އެދުނު ބައިވަރު ކަންކަން ނުފުދުނުއިރުވެސް އެތައް އަހަރެއްވަންދެން އެކުގަ އުޅެވުނުއިރު ދެންވެސް އެކުގަ ނުއުޅެވެންވީ ކީއްވެ؟

ބައިވެރިޔާ އެދޭ ހުރިހާ ކަމެއް ފުރިހަމަކޮށްދެވިގެން އުޅެވޭ ދެމަފިރިންގެ ޢަދަދު ވަރަށް މަދުވާނެއެވެ. އެއީ ކޮންމެހެން އެކަންކަން ކޮށްދޭނެ ތަނަވަސްކަން ނެތިގެނެއްވެސް ނޫނެވެ. އިހްމާލްވެވޭތީއެވެ.
އެހެންކަމާއިއެކުވެސް އެތައް އަހަރެއްވަންދެން އެކުގައި އުޅެފައި ކުއްލިއަކަށް ދެން އެކުގައި ނުއުޅެވޭނެ ކަމަށާއި ސަބަބަކީ އެދޭ ކަންކަން ކޮށްނިދިނުން ކަމަށް ބުނާނަމަ އެއީ މައްސަލައެކެވެ. އެޙާލަތުގައި އިތުރަށް ވިސްނާލަންވާނެއެވެ. ސިކުނޑިއަށް އެވިސްނުން ލިބުނީ ކޮން ގޮތަކުންކަމާއިމެދުގައެވެ.
ކީއްވެގެންކަން ބުނެދޭކަށް ނުއެނގެއެވެ. އެނގޭކަމަކީ ވަރަށް ގިނަ އެކުވެރިންނަށް ކަންކަން  ކުރިމަތިވުމުން އަހުރެންނާއި އެކަންކަން ޙިއްޞާކުރާކަމެވެ. ޙިއްޞާކޮށްފިނަމަ އަހުރެންނަށް ވިސްނޭ އެންމެ ރަނގަޅު ގޮތް އަބަދުވެސް ބުނެދެމެވެ. 
އެންމެ ގިނައިން އެކުވެރިން ފާހަގަކުރާ އެއްކަމަކީ އަމިއްލަ ދިރިއުޅުމުގެ ކޮންމެވެސް ކަމެއް ޙައްލު ނުކުރެވިގެން ކަންބޮޑުވާކަމެވެ. އެކަން ޙައްލު ނުކުރެވޭނަމަ ދިރިއުޅެވެން ނެތްކަމަށްވެސް ބުނެއެވެ. އެއީ އެމީހުންނަށް އެކަން ޤަބޫލުކުރެވޭ ގޮތެވެ. 
އެފަދަ ޙާލަތުގައި އަހުރެން ބުނަމެވެ. ޢުމުރުން މިހައިތަނަށް އައުދެވުނުއިރު ތިބާ ކުރަން ބޭނުންވި ކިތައް ކަންތައް ނުކުރެވި އެބައޮތް ހެއްޔެވެ؟ އަދި ޙާޞިލްކުރަން ބޭނުންވި މިންވަރަށް ޙާޞިލްނުކުރެވި އޮތް ކިތައް ކަންތައް އެބައޮތްހެއްޔެވެ؟ އެކަންކަން ޙާޞިލްނުކުރެވުނީތީ ތިބާއަށް ދުނިޔޭގައި ނުއުޅެވުނުނަމަ މާކުރިން ތިބާ ވާނީ މަރުވެފައި ނޫންހެއްޔެވެ؟ 
ބުނަން ބޭނުންވާ ވާހަކައަކީ ދެމަފރިންގެ ޒަވާޖީ ހަޔާތުގައިވެސް ތިމާ އެދޭ ގޮތަށް ޙާޞިލްނުކުރެވޭ ކަންތައްތަކެއް ހުންނާނެއެވެ. އަދި ޙާޞިލްކުރަން ބޭނުންވާ މިންވަރަށް ޙާޞިލުނުކުރެވޭ އެތައް ކަމެއްވެސް ހުންނާނެއެވެ. އެއީއަކީ ޒަވާޖީ ޙަޔާތުގައި އިތުރަށް ކުރިއަށް ނުދެވޭނެ ކަމަށް ނިންމަން ޖެހެންވީ ސަބަބެއް ނޫނެވެ. 
ދެން ވިސްނައިލަންވީ ތިމާގެ ބައިވެރިޔާ އެދޭ ކަންކަމުގެ ތެރެއިންވެސް ތިމާއަށް ފުއްދައިނުދެވޭ ކަންކަމާއި އަދި ކޮންމެވެސް މިންވަރަކަށް ފުއްދައި ދެވުނަސް ބައިވެރިޔާ ބޭނުންވާ މިންވަރަށް ފުއްދައި ނުދެވޭ ކަންތައްތަކެއްވެސް ހުންނާނެކަމެވެ. ވީމާ ޙައްލަކަށް އޮތީ ވީހައި ގިނައިން އެކަންކަމަށް ދެމީހުންވެސް ވާހަކަދައްކައި މަޝްވަރާކުރުމެވެ. 
ދެމީހުންގެ މެދުގައި މަޝްވަރާކުރެވޭނަމަ މިފަދަ ކަންކަން އަބަދުވެސް ދާނީ ޙައްލުކުރެވެމުންނެވެ. ޙައްލުނުކުރެވި ބޮޑު މައްސަލައަކަށްވެގެންދަނީ މަޝްވަޜާ ނުކުރެވޭތީއެވެ. އެކަކު ވާހަކައެއް ދައްކަން ފަށައިފިނަމަ "ތިއަވާހަކަ އަޑުއަހަން ބޭނުންނުވާ"ކަމަށް އެއްގޮތަކަށްވެސް ބުނެގެން ނުވާނެއެވެ. ވިސްނައިލަން ޖެހޭނެ ކަމަކީ ތިމާ ކަމަކަށް ބޭނުންވެގެން ވާހަކަ ދައްކަން އުޅޭވަޤުތު އަނެކާ އެފަދަ ޖަވާބެއް ދީފިނަމަ ދެން ކަންކަންވާން ގޮތެވެ. ތިމާއަށް ކުރެވޭނެ އިޙްޞާޞްތަކެވެ. 
މިޒަމާނުގައި ދެމަފިރިންވެސް ވަޒީފާއަދާކުރެއެވެ. ބައެއް އަނބިން ގޭގައި ތިބެގެން އަދާކުރާ ވަޒީފާއަކީ ވަކިން ބުރަ ވަޒިފާއެކެވެ. ވީމާ ވަކިމީހަކީ ލުއިކޮށް މަސައްކަތްކުރާ މީހަކު ކަމަށް ދެކެގެން ނުވާނެއެވެ. ކިތަންމެ ބުރަކޮށް މަސައްކަތްކުރިނަމަވެސް ދެމަފިރިންވެސް އަނެކާގެ ވާހަކަތައް އަޑުއަހަން ވަޤުތުދޭން ޖެހޭނެއެވެ. އެކަމަށް ވަޤުތު ނުދެވުމަކީ ޒަވާޖީ ޙަޔާތް ފޭލްވާން މެދުވެރިވާ އެންމެ ބޮޑު އެއް ސަބަބެވެ.
 
- އަލަފް / މިއަދުނޫހަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ