"އޭލެވެލް ކިޔަވަން ވަން ކުދީންގެ އަދަދު 49 ޕަސެންޓަށް އިތުރުވެއްޖެ"
އޭލެވެލް ކިޔެވުމަށް ސަރުކާރުން މިހާރު ކަނޑައަޅައިފައިވާ ފަސޭހަތަކުގެ ސަބަބުން، އޭލެވެލް ކިޔަވަން ވަން ކުދިންގެ އަދަދު 49 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއީލް ޝަފީއު މިއަދު ވިދާޅުވެެއްޖެއެވެ. ރާއްޖޭގައި އޭ-ލެވެލް ކިޔެވުމުގެ ފުރުސަތު ވީހާ ވެސް ގިނަ ކުދިންނަށް ދިނުމުގެ ގޮތުން ގްރޭޑް 11 އަދި 12 އަށް ދަރިވަރުން ވައްދާ ކްރައިޓީރިއާ ދަށްކޮށް އިސްލާހެއް ގެނައީ މިދިޔަ މަހުގެ ތެރޭގައެވެ. https://sun.mv/210108 އުސޫލު ބަދަލުކޮށް، އޭ-ލެވެލްއަށް ދަރިވަރުން ވެއްދޭނެ ތިން ގޮތެއް ވަނީ ކަނޑައަޅައިފައެވެ. އެއީ، އެކަޑެމިކް ސްޓްރީމްތަކާއި، ވޮކޭޝަނަލް އެޑިޔުކޭޝަންގެ އިތުރުން މަސައްކަތުގެ މާހައުލުގައި ކިޔެވުމުގެ އެޕްރެންޓިޝިޕް ޕްރޮގްރާމެވެ. އޭލެވެލްއަށް ކިޔަވާ ކުދިންގެ ދިރާސީ އަހަރު މިއަދު ފެށުމާ ގުޅިގެން ޕީއެސްއެމަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، އޭލެވެލް ކިޔަވަން މި އަހަރު ވަތް ކުދިންގެ އަދަދު އިތުރުވުމުން ހާމަވަނީ، ސަރުކާރުން ސިޔާސަތަށް ގެނައި ބަދަލުގެ މަގްސަދު ހާސިލުވާކަން ކަމަށެވެ. މިނިސްޓަރު ވިދާޅުވީ، ދަރިވަރުންނާއި ބެލެނިވެރިންގެ މެދުގައި މަތީ ސާނަވީގެ މުހިންމުކަމާ މެދު ހޭލުންތެރިކަން އިތުރުވެފައިވާ ކަމަށެވެ. އެގޮތުން 2023ވަނަ އަހަރު އޯލެވެލް ނިންމި ދަރިވަރުންގެ ތެރެއިން 32 އިންސައްތަ ނުވަތަ 2100 ދަރިވަރުން އޭލެވެލްއަށް ވަންއިރު މިފަހަރު 49 އިންސައްތަ ނުވަތަ 3200 ދަރިވަރުން އޭލެވެލްއަށް ވަދެފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިއީ ވަރަށް ބޮޑު ކުރިއެރުމެއްކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ. މީގެ އިތުރުން، އެތައް ރަށަކުން އޭލެވެލަށް ކިޔަވައިދޭން ފެށުމަށް އެދެމުންދާތީ، މިއަހަރު މުޅިން އަލަށް ގިނަ ރަށްރަށުގެ ސްކޫލްތަކުގައި އޭލެވެލްއަށް ކިޔަވައިދިނުން ފަށާފައިވާ ކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. މީގެ އިތުރުން، މަތީ ސާނަވީ މުހިންމުވަނީ ހަމައެކަނި އެކެޑަމިކް ނުވަތަ ދެލިގަނޑުން ދަސްކުރުމަށް އެކަނި ނޫންކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، މިއީ ވަޒީފާގެ މާޙައުލަށް ކުދިން ތައްޔާރުކުރުމާއި މުއާމަލާތްކުރުމުގެ ހުނަރުތައް ތަރައްޤީކުރުމާއި އާއްމު ދިރިއުޅުމަށް ކުދިން ވަރަށް ބޮޑަށް ތައްޔާރުކުރާ މުހިންމު ދެ އަހަރު ކަމަށެވެ. އެހެންވެ، ސަރުކާރުން ނިންމާފަވަނީ ދެ ގޮތަކުން މަތީ ސާނަވީގެ ކިޔެވުން ކުރިއަށް ގެންދިއުމަށް ކަމަށް ވިދާޅުވިއެވެ. އެއީ، އޭގެ ތެރޭ ފޮތުން ދަސްކުރުމުގެ އެކެޑަމިކް ޕާތެއްގެ އިތުރުން، ވޮކޭޝަނަލް ތަޢުލީމުގެ މަރުހަލާއެއް ވެސް ހިމެނުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ