ލިއަމް ހެމްސްވޯތު ރާއްޖޭގައި

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ލިއަމް ހެމްސްވޯތު ލޯބިވެރިޔާ ގެބްރިއޭލާ ބްރޫކްސްއާ އެކު ރާއްޖެ އަތުވެއްޖެއެވެ. އޮސްޓްރޭލިއާއަށް ނިސްބަތްވާ އެކްޓަރު ލިއަމް ވަނީ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އަންނަ ރިސޯޓުގައި ނަގާފައިވާ ފޮޓޯތަކެއް އަމިއްލަ ސޯޝަލް މީޑިއާގައި ވެސް ހިއްސާކޮށްފައެވެ. ލިއަމާއި ލޯބިވެރިޔާ ގެބްރިއޭލާ ޗުއްޓީ ހޭދަކުރަމުން އަންނަނީ ރ. އަތޮޅުގައި އޮންނަ ލަގްޒަރީ ރިސޯޓު ޖޯލި މޯލްޑިވްސްގައެވެ. ޖޯލި މޯލްޑިވްސްގައި ނަގާފައިވާ ބައެއް ފޮޓޯތަކާއި ވީޑިއޯތައް އެކްޓަރުގެ އަމިއްލަ އިންސްޓަގްރާމްގައި ހިއްސާކުރަމުން ފޮޓޯތަކުގެ ކެޕްޝަންގެ ގޮތުގައި ލިއަމް ލިޔެފައިވަނީ "ސަން، ސޯލްޓް، ސީ" މިގޮތަށެވެ. ހަމައެއާއެކު ރާއްޖޭގެ ސާފު ރީތި މޫދާއި ހުދު ދޮންވެލިގަނޑުން ހިތްހަމަޖެހުން ހޯދަމުން އަންނަ ކަމަށާއި އެ ރިސޯޓުން ލިބޭ ކެއުން މީރުކަމަށް ބުނެ ރިސޯޓުން ލިބެމުން އަންނަ މެހެމާންދާރީއަށް ވަރަށް ބޮޑަށް ލިއަމް ވަނީ ތައުރީފުކޮށްފައެވެ. ހޮލީވުޑް އެކްޓަރު ލިއަމް ހެމްސްވޯތު ލޯބިވެރިޔާ ގެބްރިއޭލާ ބްރޫކްސްއާ އެކު--ފޮޓޯ/ޕީޕަލް ބެލެވޭ ގޮތުގައި ލިއަމް ރާއްޖެއަށް ކުރި ޗުއްޓީގެ މި ދަތުރަކީ ނެޓްފްލިކްސްގެ ފެންޓަސީ ޑްރާމާ ސީރީޒް "ދަ ވިޗާ"ގެ ހަތަރުވަނަ ސީޒަންގެ ޕްރީމިއާގެ ކުރިން މަސައްކަތުން ބްރޭކެއް ނެގުމަށް ކުރި ދަތުރެކެވެ. މި މަހުގެ 30 ވަނަ ދުވަހު ނެޓްފްލިކްސްއިން ސްޓްރީމްކުރާނެކަން އިއުލާންކޮށްފައިވާ "ދަ ވިޗާ"ގެ އާ ސީޒަންގައި ގެރެލްޓްގެ ރޯލުން މި ފަހަރު ފެންނާނީ ލިއަމްއެވެ. އެ ރޯލް މިހާތަނަށް ކުޅެމުން އައީ އިނގިރޭސި އެކްޓަރު ހެންރީ ކެވިލްއެވެ. ހޮލީވުޑް ރިޕޯޓުތައް ބުނާގޮތުން ހެންރީ އެ ސީރީޒްގައި ކުޅޭ ރޯލް ދޫކޮށްލީ އެކްޓަރު މަސައްކަތް ފަށާފައިވާ އެހެނިހެން ޕްރޮޖެކްޓްތަކަށް ވަގުތު ދިނުމުގެ ބޭނުމުގައެވެ. ލިއަމް މިހާތަނަށް ކުޅެފައިވާ މަގުބޫލު ފިލްމުތަކުގެތެރޭ "ދަ ލާސްޓް ސޯންގް"، "ދަ ހަންގާ ގޭމްސް" އަދި މިދިޔަ އަހަރު ނެޓްފްލިކްސްގައި ޕްރީމިއާކުރި "ލޯންލީ ޕްލެނެޓް" ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ