މެލޭޝިއާގެ ދައުލަތުގެ މުއާސަލާތީ ކުންފުނި، ޓެލެކޮމް މެލޭޝިއާ (ޓީއެމް) ގެ އިސް ތިން މުވައްޒަފަކު އެ ކުންފުނީގެ 20 މިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާއަށް ހިޔާނާތްތެރިވި ކަމުގެ ތުހުމަތުގައި އެމެރިކާ ސަރުކާރުން އެ މީހުންގެ މައްޗަށް ދައުވާ އުފުލައިފި ކަމަށް އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޖަސްޓިސް (ޑީއޯޖޭ) އިން ބުނެފި އެވެ.
ޓެލެކޮމް މެލޭޝިއާގެ އެމެރިކާ ގޮފީގެ އިސްވެރިންގެ ގޮތުގައި މަސައްކަތް ކުރި މުހައްމަދު ހާފިޒް ލޮކްމަން އާއި، މުހައްމަދު ޔުޒައިމީ ޔޫސުފްގެ އިތުރުން ހާން ތުއޮންގް ންގުޔެންގެ މައްޗަށް ކުރަނީ، 2020 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން 2026 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ނިޔަލަށް އެކި ފަހަރު މަތިން ދޮގު މައުލޫމާތު ދީގެންނާއި ލިޔެކިޔުންތައް އޮޅުވާލައިގެން ކުންފުނީގެ ފައިސާ ނަގައި، އެމެރިކާގެ ކަމާބެހޭ ފަރާތްތަކާއި، ސަޕްލަޔަރުންނާއި، އޮޑިޓަރުންގެ އިތުރުން ސުޕަވައިޒަރުންނަށް އޮޅުވާލި ކަމުގެ ތުހުމަތެވެ.
"މި ތިން މީހުންނަކީ އަމިއްލަ މާލީ މަންފާއަށްޓަކައި ކުންފުނީގެ ރެކޯޑުތައް އޮޅުވާލައިގެން، ވަރަށް ބޮޑަށް ރާވައިގެން ހިޔާނާތުގެ އަމަލުތަކެއް ހިންގާފައިވާ ބައެއް ކަމަށް ތުހުމަތު ކުރެވޭ،" އެފްބީއައިގެ އެސިސްޓަންޓް ޑައިރެކްޓަރު އިން ޗާޖް ޖޭމްސް ސީ ބާނަކްލް ޖޫނިއާ ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.
މި މައްސަލާގައި ތުހުމަތު ކުރެވޭ މުހައްމަދު ހާފިޒް، ސެން ފްރެންސިސްކޯ އެއާޕޯޓުން ހައްޔަރުކޮށްފައިވާއިރު، އަނެއް ދެ މީހުން ވަނީ މިދިޔަ މަހު އަމިއްލައަށް ކަމާބެހޭ ފަރާތްތަކާ ހަވާލުވެފަ އެވެ. ޑީއޯޖޭއިން ބުނި ގޮތުގައި މި ތިން މީހުންގެ މައްޗަށް އުފުލާފައިވަނީ މުއާސަލާތީ ވަސީލަތްތައް ބޭނުންކޮށްގެން މަކަރާއި ހީލަތް ހެދުމަށް ރޭވުމާއި، މަކަރާއި ހީލަތް ހެދުމުގެ އިތުރުން މީހެއްގެ ވަކިވަކި މައުލޫމާތު ބޭނުންކޮށްގެން ވައްކަން ކުރުމުގެ ދައުވާ އެވެ.
މި މައްސަލައާ ގުޅިގެން މުހައްމަދު ހާފިޒް އާއި، މުހައްމަދު ޔުޒައިމީ އަދި ންގުޔެންގެ ބަހެއް މިހާތަނަށް ލިބިފައި ނުވާއިރު، ޓެލެކޮމް މެލޭޝިއާއިން ވެސް މިކަމާ ގުޅޭ ގޮތުން އަދި އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.
ޑީއޯޖޭއިން ބުނީ ޓެލެކޮމް މެލޭޝިއާ ކުންފުނީގެ މައްޗަށް ދައުވާ ނުކުރަން ނިންމީ، އެ ކުންފުނިން އަމިއްލައަށް އިސްނަގައިގެން މި ޖިނާއީ އަމަލުތަކުގެ މައުލޫމާތު ހިއްސާކޮށް، ތަހުގީގަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވައުދުވުމުން ކަމަށެވެ.
ކުންފުނިތަކުން ހިންގާ ޖިނާއީ ކުށްތައް އަމިއްލައަށް ރިޕޯޓް ކުރުމުން، އަދަބު ލުއިކޮށްދިނުމާއި އެހެނިހެން އިނާޔަތްތައް ދިނުމުގެ ސިޔާސަތެއް އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން އެކުލަވާލަމުންދާ ކަމަށް ރޮއިޓާސް އިން މިދިޔަ މާޗު މަހު ވަނީ ރިޕޯޓްކޮށްފަ އެވެ.
އެމެރިކާގެ ކޯޓަށް ހުށަހަޅާފައިވާ ދައުވާގައިވާ ގޮތުން، މި ތިން މީހުން ވަނީ ޓެލެކޮމް މެލޭޝިއާގެ ފައިސާ އެ މީހުންގެ އަމިއްލަ ބޭންކް އެކައުންޓްތަކަށް ޖަމާކޮށްފަ އެވެ.
މި ތިން މީހުން ވަނީ ކުންފުނީގެ އެހެން މުވައްޒަފުންނާއި އިންޓާާންގެ ގޮތުގައި ތިބި މީހުންގެ ނަމުގައި ޕޭރޯލް ތައްޔާރުކޮށްގެން އެ މީހުންގެ މުސާރަ ވެސް ނަގާފަ އެވެ.
ޓެލެކޮމް މެލޭޝިއާގެ 20 މިލިއަން ޑޮލަރަށް ހިޔާނާތްތެރިވި ތިން ވެރިއަކަށް އެމެރިކާގައި ދައުވާ އުފުލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ