އައްޑޫ ކައުންސިލް ބައިބައި ކުރުމުގެ ނިޔަތް ރަނގަޅެއް ނޫން

އައްޑޫ ސިޓީ ކައުންސިލް އެކުލެވިގެންވާ ގޮތް ބަދަލު ކުރުމަށް ނަގާ ވޯޓުގެ ނިޔަތް ރަނގަޅު ނޫން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ތިން އަވަށެއްގައި ރަށު ކައުންސިލް ހަދަން ފެނޭތޯ ބެލުމަށް މި މަހު 25 ގައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ރަށު ކައުންސިލް ހަދަން ފެނޭތޯ ވޯޓް ނަގަން ހަމަޖެހިފައި ވަނީ ފޭދު އާއި މީދޫގެ އިތުރުން ހުޅުދޫގަ އެވެ.
ޕީއެންއެފްގެ ފްރޮންޓް އޮފީހުގެ ޖަލްސާގައި ވާހަކަދައްކަމުން ޔާމީން ވިދާޅުވީ މިކަމުގެ ނިޔަތް ރަނގަޅު ނޫން ކަމަށާއި ގާނޫނު އަސާސީއިން ރައީސުލްޖުމްހޫރިއްޔާ އަށް ދީފައި އޮންނަ ބާރުތަކަކީ ކުޅޭކުޅޭ ކަންކަމަށް ދީފައި އޮންނަ ބާރުތަކެއް ނޫން ކަމަށެވެ. އަދި ހިޔާލު ހޯދުމުގެ ވޯޓަކަށް ދާއިރު، މިފަދަ ވޯޓަކަށް މިދަނީ ދައުލަތަށް ކޮން ކަމެއް އުނދަގޫވެގެންތޯ އެންމެ ކުޑަމިނުން މިކަމުގައި ވޯޓުލާން ތިބި މީހުންނަށް އެނގެންޖެހޭ ކަމަށް ޔާމީން ވިދާޅުވި އެވެ.
"އެ ވާހަކައެއް ނުދައްކައޭ. އެއީ މީގަ މައްސަލައަކީ. ސަރުކާރަށް ނުވަތަ ދައުލަތް ހިންގުމުގައި، ލޯކަލް ގަވަނެންސް ގާނޫނު ހިންގުމުގައި ކޮން ދައްޗެއް އުޅެނީހޭ؟ ރައްޔިތުންނަށް ކޮން ދައްޗެއް ވާތީހޭ ރިފަރެންޑަމެއްގެ ވާހަކަ މި ދެކެވެނީ. ކަމެއް އޮވެއްޖެއްޔާ ނޫންތޯ އެކަމަކާ ބެހޭ ރައްޔިތުންގެ ވޯޓަކަށް ދާނީ،" ޔާމީން ވިދާޅުވި އެވެ.
ޔާމީން ވިދާޅުވީ މިކަމުގައި ނުބައި ނިޔަތް ހިތަށް އަންނަނީ މިކަންކަން ބުނެ ނުދީ މިފަދަ ވޯޓަކަށް ދިޔުމުން ކަމަށެވެ. އަދި މިކަމުގައި ސަރުކާރުގެ ސްޓޭންޑެއް ނެތް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވާއިރު، މިކަމުގެ ކެމްޕޭނުގައި އުޅުއްވަނީ ސަރުކާރުގެ ވަޒީރުން ކަމަށްވެސް ޔާމީން ވިދާޅުވި އެވެ.
މިފަދަ ވޯޓެއްގެ ވާހަކައަކީ މިއިން ޒަމާނެއްގައި ވިސްނުމުގައި ވެސް އޮތް ކަމެއް ނޫން ކަމަށާއި ކުއްލިއަކަށް މިފަދަ "ބޮމެއް" އެޅުމަކީ އެއީ ނުވިސްނާ ކުރި ކަމެއް ނޫން ކަމަށް ޔާމީން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ