އެއާޕޯޓު ކުންފުނިން ފިޓްނަސް ސެންޓަރު ހަދަނީ ސީއެސްއާރުގެ ދަށުން: ޚަރަދާއި ތަފުސީލުތައް ނުދިން
ވައިގެ ބަނދަރުތައް ބަލަހައްޓަން އުފައްދާފައިވާ, މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކަސްރަތު ކުރާ ސެންޓަރުތަކެއް ރަށްރަށުގައި ހެދުމަށް ހަވާލުވެފައިވާއިރު އެ ކަމަށް ކުރާ ހޭދައިގެ ތަފްސީލަށް އެދުމުން އެ މައުލޫމާތު އަދި ނުދޭން ނިންމައިފިއެވެ. އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތައް ގާއިމުކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ. އެ މަޝްރޫއުތައް ހިންގުމަށް ސަރުކާރުގެ އެކިއެކި ކުންފުނިތަކާ ހަވާލު ކޮށްފައިވާއިރު އޭގެ ތެރޭގައި އެމްއޭސީއެލް ވެސް ހިމެނެއެވެ. https://www.sun.mv/210190 މި މަޝްރޫއުތަކާ ހަވާލުވެލެއްވުމަށް, ރައީސް މުއިއްޒު އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކުގައި ގިނައިން ދަތުރު ކުރައްވަނީ އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދެވެ. ވައިގެ ބަނދަރު ބަލަހައްޓާ, ތަރައްގީ ކުރާ ކުންފުންޏަކުން ފިޓްނެސް ސެންޓަރުތަކެއް އަޅަން ހަވާލު ވުމުން އެކަމަށް ވަރަށް ފާޑުކިޔުން އަމާޒުވިއެވެ. އެހެންކަމުން އާރުޓީއައި މެދުވެރިކޮށް "ސަން" އިން ވާނީ މި މަސައްކަތްތަކުގެ ތަފްސީލު ހޯދުމަށް އެމްއޭސީއެލްގައި އެދިފައެވެ. އޭގެ ތެރޭގައި އެމްއޭސީއެލްއަކީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ތަރައްގީ ކުރުމުގެ ބޮޑު ޒިންމާ އަދާ ކުރަން އުފައްދާފައިވާ ކުންފުންޏަކަށް ވާއިރު, ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރުތަކެއް އެޅުމަށް އެ ކުންފުނިން ހަވާލުވި ސަބަބު ސާފު ކޮށްދިނުމަށް އެދުނީމެވެ. އަދި ފިޓްނަސް ސެންޓަރުތައް އެޅުމަށް އެ ކުންފުނިން ކިހާ ވަރެއްގެ ހަރަދެއް ކުރަން ޖެހޭތޯ ވެސް އެހީމެވެ. އަދި އެއާޕޯޓް ބަލަހައްޓާ ކުންފުންޏަކުން ފިޓްނެސް ސެންޓަރު އެޅުމުގެ ކެޕޭސިޓީއާ ގުޅޭގޮތުން ވެސް ސުވާލު ކުރީމެވެ. ހަމައެހެންމެ ކުރިއަށް އޮތްތަނުގައި އެއާޕޯޓް ހިންގުމާއި އޭވިއޭޝަން ދާއިރާ ނުހިމެނޭ މަސައްކަތަކާ ކުންފުނިން ހަވާލުވުމުގެ ވިސްނުން ގެންގުޅެންތޯ ވެސް ސުވާލު ކުރީމެވެ. މިދިޔަ މަހުގެ 25 ގައި ކުރި އެ ސުވާލުތަކަށް އެމްއޭސީއެލްއިން ޖަވާބެއް ދީފައިވަނީ މިދިޔަ އާދިއްތަ ދުވަހުއެވެ. އޭގައި ބުނެފައިވަނީ އެ މަޝްރޫއަކީ އެ ކުންފުނީގެ, ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން, އެ ކުންފުނީގެ ކެޕޭސިޓީގެ ތެރެއިން ކުރިއަށް ގެންދާ މަޝްރޫއެއް ކަމަށެވެ. ހަރަދުގެ ތަފްސީލާއި އެހެން ސުވާލުތަކަށް ޖަވާބު ނުދެއްވައި, އެ ކުންފުނިން ބުނީ މަޝްރޫއުގެ މަސައްކަތް ނިމުމުން, ހޯދުމަށް އެދިފައިވާ އިތުރު މައުލޫމާތު ފޯރުކޮށްދޭނެ ކަމަށެވެ. https://www.sun.mv/210133 ސަރުކާރުގެ އެ ކުންފުނިން ހަރަދުގެ ތަފްސީލު އަދި ހާމަކޮށްފައި ނުވާއިރު އާއްމު އުސޫލަކީ ޕްރޮޖެކްޓަކާ ހަވާލުވާއިރު އެ ޕްރޮޖެކްޓަކަށް ހިނގާނެ ހަރަދާއި, ހޭދަވާނެ މުއްދަތާއި, ކުރަން ޖެހޭނެ ކަންކަން އެނގޭނެއެވެ. އެމްއޭސީއެލްގެ އިތުރުން އެހެން ސަރުކާރުގެ ބައެއް ކުންފުނިތަކަށް ވެސް އެ ކުންފުނިތަކުގެ މެންޑޭޓުން ބޭރުން ގިނަ މަޝްރޫއުތަކެއް ސަރުކާރުން މި ފަހުން ވަނީ ހަވާލު ކޮށްފައެވެ. އޭގެ ތެރޭގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން އުފައްދާފައިވާ ފަހި ދިރިއުޅުން ކޯޕަރޭޝަނަށް ސްކޫލު އެޅުން ހިމެނެއެވެ. އަދި މަގު ހަދަން އުފައްދާފައިވާ ރޯޑް ކޯޕަރޭޝަނަށް ހޮސްޕިޓަލް އަޅަން ހަވާލުކޮށްފައި އެބަހުއްޓެވެ. މިގޮތަށް ސަރުކާރުން އަމަލު ކުރާއިރު, ސަރުކާރުގެ ޕްރޮޖެކްޓްތައް ހިންގާފައިވާ އަމިއްލަ ކުންފުނިތަކަށް ދޭން ޖެހޭ ގިނަ އަދަދެއްގެ ފައިސާ އަދިވެސް ނުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ