ރާއްޖެ އާއި ބަންގްލަދޭޝްއާ ދެމެދު އޮތް ބަދަހި ގުޅުމާއި ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން ރައީސް މުހައްމަދު މުއިއްޒު، ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ ހުވާ މިއަދު ކުރެއްވި ތޯރިގް ރަހުމާނަށް ދެއްވައިފި އެވެ.
ވީ ކިހިނެއް؟ - ރައީސް މުއިއްޒު ބަންގްލަދޭޝަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިއްޔެ ވަނީ އެ ގައުމަށް ވަޑައިގެންފަ އެވެ. އެ މަނިކުފާނު ބަންގްލަދޭޝަށް ވަޑައިގެންނެވީ ތޯރިގް ރަހުމާން ބަންގްލަދޭޝްގެ ބޮޑުވަޒީރުކަމުގެ ހުވާކުރެެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށެވެ.
ތޯރިގް ރަހުމާން ހުވާކުރެއްވުމަށް ފަހު، ރައީސް މުއިއްޒާ ވަނީ ބައްދަލުކުރައްވާފަ އެވެ.
ތަފްސީލް - ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސް މުއިއްޒު ވަނީ:
މިދިޔަ ބުރާސްފަތި ދުވަހު ބަންގްލަދޭޝްގައި ބޭއްވި އާންމު އިންތިހާބުގައި ތޯރިގް ރަހުމާނުގެ ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ)ން ހޯދި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެފައި
"ދެ ގައުމުގެ ބަދަހި ގުޅުމާއި ދޭދޭ ގުޅުންތައް އިތުރަށް ހަރުދަނާކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ދެއްވި،" ރައީސް އޮފީހުން ބުނެފައިވެ އެވެ.
ބޮޑުވަޒީރުގެ ވާހަކަފުޅުގައި، މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ކަމަށްޓަކައި ރައީސް މުއިއްޒަށް ޝުކުރު އަދާކުރެއްވި އެވެ.
"ދެ ގައުމުގެ މެދުގައި ވިޔަފާރި އާއި އިންވެސްޓްމަންޓް އިތުރަށް ފުޅާކުރުމާއި ސިއްހީ، ތިމާވެށި، މަތީ ތައުލީމް އަދި ވައިގެ ދަތުރުފަތުރުގެ ދާއިރާތަކުން އިތުރަށް ގުޅުން ބަދަހިކުރުމާ ބެހޭ ގޮތުން ދެ ބޭފުޅުން ވަނީ މަޝްވަރާކުރައްވާފަ އެވެ،" ރައީސް އޮފީހުން ބުނެފައިވެ އެވެ.
އެނގުން މުހިންމު - ތޯރިގް ރަހުމާނަކީ ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ހާލިދާ ޒިޔާގެ ދަރިކަލުންނެވެ. މީގެ ކުރިން ބަންގްލަދޭޝްގެ ވެރިކަން ދިގު މުއްދަތަކަށް ދައުރުވަމުން އައީ ހާލިދާ ޒިޔާ އާއި އޭނާގެ ވާދަވެރި ޝައިހް ހަސީނާއާ ދެމެދުގަ އެވެ.
ޝައިހް ހަސީނާގެ ވެރިކަން ވައްޓާލީ 2024ގައި ޖެން-ޒީ އުމުރުގެ މީހުން އިސްވެ ކުރި މުޒާހަރާތަކުގެ ތެރެއިންނެވެ. ހަސީނާ މިވަގުުތު ދިރިއުޅުއްވަނީ އިންޑިއާގަ އެވެ.
ރާއްޖެ-ބަންގްލަދޭޝްގެ ގުޅުން ބަދަހިކުރާނަން: ރައީސް މުއިއްޒު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ