އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޗައިނާއަށް ކުރި ދެ ދުވަހުގެ ރަސްމީ ޒިޔާރަތް ނިމުނުތާ ހަފްތާއެއް ވެސް ނުވަނީސް، ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕޫޓިން އަންގާރަ ދުވަހުގެ ރޭ ބެއިޖިންއަށް ވަޑައިގެން ޗައިނާގެ ރައީސް ޝީ އާ ބައްދަލުކުރައްވައިފިއެވެ.
ރޮއިޓަރސްގެ މައުލޫމާތަށް ބިނާކޮށް އެނގޭ ގޮތުގައި ޕުޓިންގެ މަތިންދާބޯޓު ބެއިޖިން ކެޕިޓަލް އެއަރޕޯޓަށް ރޭ 11:15 ހާއިރު ޖެއްސެވުމުން، އެމަނިކުފާނަށް މަރުހަބާ ދެންނެވުމަށް ޗައިނާގެ ޚާރިޖީ ވަޒީރު ވަން ޔީ ވަޑައިގެން ހުންނެވިއެވެ. އަދި އެއަރޕޯޓުގައި އޮނަރ ގާޑަކާއި، ޗައިނާ އާއި ރަޝިޔާގެ ދިދަ ހިފައިގެން ތިބި ޒުވާނުންގެ ގްރޫޕެއް ވެސް ތިއްބެވެ.
ކްރެމްލިންގެ ތަރުޖަމާން ޑިމިޓްރީ ޕެސްކޮވް ވިދާޅުވީ، ރަޝިޔާއިން އެއްވެސް ފަރާތަކާ ވާދައެއް ނުކުރާ ކަމަށާއި، މިއީ ޗައިނާއާ އެކު އޮތް މިނިވަން، ވަރަށް ގިނަ ގޮތްގޮތުން ފުޅާ ގުޅުން ކުރިއެރުވުމަށް ކުރާ ދަތުރެއް ކަމަށެވެ. ޓްރަމްޕް ޗައިނާއަށް ކުރި ދަތުރުގެ ވަފުދުގައި އެމެރިކާގެ ބޮޑެތި ކުންފުނިތަކުގެ ވެރިން ކަމަށްވާ އީލޮން މަސްކް އާއި ޓިމް ކުކް ހިމެނިފައިވާއިރު، ރަޝިޔާއިން ބުނަނީ އެއީ މުޅިން ތަފާތު ދެ ޓްރެކެއް ކަމަށެވެ.
ސިޔާސީ ގޮތުން ބަލާއިރު، ޕުޓިން ވީޑިއޯ ބަޔާނެއްގައި ވިދާޅުވީ ދެ ގައުމުގެ ގުޅުން މިހާރު އޮތީ ކުރީގެ އެއްވެސް ދުވަހަކާ އަޅާބަލާއިރު ނުދެކޭ ފެންވަރެއްގައި ކަމަށާއި، މިއީ ދުނިޔޭގެ ހަމަޖެހުމަށް ބޭނުންވާ މުހިންމު ބާރެއް ކަމަށެވެ. ބައްދަލުވުންތަކުގައި ޝީ ޖިންޕިންގް ޕުޓިންއަށް "އޯލްޑް ފްރެންޑް" އޭ މުޚާތަބުކުރައްވާއިރު، ޕުޓިން ޝީއަށް "ޑިއަރ ފްރެންޑް" އޭ ވިދާޅުވެއެވެ. ޗައިނާގެ ޑިޕްލޮމެޓިކް ބަހުގައި "އޯލްޑް ފްރެންޑް" އަކީ ވަރަށް ހާއްސަ ބޭފުޅުންނަށް ދެވޭ ލަގަބެކެވެ.
ޕުޓިން ޗައިނާގެ ރައީސް ޝީއާ ބައްދަލުކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ