ޓީއެމްއޭއިން ރެކޯޑެއް: އެއް ދުވަސްތެރޭ 800 ޓޭކްއޮފް، 7000 ފަސިންޖަރުން އުފުލައިފި

ދުނިޔޭގެ އެންމެ ބޮޑު ސީޕްލޭން އޮޕަރޭޓަރު، ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ) އިން އެއް ދުވަހެއްގެ ތެރޭގައި އެންމެ ގިނަ ފަސިންޖަރުން އުފުލައި، އައު ރެކޯޑެއް ގާއިމުކޮށްފިއެވެ. ޓީއެމްއޭއިން މިއަދު ސޯޝަލް މީޑިއާގައި ހާމަކުރި ގޮތުގައި، އިއްޔެ އެ ކުންފުނިން ވަނީ 7,000 އަށް ވުރެ ގިނަ ފަސިންޖަރުންނަށް ޚިދުމަތް ދީފައެވެ. މިއީ އެ ކުންފުނީގެ ދިގު ތާރީޚުގައި ވެސް އެއް ދުވަހެއްގެ ތެރޭގައި މިހާ ގިނަ އަދަދެއްގެ ފަސިންޖަރުން އުފުލި ފުރަތަމަ ފަހަރު ކަމަށް ބުންޏެވެ. ޓީއެމްއޭއިން ބުނީ، އިއްޔެގެ އޮޕަރޭޝަންތަކުގައި 800 އަށް ވުރެ ގިނަ ފްލައިޓް (ޓޭކްއޮފް އަދި ލޭންޑިން) ފުރިހަމަކޮށްފައިވާ ކަމަށެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށް، އެ ކުންފުނީގެ އޮޕަރޭޝަނަލް ގާބިލުކަން ހުރި މިންވަރު ހާމަކޮށްދޭ ވަރަށް ބޮޑު ހެއްކެއް ކަމަށް އެ ކުންފުނިން ފާހަގަކުރެއެވެ. ޓީއެމްއޭއިން އިތުރަށް ބުނި ގޮތުގައި، އެއްވެސް މެދުކެނޑުމެއް ނެތި މިހާ ގިނަ އަދަދެއްގެ ދަތުރުތައް އެއް ދުވަހެއްގެ ތެރޭގައި ނިންމާލެވުމަކީ ކުންފުނީގެ މުވައްޒަފުންގެ މެދުގައި އޮތް ބަދަހި ގުޅުމާއި، އެ މުވައްޒަފުން ކުރާ ބުރަ މަސައްކަތުގެ ނަތީޖާއެވެ. އަދި މިއީ ޓޫރިޒަމްގެ އެންމެ ބާރުބޮޑު ދުވަސްވަރުގައިވެސް އެ ކުންފުނީގެ އޮޕަރޭޝަންތައް ރޭވިފައިވާ ފުރިހަމަކަން ރަމްޒުކޮށްދޭ ކަމެއް ކަމަށް ވެސް ބުނެއެވެ. މި ކާމިޔާބީ ފާހަގަކުރަމުން ޓީއެމްއޭއިން ވަނީ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފައެވެ. 60 އަށް ވުރެ ގިނަ ބޯޓުގެ ފްލީޓަކާއެކު ޓީއެމްއޭއިން އަންނަނީ ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓުތަކަށް ސީޕްލޭންގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ. މިދިޔަ ހޮނިހިރު ދުވަހުވަނީ، ދުވާލަކަށް އެންމެ ގިނަ ފަތުރުވެރިން އައުމުގެ ރެކޯޑު މުގުރާލާފައެވެ. އެގޮތުން، ޓޫރިޒަމް މިނިސްޓްރީން އާންމުކުރި ހިސާބުތަކުން އެނގޭ ގޮތުގައި، ހޮނިހިރު ދުވަހު އެކަނި 11،136 ފަތުރުވެރިން ވަނީ ރާއްޖެ ޒިޔާރަތްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ