ޢާއިލާގައި ތިބީ 2 ފިރިހެންދަރިންނެވެ. ބައްޕަގެ މަސައްކަތުން މަންމަގެ ގޯތީގައި ރަނގަޅު ފެންވަރުގެ ގެއއެއް އަޅައި ނިމުނުތަނާ ބައްޕަ ނިޔާވެއްޖެއެވެ. މަންމަ ދެދަރިން ބަލައި ބޮޑުކުރީ ވީހާ ރަނގަޅަކަށެވެ. ކިޔަވައިދިނެވެ.
ދެދަރިން ބޮޑުވެ ވަޒީފާއަދާކުރަމުން ކައިވެނިކޮށް އަނބިން ގެއަށް ގެނެސް ފުރަތަމަ ކަމަކަށްވެސް އަނބިންގެ ކިބައިން އެދުނީ މުސްކުޅި މަންމައަށް ހެޔޮކޮށް ހިތައިގެން ބަލައިދިނުމަށެވެ. ނަމަވެސް އެކަން ދެއަނބިންނަށްވެސްވީ ވަރަށް ބުރަ ކަމަކަށެވެ.
މަސައްކަތް ނިމިގެން ދެބެއިންނަށް އެކުގައި ގެއަށް އައުދެވުނު ދުވަހެކެވެ. ދޮރުހުޅުވަން ބަލައިލިއިރު ގޭތެރެއިން އަޑުގަދަވާތީ އަޑުއަހައިލަން މަޑުކޮށްލުމުން އިވުނީ މަންމައަށް އެއްޗެތިގޮވާއަޑެވެ. ފުރައްސާރަކުރާ އަޑެވެ. މަރުވުން ލަސްވެގެން އެއްޗެތި ގޮވާއަޑެވެ.
ދެބެއިން އެކުގައި ގެއަށް ވަންއިރަށް މަންމައަށް ހެޔޮކޮށް ހިތާކަން ދައްކަން މަންމަގެ ގައިގައި ފިރުމަން ފެށިއެވެ. މަންމައަށް ވަރަސް ހެޔޮކޮށް ކަންކަން ކުރާކަން ދެއްކުމަށެވެ.
ދެބެއިންނަށްވެސް ބުނެވުނެވެ. "ކައިވެނިކޮށްގެން ގެނެސްފައި އެދުނީ އެންމެ ކަމަކަށެވެ. އެކަމަކީ މަންމައަށް ހެޔޮކޮށް ހިތައިގެން ބަލައިދިނުމަށެވެ. އެކަން ކުރާގޮތް ވަރަށް ރަނގަޅަށް މިއަދު އެނގިއްޖެއެވެ. މަންމައަށް ގޮވި އެއްޗެތި އަޑުއިވިއްޖެއެވެ. ފުދިއްޖެއެވެ. ދެން އަވަހަށް ގެއަށްދާށެވެ! ގެއަށް ގޮސް އަމިއްލަ މަންމަގެ ގައިގައި ފިރުމާށެވެ! އަހުރެމެންގެ މަންމަގެ ގައިގައި އަތްލާނެ ކަމެއް ނެތެވެ!"
ދެއަނބިންވެސް ވަރަށް ދެރަވެ މާފަށް އެދުނެވެ. ނަމަވެސް ދެބެއިން އެއަޑެއް ނުއެހިއެވެ. އަނބިން ވަރިކޮށް ގެއިން ފޮނުވައިލީއެވެ. ބުނީ މަންމައާއިމެދު ކަންތައް ކުރާގޮތުގެ އިތުބާރު ގެއްލުނީމާ ދެވަނަ ފުރުޞަތެއް ނުދެވޭނެ ކަމަށެވެ. އެމީހުންނާއިމެދު ގޯސްކޮށް ކަމެއް ކުރިނަމަ އިތުރު ފުރުޞަތު ދިނީސްކަމަށެވެ.
މިއީ އަޅުގަނޑު ބެލި ވީޑިއޯއެއްގައި ކަންތައްވީގޮތެވެ. އަޅުގަނޑު ބުނެލަން ބޭނުންވަނީ ނިއީ ބޭރުގައި ހިނގާފައި އޮތް ކަމެއް ނަމަވެސް މިކަމަކީ ހަމަ އަޅުގަނޑުމެންގެ ތެރޭގައިވެސް ހިނގަމުން އަންނަ ކަމެއް ކަމަށެވެ. ނަޞީޙަތަކީ ވިސްނައި ޢިބްރަތް ޙާޞިލުކުރުމެވެ. ގޯސްކޮށް ކަންކަން ކުރެވޭނަމަ ފަޅާއަރާނެ ދުވަހެއް އަންނާނެއެވެ. ހިތާމަކުރަން ނުޖެހިއެއް ނުދާނެއެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
ހޭލުންތެރިވާންޖެހޭ ކަމެއް!: މަންމައަށް އަނިޔާވެރިވުމުން ދެއަނބިން އެކުގަ ވަރިކުރި ދެބެއިންގެ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ