ރިސޯޓެއްގެ ބޭރުމައްޗާއި ފަރާއި ފަޅަށް ފައިބައިގެން ފީނުމާއި މަސްވެރިކަން ކުރުމާއި އެނޫންވެސް ބޭނުމެއް ރިސޯޓުގެ ހުއްދަނެތި ކުރުމަކީ މަނާކަމެކެވެ. އެހެނެއް ކަމަކު މީހުން އުޅޭ ރަށެއް ރަަށެއްގެ އިހުތިސޯސްގައި ހިމެނޭ ސަރަހައްދެއްގައި ކޮންމެ ބަޔަކު ކޮންމެ ކަމެއް ކުރިޔަސް އެއްޔަކީ މަނާ ކަމަކަށް ނުވެއެވެ.
ބ. ދޮންފަނު ގެ އިހުތިސޯސްގެ ގޮތުގައި ގާނޫނީ ގޮތުން ކަނޑައަޅާފައިވާ ސަރަަހައްދުގައި ފިނާ އެ ސަރަހައްދުގެ ގުދުރަތީ މުއްސަދިކަމުގެ ފައިދާ ނަގައިގެން ވިޔަފާރި ކުރުމަކީ އާއްމު ކަމެކެވެ. ދޮންފަނުގެ ފަރުގެ މުއްސަދިކަމުގެ ފައިދާ ހުއްޓާނުލާ ނަގަމުން ދާއިރު ދޮންފަނަށް އެކަމުން ކުރާ ކުޑަވެސް ރާހަތެއް ނޯވެއެވެ.
އެންމެފަހުން އެކަން ބޮޑުވެ ދޮންފަނުގެ އިހުތިސޯސްގައި ހިމެނޭ ސަރަހައްދަށް ފީނާ އެ ސަރަހައްދުގެ ފައިދާނެގުން ދޮންފަނު ކައުންސިލުން މަނާކުރުމުން ހީވީ އެހެން ކަމެއް ހެންނެވެ. ދޮންފަނުގެ އިހުތިސޯސުން ފައިދާނެގުން ހުއްޓުވުމަށް ދޮންފަނު ރައްޔިތުން ދޯނިފަހަރުގައި ނިކުތުމުން އެކަމަކީ ބައެއްގެ ހައްގުތަކަކަށް އަރައިގަތުން ކަމަށްވެއްޖެއެވެ.
ހަނިފަރުބޭ ނޫނަސް ދޮންފަނު ހައުސް ރީފް އަކީ ދެވަނައެއް ނެތްފަދަ ގުދުރަތީ ދިރުންތަކުން މުއްސަދި ވެއްޓެކެވެ. ވެލަޔާއި ކަހަނބުން މުއްސަދި މަދުން ނޫނީ ނުފެންނަވަރުގެ ހިތްގައިމު ފަރެކެވެ. ފަތުރުވެރިންނަށް ފިސާރި މަގުބޫލު މާހައުލެކެވެ.
ޔުނެސްކޯ ބަޔަސްފިޔަރ ރިޒާވަށް ގެއްލުމެއް ވެދާނެތީ ދޮންފަނު ރައްޔިތުންގެ ބޯހިޔާވަހިކަމަށް ދޮންފަނު ބިން ހިއްކޭކަށްނެތެވެ. ދޮންފަނު ފަރުގެ ގުދުރަތީ މުއްސަދިކަމުގެ ފައިދާ ނަގައިގެން ދޮންފަނަށް އެއްވެސް އަގެއް ނުދައްކާ އެހެން ބަޔަކު އާމްދަނީ ހޯދާއިރު އެކަން ހުއްޓުވުމުގެ ހައްގެއްވެސް ދޮންފަނު ރައްޔިތުންނަކަށް ނެތެވެ.
ދޮންފަނު ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯދާދިނުމަށް ބިންހިއްކަން ރައީސް މުއިއްޒު ވައުދުވެ ދޮންފަނު ރައްޔިތުންގެ ކުރިމަތީގައި ބާރަށް އަތްޖަހާފައި މަސައްކަތް ބަޔަކާ ހަވާލުކުރުމަށް ފަހު ބިން ހިއްކުން ހުއްޓާލައިގެން ސަރުކާރުން އެއޮންނަނީ ހިރުވާތަން ކަހާވެސް ނުލައެވެ. ދެވަނަ ވިސްނުމަކަށްގޮސް ދޮންފަނު ރައްޔިތުންގެ ކަންބޮޑުވުމަށް ހައްލެއް ހޯދާދޭނަމޭވެސް ހިތައްނާރައެވެ.
ދޮންފަނު ރައްޔިތުން ކަނޑުމަތީގައާއި ރަށުތެރޭގައި ސިލްސިލާކޮށް މުޒާހަރާ ކުރަމުން ދާތާ ހަފުތާއެއް ވާންދާއިރުވެސް ރައީސް މުއިއްޒު އެޅުއްވަނީ ނޫސްވެރިން ނުބަނދެވިގެންނެވެ. ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުން އެދޭގޮތަށް ކަންތައްކޮށްދޭ ސަރުކާރެކޭ ބުނެ ދޮންފަނު ރައްޔިތުންނަށް ދޯކާދީ ދޮގުހަދާފައި ދޮންފަނު ރައްޔިތުންގެ އަޑުނީވޭހާ ރައީސް ބީރުވެފައި ކަނުވެފައި މަންމަނީ ހެއްޔެވެ. ދޮންފަނު މީހުންތިބީ ކޮޅެއްގައި ނުޖައްސާ ދޫދޭ ގޮތަކަށް ނޫނެވެ.
ރިސޯޓްތަކަށް އޮންނަ ދޮންފަނަށް ނުއޮންނަ ފަރުހައްގު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ