އަހުރެންނަކީ 2 ދަރިންނާއި މަންމަ ބަލަމުން އަންނަ އެކަނިވެރި މައަކީމެވެ. 20 އަހަރު ކުރި މަސައްކަތުން ޖަމާކުރެވުނު ފައިށާކޮޅު ދައްކާފައި އެއިރު ދިރިއުޅެމުން އައި ފްލެޓް ގަންނަން މަސައްކަތްފެށީމެވެ. އެކަމަކު އެކަމަށް ކުރިމަތިލާ ދުވަސްކޮޅެއްވެސް ނުވަނީސް މަންމަ މާބޮޑަށް ބަލިވެއްޖެއެވެ. މަންމައަށް ޚަރަދުކުރަމުން ގޮސް އަތްމަތި އެކުގައި ހުސްވިތަނާ މަންމަ ނިޔާވެއްޖެއެވެ.
ދެން ދިމާވި ގޮތަކީ އެއްބަސްވެފައި އޮތް ގޮތަށް ފައިށާ ނުދެއްކުމުގެ މައްސަލައެވެ. ފްލެޓަކީ އަމިއްލަ މީހެއްގެ ފްލެޓެކެވެ. އެއްބަސްވުމުގައި އޮތީ އެއްބަސްވުމާއި އެއްގޮތަށް ޖެހިޖެހިގެން 3 ވަނަ މަހު ފައިސާ ނުދެއްކިއްޖެނަމަ އެއްބަސްވުން ބާޠިލްވާނެކަމަށާއި ކުރިން ދެއްކި ފައިސާވެސް އަނބުރައި ނުލިބޭނެ ކަމަށެވެ.
ލޯނެއް ހޯދަންވެސް ވަރަށް މަސައްކަތްކުރީމެވެ. ލޯބިވާކަމަށްބުނެ ކައިވެނިކުރަން އެދުނު 2 މީހެއްގެ ކިބައިންވެސް އަނބުރާ ދައްކާ ގޮތަށް އެހީތެރިކަމަސް އެދުނީމެވެ. ކައިވެނިކުރަންވެސް އެއްބަސްވީމެވެ. ނަމަވެސް އެކެއްގެ ކިބައިންވެސް އެހީތެރިކަމެއް ނުލިބުނެވެ.
އެހެން ހުއްޓައި 3 ވަނަ މަހަށް ފެށިއްޖެއެވެ. އެއްދުވަހަކެވެ. ލޯނުގެ މައްސަލަ އޮތް ހިސާބެއް ބަލައިލަން ބޭންކަށް ދިއަ ދުވަހެކެވެ. ބުނީ އަދި ހަމަ ނުޖެހޭ ކަމަށާއި މަހުގެ ފަހުކޮޅު ބަލައިލުމަށެވެ. ލިބުނު މާޔޫސްކަމުގައި ނުކުމެގެން އައީއެވެ. އެކަމަކު ދެރައެއް ނުވަމެވެ. ޚަރަދުކުރީ މަންމައަށް ކަމަށްވާތީއެވެ. މަންމައަށް ހެޔޮކޮށް ހިތައިގެން ދެރަގޮތެއް ނުވާނެކަން ޔަޤީންކުރެވޭތީއެވެ. މަންމަ އަހުރެންނަށްޓަކައި ވަރަށް ގިނައިން ހެޔޮދުޢާކުރީތީއެވެ.
އެއީ 30 މަހެކެވެ. 28 ވަނަ ދުވަހު ބޭންކަށް ދިއުމުންވެސް ދިނީ ހަމަ އެއް ޖަވާބެކެވެ. އަދި ހަމަނުޖެހޭ ކަމަށާއި ފަހުން ބަލައިލުމަށެވެ. އެދުވަހު ވަރަށް ދެރަވިއެވެ. އެކަމަކުވެސް ކަންބޮޑެއް ނުވަމެވެ. ކޮންމެވެސް ރަނގަޅު ގޮތެއް މާތް ﷲ މިންވަރުކުރައްވަވާނެ ކަމުގެ ޔަޤީންކަމުގައި ބޭންކުން ނުކުމެވުނީ ކުޑައިރުގެ ރަޙްމަތްތެރިއެއްގެ ކުރިމައްޗަށެވެ.
ފުރަތަމަވެސް ސަމާސާ މިޒާޖެއްގައި ސުވާލުރިއެވެ. "ސަމީހާގެ ރިތި މޫނު ތިހުރީ ހާދަ މިލައިފައެވެ. އަނެއްކާ ފިރިމީހާ ލަނޑެއް ދިނީހެއްޔެވެ؟" ޖަވާބެއް ނުދެމެވެ. އެކަމަކު އެކުވެރިޔާއާއިއެކު ކައިރީ ހުރިތަނަކަށް ޖޫސްތަސްޓެއް ބޮއެލަން ވަނީމެވެ. އެތަނުގައި ތިބެގެންވެސް ހަމަ އެސުވާލުކުރީމާ އެކަނިވެރިވީތާ 5 އަހަރުވެއްޖެކަމާއި ޖެހިގެން އުޅޭ ޙާލު ކިޔައިދިނީމެވެ. އަދި މިއީ އެހީއަކަށް އެދުން ނޫންކަމަށްވެސް ބުނީމެވެ.
އެދިގެން ތިއައުޅެނީ ކިހާވަރެއްގެ ލޯނަކަށްތޯ ސުވާލުކުރީމާ ތިން ލައްކަ ރުފިޔާ ކަމަށްބުނީމެވެ. އޭނާގެ ސުވާލަކަށްވީ ފްލެޓަށް އިތުރަށް ދައްކަންޖެހެނީ ކިހާވަރެއްތޯއެވެ؟ ޖަވާބުގައި 5 ލައްކަ ރުފިޔާ ކަމަސް ބުނީމެވެ. ދެން އޭނާ އެދުނީ އެކައުންޓް ނަންބަރަށެވެ. އެދުނީމާ ނަންބަރުވެސް ދިނީމެވެ. ހީކުރީ ކޮންމެވެސް ވަރެއްގެ އެހީއެއްވާން އުޅޭ ކަމަށެވެ. ނަންބަރު ދިނީ އެހީއެއް ނުވިޔަސްވެސް ހެޔޮކަމަށް ވިސްނައިގެންނެވެ.
ނަންބަރު ދިނީމާ ފޯނުން މެސެޖްތަކެއް ކުރިއެވެ. އިރުކޮޅަކުން މީހަކު އެތަނަސް ވަދެ އަހަރެެމން ތިބި މޭޒަށް އައިސް އެކުވެރިޔާގެ އަތަށް ކކަރުދާސްކޮޅެއް ދީފައި ދިއުމުން އެކަރުދާސްކޮޅު އަހުރެންގެ އަތަށް ދިއްކޮށްލާފައި ބުނީ އެކައުންޓަށް ފައިސާ ޖަމާވިތޯ ބަލައިލުމަށެވެ. އެހެން ބުނީމާ ކަރުދާސްކޮޅަށްވެސް ނުބަލައި އަވަސްއަވަހަށް ބަލައިލެވުނީ އެކައުންޓަށެވެ. ދިއައީ ސިއްސައިގެންނެވެ. ފަސްލައްކަ ރުފިޔާ ވަނީ ޖަމާ ކޮށްފައެވެ.
މިފައިސާ އަނބުރާ ދައްކަންޖެހޭނީ ކޮން ގޮތަކަށްތޯ ސުވާލުކުރީމާ ބުނީ އަދި މާބޮޑަށް ޙައިރާންވި ވާހަކައެކެވެ. "ތިއައީ އަހުރެންގެ މަންމައަށް ފައިދާކުރާނެ ގޮތަށް ކުރި ޞަދަޤާތެއް ކަމަށެވެ. "އަހުރެންވެސް ކުޑަ ވިޔަފާރިއެއް ކުރަން. ކޮންމެ އަހަރަކުވެސް ލިބޭ ފައިދާއިން ބައެއް މަންމައަށްޓަކާ ވަކިން ނަގަން. އަދިވެސް ހުންނާނެ ފައިސާކޮޅެއް! ނުނަގަންވީ ކީއްވެ؟ އަހުރެންގެ ވިޔަފާރީގެ ކެޕިޓަލަކީވެސް މަންމަގެ ހެޔޮ ދުޢާ!" އަހުރެން މާތް ﷲ އަށް ޙަމްދުކޮށް ހަތަރެސްފައިން އެކުވެރިޔާއަށް ޝުކުރުއަދާކުރީމެވެ.
އެދުވަހުން ފެށިގެން ދެމީހުންގެ މެދުގައި ޣާތް ގުޅުމެއް ކުރިއަށް ދިއައެވެ. ބުނާކަށް ލަދެއްވެސް ނުގަންނަމެވެ. އޭނާވެސް ހުރީ އެކަންޏެވެ. އެހެންވެ ފަހަތުން ވިއްދީމެވެ. ވިއްދަން ކެރުނީ ސްކޫލުގައި އަހުރެންނާއި ވިއްދައިގެން އުޅުނީތީއެވެ. ނަތީޖާއަކީ 3 މަސްވީއިރު ކައިވެނިކުރެވުމެވެ. ޠޯހިރު ކައިވެންޏެކެވެ. އެދުވަހަށްފަހު ދެމީހުން ބައްދަލުކުރީ ރަންކިޔުމުގެ ރަސްމިއްޔާތުގައެވެ.
އަހުރެންގެ ވާހަކައިގައި ޢިބްރަތެއްވާނަމަ ޙާޞިލުކުރާށެވެ! މަލާމާތް ކުރިޔަސް މައްސަލައެއް ނެތެވެ. މިހައި ތެދަށް މިކިޔައިދިނީ މަލާމާތްކުރިޔަސް ހެޔޮކަމަށެވެ.
- މާޖިދާ / މިއަދުނޫހުގެ ކިޔުންތެރިއެއް
ޢިބްރަތްތެރި ވާހަކަ: މަންމައަށްޓަކާ އަތްމަތިހުސްކޮށްލި މާޖިދާ ނިކަމެތިވެ މަގުމަތިވާން ކިރިޔާ ނުޖެހި ހުއްޓާ ލިބުނު އުފާވެރި ދިރިއުޅުމުގެ ވާހަކަ- މައިންނަށް ހޭދަކުރަން ފަސްނުޖެހެންވީ މިހެންވެ!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ