ދިރާގުން ހުޅުވާލަނީ ރޯދަމަހު "ކާށި ބިނދެގެން" ޗައިނާއަށް ދިއުމުގެ ފުރުސަތު

ދިރާގު އެޕް މެދުވެރިކޮށް "ކާށި ބިނދެގެން" ދެ މީހަކަށް ޗައިނާއަށް ދިއުމުގެ ފުރުސަތާއެކު، ރަމަޟާން މަހަށް އެކި ހަރަކާތްތަކާއެކު ޚާއްސަ ޕްރޮމޯޝަނެއް މިއަދު ތައާރަފްކޮށްފިއެވެ. މިއަދު ދިރާގުން ވަނީ، "އާއިލީ ގުޅުން"، މި ޝިއާރުގެ ދަށުން ރަމަޟާން މަހަށް ޚާއްސަ ޕްރޮމޯޝަނެއް އެކި އޮފާތަކާއެކު ތައާރަފްކޮށްފައެވެ. އެގޮތުން ދިރާގު މޯބައިލް އެޕް މެދުވެރިކޮށް "ކާށި ބިނދެގެން" ދެ ޖީބީގެ ޑޭޓާ ހޯދުމުގެ ފުރުސަތު ހުރިހާ ކަސްޓަމަރުންނަށް އޮންނާނެކަން ހާމަކޮށް ދިރާގުން ބުނީ، މި ޗެލެންޖުގައި ބައިވެރިވާ ކަސްޓަމަރުންގެ މެދުގައި ނަގާ ގުރުއަތުން ހޮވޭ ފަރާތަކަށް ޗައިނާއަށް ދެ މީހަކަށް ދެވޭ ޗުއްޓީ ދަތުރެއް ލިބޭނެ ކަމަށެވެ. މީގެ އިތުރުން ދިރާގު ކަސްޓަމަރުންނަށް ތަރާވީސް ދަމު ކޮންމެ ރެއަކު 09:00 އިން ފެށިގެން ދަންވަރު 01:00 ޖަހަންދެން 35 ރުފިޔާއަށް އެއް ދުވަހުގެ ހިލޭ ޑޭޓާ، އަދި 199 ރުފިޔާއަށް 28 ދުވަހުގެ ހިލޭ ޑޭޓާ ލިބޭނެ ކަމަށާއި، ހާރު ދަމު ކޮންމެ ދުވަހެއްގެ ދަންވަރު 01:00 އިން ފަތިހު 04:00 ޖަހަންދެން ހިލޭ ޑޭޓާ، ނުވަތަ މީހުންނަށް އެއް ގަޑިއިރެއް ވަންދެން ގުޅޭނެ ކަމަށް ދިރާގުން ބުންޏެވެ. ދިރާގުން މި ރަމަޟާން މަހު ދެން ތައާރަފްކުރީ އޮފާތަކަކީ: ލިމިޓެއްނެތް ފައިބާއަށް ބަދަލުވާން އެދޭ ކަސްޓަމަރުން ހިލޭ ބަދަލުކޮށްދީ، މިހާރުވެސް ކަސްޓަމަރުން ގެންގުޅޭ ޕެކޭޖަށް ދައްކަމުންދާ އަގު ދެ މަސްވަންދެން ދެއްކޭ ގޮތަށް ހެދުން 'ސަޅި އާއިލާ' މެދުވެރިކޮށް 30 ޖީބީއާ ހަމައަށް އާއިލާގެ ހަތަރު މެންބަރެއްގެ މެދުގައި މޮބައިލް ޑޭޓާ ބޭނުންކުރެވޭ ގޮތް ހެދުން ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ފުޑީސް އެޕްގެ ވައުޗަރު ހަދިޔާކުރެވޭ ގޮތް ހެދުން ދިރާގުޕޭ އިން މިޝަން ފޯ މައިގްރެންޓް ވޯކާސް މޯލްޑިވްސް މެދުވެރިކޮށް ބިދޭސީންނަށް އިފްތާރު ޕެކް ހަދިޔާ ކުރެވޭގޮތް ހެދުން ދިރާގުޕޭ އިން ރަމަޟާން މަހު އެހީއަށް ބޭނުންވާ އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، މަމްސް އެއިޑް މެދުވެރިކޮށް އަސާސީ ކާބޯތަކެތި ހިމެނޭ ކެއާ ބާސްކެޓު ހަދިޔާކުރެވޭނެ ގޮތް ހަދައި، އެ ހަރަކާތް ފެށުމުގެ ގޮތުން 100 އާއިލާއަކަށް އެހީތެރިކަން ދިނުން ދިރާގުޕޭ ނުވަތަ ދިރާގު އެޕް މެދުވެރިކޮށް ފަސޭހަކަމާއެކު ފިޠުރު ޒަކާތް ދެއްކޭނެ ގޮތް ހެދުން. މި ފެށޭ ރަމަޟާން މަހު ދިރާގުން ދޭން ބޭނުންވާ މެސެޖަށް އަލިއަޅުވާލައްވައި އެ ކުންފުނީގެ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް ޑިރެކްޓަރު މުޙައްމަދު މިރްޝާން ޙަސަން ވިދާޅުވީ، ދިރާގުން އަންނަނީ ދިވެހި މުޖުތަމައު ގުޅުވައިދީ، ދޭދޭ ގުޅުންތައް ބަދަހިކުރުމުގައި މުހިންމު ދައުރެއް އަދާކުރަމުން ކަމަށެވެ. "މިގޮތުން، މި ރަމަޟާން މަހަށް ދިރާގުގެ ޚާއްސަ ޝިއާރުގެ ގޮތުގައި ކަނޑައަޅައިފައިވާ "އާއިލީ ގުޅުން" މެދުވެރިކޮށް އަޅުގަނޑުމެން އެންމެ އިސްކަންދެނީ އާއިލީ ގުޅުން ބަދަހިކުރުމަށާއި ކިތަންމެ ދުރުގައި ތިބި ނަމަވެސް، އާއިލާއާ އޮންނަ ގާތްކަން ދެމެހެއްޓުމާއި، އެ ގުޅުންތައް އިތުރަށް ވަރުގަދަކުރުމުގެ މުހިންމުކަން ހަނދާންކޮށްދިނުމަށް،" މިރްޝާން ވިދާޅުވިއެވެ. ދިރާގުން ބުނީ، މި އޮފާތަކުގެ އިތުރުން މި ރަމަޟާން މަހުވެސް އާންމުންގެ މެދުގައި މަގުބޫލު ދިރާގު ގުޑި-ފެސްޓާއި ތަށިބަރި މޫވްމަންޓް ރަށްރަށުގައި ކުރިއަށް ގެންދާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ