ސީޝެލްސް އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކޮންސުލޭޓުގެ މަގާމުން ފިރާގު ވަކިކުރަން ދިވެހި ސަރުކާރުން އެދެފި ސީޝެލްސް އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ކޮންސުލޭޓުގެ މަގާމުން ފިރާގު ވަކިކުރަން ދިވެހި ސަރުކާރުން އެދެފި

ސީޝެލްސް އިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ އޮނޮރަރީ ކޮންސުލޭޓުގެ މަގާމުން އިނަ މޯލްޑިވްސްގެ ވެރިޔާ މުހައްމަދު ފިރާގު ވަކިކުރަން ދިވެހި ސަރުކާރުގެ ފަރާތުން ސީޝަލްސްގައި އެދެފި އެވެ.
މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފިރާގު އެ މަގާމުން ވަކިކުރަން އެދި ސީޝަލްސްގެ ސަރުކާރުގައި އެދިފައި ވަނީ ފޮރިން މިނިސްޓްރީންނެވެ. އެކަމާ ގުޅޭގޮތުން ސީޝެލްސް އިން މިހާތަނަށް ވަކި ގޮތެއް ނިންމާފައެއް ނުވެ އެވެ. އެ މަގާމަށް ފިރާގު އައްޔަންކުރިތާ މިހާރު އެތައް އަހަރެއް ވެއްޖެ އެވެ.
މިކަމާ ގުޅިގެން ފިރާގު އިއްޔެ އެކްސްގައި ޕޯސްޓެއް ވެސް ކުރެއްވި އެވެ. އޭނާ މަގާމުން ވަކިކުރަން ސަރުކާރުން ސީޝެލްސްއަށް އެނގި އެންގުން ފިރާގު ސިފަކުރެއްވީ ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރަށް ގޮސް ހުސްވެގެން ކުރި ކަމެއްގެ ގޮތުގަ އެވެ. މުއިއްޒު ވެރިކަމަށް ގެނައުމަށް އޭނާ މަސައްކަތް ވެސް ކުރެއްވި ކަމަށް ފިރާގު ވިދާޅުވި އެވެ.
"މިކަމުން ހަމައެކަނި ފެނިގެންދަނީ ސަރުކާރުގެ ތެރޭގައި އަމިއްލަ އިތުބާރު ނެތުން އެކަންޏެއް ނޫން. މިކަމުގެ ސަބަބުން ރާއްޖޭގެ ޑިޕްލޮމެޓިކް އިމޭޖް ހަޑިވެ އެހެން ގައުމުތަކުން ރާއްޖޭގައި އޮތް ޑިމޮކްރަސީގެ ސިފަތަކާއި ހަމަހަމަ ކަމާމެދު ސުވާލު އުފައްދާނެ،" ފިރާގު ލިޔުއްވާފައިވެ އެވެ.
އޮނަނަރީ ކޮންސިއުލޭޓުގެ މަގާމުގައި އޭނާ ހުންނަވަނިކޮށް ރާއްޖޭގައި ތިން ސަރުކާރަކުން ވެރިކަން ކޮށްފި ކަމަށާއި އެމްޑީޕީގެ ސަރުކާރަކީ އޭނާ ގަޔާ ނުވި ސަރުކާރަކަށް ވިޔަސް، އޭނާ މަގާމުން ވަކިކުރަން އުޅުން ފަދަ އަމަލުތަކެއް އެ ސަރުކާރުގެ ފަރާތުން ފެނިގެން ގޮސްފައި ނެތް ކަމަށް ފިރާގު ވިދާޅުވި އެވެ.
ނިމިދިޔަ ރިޔާސީ އިންތިހާބުގައި ފިރާގު ފެނިގެން ދިޔައީ އޭރު އޮތް ސަރުކާރާއި ދެކޮޅަށް ބަސްބުނެ، މުއިއްޒު ވެރިކަމަށް ގެނައުމުގެ މަސައްކަތުގައި ބައިވެރިވި ބޭފުޅެއްގެ ގޮތުގަ އެވެ. ނަމަވެސް، މުއިއްޒުގެ ސަރުކާރުގެ ދޯދިޔާ ސިޔާސަތުތަކަށް އޭނާ މިހާރު ދަނީ ފާޑުކިޔަމުންނެވެ.
ވެރިކަން ކުރަންވާނީ ހަރުދަނާ ކަމާއެކު ކަމަށާއި ބައިނަލްގައުވާމީ މުޖުތަމައުގައި ރާއްޖޭގެ އިމޭޖު ރީތިކޮށް ބޭއްވުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ފިރާގު އިއްޔެ ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވެ އެވެ. އަދި، ސަރުކާރުން ޒާތީ އަދި ސިޔާސީ ބޭނުމަށް މީހުން އެއްފަރާތް ކުރަން މަސައްކަތް ކޮށްގެން ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ޕޯސްޓު ނިންމާލަމުން ފިރާގު ވަނީ ފޮރިން މިނިސްޓަރު ހަލީލު ޓެގު ކުރައްވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ