ފެނިގެން ދިޔައީ ރައްޔިތުންގެ ހިތުގައި ޢާޒިމަށް އޮތް ލޯތްބާއި، ކުރާ އިތުބާރު
މާލޭގެ މޭޔަރު އާދަމް ޢާޒިމްގެ ކާމިޔާބީގެ ފެށުން އައީ ވަރަށް ގޮންޖެހުން ބޮޑު މާހައުލެއްގެ ތެރެއިންނެވެ. އެންމެ ފުރަތަމަ ކުރިމަތިލާން ޖެހުނީ ސަރުކާރުގެ ކެންޑިޑޭޓަކާ އެކަންޏެއް ނޫނެވެ. އަމިއްލަ ޕާޓީގެ އެތެރޭގެ ޕްރައިމަރީ ވެގެން ދިޔައީ ނުހަނު ވަރުގަދަ ކުރިމަތިލުމަކަށެވެ. ޕާޓީއާ ދުރުގައި އުޅުއްވުމަށްފަހު ވަޑައިގެންނެވި ކުރީގެ މެންބަރު ޢަލީ ޢާޒިމް ނިކުންނެވީ އާދަމް ޢާޒިމް ބަލިކުރެއްވުމުގެ އަޒުމުގައެވެ. ޕްރައިމަރީގެ ފޯރި ގަދަވެގެން ދިޔައީ ޕާޓީގެ އިސް ސަފުގައި ތިއްބެވި ބޭފުޅުން ކަމަށްވާ ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި، ކުރީގެ ޗެއާޕާސަނުން ކަމަށްވާ މާރިޔާ އަޙްމަދު ދީދީއާއި ޙަސަން ލަޠީފްގެ އިތުރުން ފައްޔާޒް އިސްމާޢީލް ފާޅުގައި އަލީ ޢާޒިމްގެ ފަހަތަށް އަރައިވަޑައިގަތުމުންނެވެ. ދޮރުން ދޮރަށް ދިއުމުގެ ހަރަކާތްތަކާއި ޖަލްސާތަކުގައި އެ ބޭފުޅުން ކުރެއްވި މަސައްކަތްޕުޅު ވަރުގަދަ ނަމަވެސް، އާދަމް ޢާޒިމް ވަނީ ހާހަކަށްވުރެ ގިނަ ވޯޓުގެ ތަފާތަކުން ޕްރައިމަރީ ކާމިޔާބުކުރައްވައި، އެންމެން ހައިރާންކޮށްލައިފައެވެ. ޕްރައިމަރީ ނިމުމުންވެސް ކަންތައްތައް ދިޔައީ ދަތިކޮށެވެ. އެގޮތުން އެމްޑީޕީގެ އިސް ބައެއް ބޭފުޅުން ޢާޒިމަށް ތާއީދުކުރެއްވުމަށް ފަސްޖެހިވަޑައިގަތެވެ. ވަކިވަކި ކައުންސިލް ކެނޑިޑޭޓުންނަށް ތާއީދުކޮށް ވީޑިއޯ މެސެޖުތައް ދެއްވިއިރުވެސް، މޭޔަރު ކެނޑިޑޭޓަށް ވީޑިއޯ މެސެޖުތައް ނުދެއްވައެވެ. ނަމަވެސް، ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު، މާލޭގައި އޮތް ކެމްޕެއިންގެ ހަރަކާތްތަކާއި ދޮރުން ދޮރަށް ދިއުމުގެ ހަރަކާތްތަކުގައި އުޅުއްވިއެވެ. އަދި ފައްޔާޒާއި ކުރީގެ ނައިބު ރައީސް ފައިޞަލް ނަސީމާއި ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް ޢާޒިމްގެ އަރިހުގައި ބައިވެރިވެވަޑައިގެންފައިވެއެވެ. އާޚިރުގައި މާލޭ ރައްޔިތުން ދެއްވީ ވަރުގަދަ ޖަވާބެކެވެ. ޢާޒިމް މޭޔަރުގެ ގޮނޑި ކާމިޔާބުކުރެއްވީ ރައްޔިތުންގެ އިތުބާރު އޮތްކަން ސާބިތުކޮށްދެމުންނެވެ. މިއީ ހަމައެކަނި އިންތިޚާބީ ކާމިޔާބީއެއް ނޫނެވެ. މިއީ މި ސަރުކާރު ދެކެ އާންމުން ވެފައިވާ ފޫއްްސާއި އާންމު މެންބަރުންނާއި ރައްޔިތުންގެ ވިންދާ އެއްގޮތަށް މަސައްކަތްކުރުމުން ލިބޭނެ ލޯތްބާއި ނަތީޖާގެ ނަމޫނާއެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ