކޮންގޯގެ ސިއްހީ އިދާރާތަކުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، އެ ގައުމުން ބަލި ޖެހިފައިވާ ކަމަށް ޝައްކުކުރެވޭ 543 ކޭސް ފެނިފައިވާއިރު، 33 ކޭސްއެއް ވަނީ ކަށަވަރު ކުރެވިފަ އެވެ. މީގެ އިތުރުން އަވަށްޓެރި ޔުގެންޑާއިން ވެސް މި ބަލި ޖެހިފައިވާ ދެ މީހަކު ވަނީ ފެނިފަ އެވެ.
މަދުން ނޫނީ ނުފެންނަ "ބުންޑިބުގްޔޯ" ނަމަކަށް ކިޔާ އެބޯލާ ވައިރަހުގެ ބާވަތެއް ފެތުރެމުންދާތީ، އެއީ ބައިނަލްއަގުވާމީ ފެންވަރުގައި ސަމާލުކަން ދޭންޖެހޭ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތެއްގެ ގޮތުގައި ޑަބްލިއުއެޗްއޯގެ ޑިރެކްޓަރު ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރެޔޭސަސް ހޮނިހިރު ދުވަހު ވަނީ ކަނޑައަޅުއްވާފަ އެވެ. މިއީ ކުއްލި ނުރައްކަލުގެ ކޮމިޓީއެއް އުފެއްދުމުގެ ކުރިން، ޑަބްލިއުއެޗްއޯގެ ވެރިއަކު މިފަދަ ނިންމުމެއް ނިންމެވި ފުރަތަމަ ފަހަރެވެ.
ހަތިޔާރު އެޅި ގުރޫޕުތަކުގެ ހަމަނުޖެހުން ކޮންގޯގައި ބޮޑުވުމާއި އާބާދީ ބޮޑު ސަރަހައްދެއްގައި އެތައް ހަފުތާތަކެއް ވަންދެން މި ބަލި ނޭނގި ފެތުރެމުން ގޮސްފައި ވާތީ މާހިރުންގެ ކަންބޮޑުވުން އިންތިހާއަށް އެބަ އޮތެވެ. މީގެ ކުރިން 2018 އިން 2020 އަށް ކޮންގޯގެ އިރުމަތީގައި ފެތުރުނު އެބޯލާ ބަލިމަޑުކަމަކީ ތާރީހުގައި ދެވަނައަށް އެންމެ ނުރައްކާތެރި ފެތުރުމެވެ. އެ ފަހަރު ގާތްގަނޑަކަށް 2,300 މީހުން މަރުވި އެވެ.
ސަތޭކަ ހާހަށްވުރެ ގިނަ މީހުންގެ އާބާދީއެއް އޮންނަ ބުޓެމްބޯ ސިޓީން، ބަލި ޖެހިފައިވާ ފުރަތަމަ ދެ މީހުން ހޯމަ ދުވަހު ފެނިފައިވާ ކަމަށް ކޮންގޯގެ ނޭޝަނަލް އިންސްޓިޓިއުޓް ފޯ ބަޔޯމެޑިކަލް ރިސާޗް (އައިއެންއާރުބީ) ގެ ޑިރެކްޓަރު ޖީން-ޖެކްސް މުޔެމްބޭ ރޮއިޓާސްއަށް ވިދާޅުވި އެވެ.
ޔުގެންޑާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ވަނީ އިޝާޝާ-ކްޔެޝޭރޯ ބޯޑަރު ހުރަސްކޮށް މީހުން ދަތުރުފަތުރުކުރުން ހަނިކުރަން ފަށާފައި ކަމަށް އެ ގައުމުގެ ސަރުކާރުގެ އޮފިޝަލެއް ރޮއިޓާސްއަށް ވިދާޅުވި އެވެ. ނަމަވެސް ރަސްމީކޮށް ބޯޑަރު ބަންދުނުކުރާ ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މީގެ އިތުރުން، ކޮންގޯގެ ދެކުނުން ގޯމާ އަދި ބުކާވޫ ސިޓީން ރުވާންޑާއަށް އެތެރެވާން އުޅުނު މީހުން ބޯޑަރު ކައިރިން ހުއްޓުވަމުންދާ ކަމަށް ރޮއިޓާސްގެ ރިޕޯޓަރުން ބުނެ އެވެ.
ބޯޑަރުތައް ބަންދުކުރުމުން، ރަސްމީ ނޫން މަގުތަކުން މީހުން ބޯޑަރު ހުރަސްކޮށް ބަލި ފެތުރުމުގެ ފުރުސަތު ބޮޑުވާނެތީ، ބޯޑަރުތައް ބަންދުނުކުރުމަށް ޑަބްލިއުއެޗްއޯއިން ހޮނިހިރު ދުވަހު ގައުމުތަކަށް އިލްތިމާސްކޮށްފައިވެ އެވެ.
ކޮންގޯގައި އެބޯލާގެ ނުރައްކާ އިންތިހާއަށް: 24 ގަޑިއިރު ތެރޭ 26 މަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ