ގައުމަށް އިސްލާހާއި ހެޔޮ ބަދަލު ގެންނަން އެދޭ ނަމަ އެންމެ ފުރަތަމަ އެ ބަދަލެއްގެ އަމަލީ ނަމޫނާއަކަށް ވުމަށް ރައީސް މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފި އެވެ.
ވީ ކިހިނެއް؟ - މާދަމާއަކީ މި އަހަރުގެ ރޯދަމަހުގެ ފުރަތަމަ ދުވަހުގެ ގޮތުގައި އިސްލާމިކް މިނިސްޓްރީން މިރޭ އިއުލާންކުރުމާ ގުޅިގެން، ރައީސް މުއިއްޒު ވަނީ ރޯދަމަހުގެ ތަހުނިޔާ ވިދާޅުވުމަށް ހިތޯބެއް ނެރުއްވައިފަ އެވެ.
ތަފްސީލް - ރައީސްގެ ހިތޯބުގައި ވިދާޅުވީ އާއިލާއަކަށް، މުޖުތަމައުކަށް ނުވަތަ ގައުމަކަށް އިސްލާހެއް ނުވަތަ ހެޔޮ ބަދަލެއް ގެންނަން އެދޭ މީހާ އެންމެ ފުރަތަމަ އެ ބަދަލެއްގެ އަމަލީ ނަމޫނާއަކަށްވުން މުހިއްމު ކަމަށާއި އެކަން ފަށަން ޖެހެނީ އެ މީހަކާ ހިސާބުން ކަމަށެވެ.
"އޭރުން ތިމާގެ ކިބައިން ފެށުނު ފެށުން އާއިލާއަށް، މުޖުތަމައަށް އަދި މުޅި ގައުމަށް ފޯރަ އެވެ،" ރައީސްގެ ހިތޯބުގައިވެ އެވެ.
ރައީސް ވިދާޅުވީ މި ބަރަކާތްތެރި ހެޔޮކަމުގެ މޫސުން އަޅުގަނޑުމެންނާ ބައްދަލުކުރިއިރު، މުޖުތަމައުއިން ދެކެން ބޭނުންވާ ވަރަށް ގިނަ ހެޔޮ ކަންކަން އެބަހުރި ކަމަށެވެ. އޭގެ ތެރޭގައި ރައީސް ހިމެނުއްވީ ދީނީ ކަންކަމާއި އާދަކާދައިގެ ކަންކަމާއި އުސޫލާއި ގާނޫނާއި ގަވާއިދަށް ބޯލެނބުމެވެ.
މުޖުތަމައުއިން ފެންނަންޖެހޭ މުހިއްމު ކަންކަމުގެ ގޮތުގައި ރައީސް ފާހަގަކުރެއްވީ:
ފަސް ވަގުތު ނަމާދުކުރުން
ކުޑަކުދިންގެ ކަރާމާތް ރައްކާތެރިކޮށް، ބޮޑެތި މީހުންނަށް އިހުތިރާމުކުރުން
މަސްތުވާތަކެތިން ސަލާމަތްވުމާއި ސީއްހީގޮތުން ނުރަނގަޅު އާދަތަކަށް ނޫނެކޭ ބުނުން
ހުރިހާ ކަމެއްގައި މާތްވެގެންވާ އިސްލާމްދީނުގެ އަސްލުތަކަށް ފުރިހަމައަށް ހުރުމަތްތެރިކޮށްހިތާ، ދިވެހިންގެ ހަރުދަނާ އިސްލާމީ ސަގާފަތާއި ދިވެހިވަންތަ ރީތި ތަހުޒީބު އަމިއްލަ ގޮތްތައް ނެގެހެއްޓުން
"ދިވެހިރާއްޖޭގެ އަމާންކަމަށްޓަކައެވެ. ދިވެހީންގެ ދެ ދުނިޔޭގެ ސަލާމަތަށްޓަކައެވެ. ހެޔޮލަފާ، ހުލްގު ހެޔޮ އަދި ޒަމާނާއެކު ކުރިއަރާފައިވާ ބަޔަކަށް ދިވެހީން ވުމަށްޓަކައެވެ. ދުނިޔޭގެ އެހެން މީހުންގެ ކިބައިން ވެސް ދިވެހީންނަށް ހެޔޮބަސްތައް ލިބި، ދިވެހީންގެ ގަދަރު މަތިވެރިވުމަށްޓަކައެވެ،" ހިތޯބުގައިވެ އެވެ.
ރޯދަމަސް އަހުލާގުގެ އެންމެ މަތިވެރި ހުރިހާ ފިލާވަޅެއް އުނގަންނައިދޭކަން ފާހަގަކުރައްވައި ރައީސް ވިދާޅުވިގޮތުގައި މި މަހުން ދަސްކޮށްދެނީ:
އަޅުކަންތައްތަކުން ވަގުތުތައް ރާވައިލުމާއި ވަގުތަށް ކަމޭހިތުން
ޒިކުރުތަކުން ތަގުވާވެރިވުމާއި ހިތާއި ރޫހާއި ހަށިގަނޑު ހެޔޮ ކަންކަމުގައި ހޭދަކުރުން
ރޯދަމަހު ކުރި ހަނގުރާމަތަކުން، އިސްލާމީ އުންމަތަށް ހެޔޮއެދުމާއި، ހައްގާއި ބާތިލާ ދެމެދު ތިމާ ސާބިތުވާންވީ ގޮތާއި، ހިތްވަރާއި ކެރުމާއި އަޒުމާއި ގުރުބާނީގެ މާނަތައް ހިތުގައި ބިންވަޅުނަގައިދޭ
ރޯދަވީއްލުމާއި ހާރުދަން ފަދަ އިޖުތިމާއީ އާއިލީ ބައްދަލުވުންތަކަކީ ޖަމާއަތުގެ ގުޅުންތައް ހަރުދަނާކުރުމާއި ދޭދޭ ކުލުނާއި ލޯބި އަށަގަންނުވައިދިނުމުގެ މަދަރުސާތަކެއް
"ވީމާ، މިކަންކަން އަޅުގަނޑުމެން ކޮންމެ މީހަކު އަމިއްލަ ނަފުސާ ހަމައިން ފަށަމާތޯއެވެ! މި އަހަރުގެ ބަރަކާތްތެރި ރަމަޟާން މަހަކީ ގައުމަށް ހެޔޮ ބަދަލެއް ގެނައުމަށްޓަކައި، އަމިއްލަ ނަފްސު އެ ބަދަލާ އެއްގޮތަށް، ދީނީ، ގައުމީ އިންތަކުގެ މަތީގައި ތަރުބިއްޔަތުކުރާ މައްސަރަކަށް ހަދަމާތޯއެވެ!" ރައީސް އިލްތިމާސްކުރެއްވި އެވެ.
ހެޔޮ ބަދަލު ގެންނަން އެދޭ މީހާ ފަށަންވީ އަމިއްލަ ނަފްސުން: ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ