މަރުވުމަށްފަހު އެއްވެސް މީހެއްގެ ހަށިގަނޑަށް އެއްވެސް އަޑެއް (ﷲ ތަޢާލާ އެއްވެވި އަޑެއްފިޔަވައި) ނުއިވޭނެކަން އެނގެން އެބައޮތެވެ. އޭނާގެ ރޫޙަށް އަޑުއިވުމާއިމެދު ޢިލްމްވެރިންގެ މެދުގައި ޚިޔާލުތަފާތެވެ. އެހެންވެ މިވަޤުތު މިއުޅެނީ އެކަމުގެ ވާހަކަ ދައްކާކަށް ނޫނެވެ.
މައިންބަފައިން ނުވަތަ އެނޫންވެސް ތިބާ ލޯބިވާ މީހަކު މަރުވުމަށްފަހު ތިބާގެ މެސެޖް ﷲ ތަޢާލާ މެދުވެރިކޮށް އެމީހަކަށް ފޮނުވިދާނެއެވެ. އިން ޝާ ﷲ.
ދުޢާ ކުރާށެވެ! "ޔާ ﷲ! މިއަޅާގެ މަންމަ، ބައްޕަ، މިވެނި މީހަކުދެކެ މިއަޅާ ލޯބިވާކަން އޭނާއަށް އަންގަވައި ދެއްވަވާނދޭވެ! އޭނާއަށްޓަކައި މިއަޅާ ދުޢާކުރާކަންވެސް އަންގަވައި ދެއްވަވާނދޭވެ!" އާމީން
(މިޘާލެއް! ޔާ ﷲ! މިއަޅާގެ މަންމަ ދެކެ މިއަޅާ ލޯބިވާކަމާއި މަންމައަށްޓަކައި މިއަޅާ ހެޔޮދުޢާކުރާކަން މަންމައަށް އަންގަވައި ދެއްވަވާނދޭވެ! އާމީން"
މިދުޢާ ﷲ ތަޢާލާގެ އިޛުނަފުޅާއިއެކު މަލާއިކަތުން މެދުވެރިކުރައްވަވައި އެމީހަކަށް ލިބޭނެކަން އެނގެން ޙަދީޘްފުޅުން އެބައޮތެވެ. އެއީ ބަރުޒަޚުގެ ޢާލަމުގައިވެސް ދަރިންގެ ދުޢާއިން "ޔާ ﷲ! މިއަޅާގެ މަންމަގެ ފާފަތައް ފުއްސަވައި ދެއްވަވައި ހެޔޮ ރަޙްމަތް ލައްވަވާނދޭވެ!" މިފަދައިން ޞާލިޙް ދަރިން ދުޢާކުރީމާ ޢިޖާބަ ކުރައްވަވައި އޭނާގެ ދަރަޖަ ކައްވަޅުގައިވެސް މަތިކޮށްދެއްވަވާތީއެވެ. އަދި އެއީ އޭނާގެ ދަރިން ކުރާ ދުޢާއާއި ޞަދަޤާތާއި އެހެންވެސް ހެޔޮ ޢަމަލުތަކުގެ ސަބަބުންކަން މަލާއިކަތުން މެދުވެރި ކުރައްވަވައި ﷲ ތަޢާލާ އަންގަވައި ދެއްވަވާތީއެވެ.
ދެން ކުރާނެ ސުވާލަކީ މައިންބަފައިންނަށްޓަކައި ހެޔޮދުއާކުރަން މަހާނަކައިރިއަށް ދާންޖެހޭ ހެއްޔެވެ؟ ޖަވާބަކީ ނުޖެހެއެވެ. ދުނިޔޭގެ ކޮންމެ ތަނެއްގައި ހުރެގެންވެސް ދުޢާކުރެވޭނެއެވެ. ފްލައިޓުގައި އުދުހެމުންވެސް، ދެވޭނަމަ ހަނދަށްގޮސް ހަނދުގައި ހުރެގެންވެސް ދުޢާކުރެވޭނެއެވެ.
ކޮންމެ ތަނެއްގައި ހުރެގެންވެސް ކުރާ ދުޢާ ޢިޖާބަ ކުރެއްވެވުމަށް ﷲ ތަޢާލާ ކުޅަދުންވަންތައެވެ.
އިތުރު ސުވާލަކީ މަރުވުމަސްފަހު ދިރިތިބި މީހުންނަށް އެއްވެސް ކަމެއް ކޮސްދެވޭނެ ހެއްޔެވެ؟ ޖަވާބަކީ ނޫނެކެވެ. ހަމަ އެއްވެސް ކަމެއް ކޮށެއް ނުދެވޭނެއެވެ. މިބުނި މަގުން ކަމެއް ކޮށްދެވޭނީ ދިރިތިބި މީހުންނަށެވެ.
މަރުވެފައިވާ މަންމަ، ބައްޕައަށް އަދި އެހެން މީހަކަށްޓަކައި ނަމަވެސް ގިނަގިނައިން ހެޔޮދުޢާކުރާށެވެ! އެމީހުންގެ ފާފަތައް ފުއްސަވައިދެއްވެވުން އެދި ގިނަގިނައިން ދަންނަވާށެވެ! ޞަދަޤާތާއި ދެންވެސް ކުރެވެން ހުރި ހެޔޮ ޢަމަލުތައް ކުރާށެވެ!
- ބިލާލް އައްސަދުގެ ދަރުސަކުން / މިއަދުނޫސް
މަރުވެފައިވާ މަންމަ، ބައްޕަ، އަދި އެހެން މީހަކުދެކެވެސް ތިބާ ލޯބިވާކަން ﷲ ތަޢާލާ މެދުވެރިކޮށް އަންގައިދެވޭނެ! ތިބާ ހެޔޮ ދުޢާކުރާކަންވެސް އަންގަވައިދެއްވަވާނެ!: ބިލާލް އައްސަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ