މެންޗެސްޓާ (ސެޕްޓެމްބަރު 14) - އިނގިރޭސި ފުޓްބޯޅަ އަށް އޭނާ އައި ފަހުން އެންމެ މޮޅު ޓީމަކީ މެންޗެސްޓާ ސިޓީ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.
ބާސެލޯނާ އާއި ބަޔާން މިއުނިކްގެ ކުރީގެ ކޯޗު، ގާޑިއޯލާ މި ގޮތަށް ބުނެފައިވަނީ، އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ޔުނައިޓެޑާ ކުޅޭ މެޗުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ސުވާލަކަށް ދިން ޖަވާބުގަ އެވެ.
ސިޓީގެ ކޯޗުކަމާ 2016 ވަަނަ އަހަރު ހަވާލުވި، ގާޑިއޯލާއާ އެކު އެ ޓީމުން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެކަމަކު، މިދިޔަ ސީޒަނުގައި ސިޓީ ދަށްކޮށް ދިޔައިރު، މި ސީޒަނުގެ ފުރަތަމަ ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ ބަލިވެފަ އެވެ. ތިން ވަަނަ މެޗުގައި ސިޓީން މިރޭ އަމިއްލަ ދަނޑުގައި ޔުނައިޓެޑާ ކުޅޭނެ އެވެ.
އެ މެޗުގެ ކުރިން، ގާޑިއޯލާ، ގާތުގައި ނޫސްވެރިއަކު ސުވާލުކުރީ، މި ވަގުތަށް ބަލާއިރު، ޔުނައިޓެޑަކީ ސިޓީ އަށް އޮތް ނުރައްކަލެއްތޯ އެވެ.
ގާޑިއޯލާ ބުނީ، ޔުނައިޓެޑަކީ އަބަދުވެސް އޭނާ ވިސްނާނެ ޓީމެއް ކަމަށެވެ. އެއީ، ސިޓީއާ އޭނާ ހަވާލުވި ފަހުން ވެސް ޔުނައިޓެޑް އަތުން ގިނަ ފަހަރުތަކެއްގައި ބަލިވެފައިވާ ކަމަށާއި ޔުނައިޓެޑްގެ ލެގަސީގައި އެކަން ހުންނާނެކަން ގާޑިއޯލާ ފާހަގަކުރި އެވެ.
"މިސާލަކަށް 90 ގެ އަހަރުތަކުގައި އަހަރެމެން ވެސް ހުރެފާނެ ހޯމް އާއި އަވޭގައި އެ މީހުން ބަލިކޮށްފައި. ދެން، 27 ވަރަކަށް އަހަރު ތެރޭ 20 ވަރަކަށް ފަހަރު އެ މީހުން ޕްރިމިއާ ލީގު ކާމިޔާބުކޮށްފައި ހުރެފާނެ. މިދިޔަ ނުވަ އަހަރު ތެރޭ އަހަރެމެން ހަ ފަހަރު ލީގު ހޯދިން. އެހެންވީމަ، މި ވަގުތަށް ބަލާއިރު އަހަރެމެން ކުރީގައި މި އޮތީ. އަހަރެން މި ޓީމާ ހަވާލުވި ފަހުން މޮޅު ޓީމަކީ ސިޓީ،" ގާޑިއޯލާ ބުންޏެވެ.
މި ވަގުތު ޔުނައިޓެޑް އޮތް ލެވަލަށް ބަލާއިރު، ސިޓީ އަތުން މޮޅުވެވިދާނެ ކަމަށާއި އެކަމަކު އެއީ ސިޓީން ނުވިސްނާ ނަތީޖާއެއް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.
"އަހަރެމެންނަށް ޕޮއިންޓް އެބަ ބޭނުންވޭ. އަހަރެމެން މިހާރު މި އޮތް ހާލަތުން އަަރައިގަނެވޭނީ މެޗުތަކުން މޮޅުވެގެން. މެޗުތަކުން މޮޅުވެގެން ޕޮއިންޓް ލިބޭނީ، މެޗުތަކުގައި ވީ ގޮތް މުހިންމެއް ނޫން،" ގާޑިއޯލާ ބުންޏެވެ.
ސިޓީން ވަނީ ޕްރިމިއާ ލީގުގައި އެންމެ ފަހުން ޔުނައިޓެޑާ ދެކޮޅަށް ކުޅުނު އަށް މެޗުގެ ތެރެއިން ފަސް މެޗުން މޮޅުވެފަ އެވެ. އެކަމަކު، މިދިޔަ ސީޒަނުގައި މި ދެ ޓީމު ކުޅުނު ދެ މެޗު ވެސް ނިމުނީ އެއްވަރުވެގެންނެވެެ.
އަހަރެން އައި ފަހުން މޮޅު ޓީމަކީ ސިޓީ: ގާޑިއޯލާ އަހަރެން އައި ފަހުން މޮޅު ޓީމަކީ ސިޓީ: ގާޑިއޯލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ