ގައުމީ ދާރުލްއާސާރުގެ ބޭރުގައި ހުންނަ ހިމާޔަތްކޮށްފައިވާ ރީތި ގަހަށް ގެއްލުންވާ ގޮތަށް އެ ސަރަހައްދުގައި ސަތަރި ދަމައި ބަންދުކޮށްފައި އޮތީ ކޮންބައެއްކަން ވިދާޅުވާން ހެރިޓޭޖު މިނިސްޓަރު، އާދަމް ނަސީރު ދެކޮޅު ހައްދަވައިފި އެވެ.
ދާރުލްއާސާރުގެ ބޭރުގައި އޮންނަ ހިއްތަން މައިޒާނުގައި ސަތަރި ދަމައި ބަންދުކޮށްފައި އޮތީ ކޮންބައެއްތޯ މިއަދު މަޖިލީހުގައި އެތައް ފަހަރެއްގެ މަތިން މެންބަރުން ސުވާލު ކުރެއްވި އެވެ. އެހެންނަމަވެސް އެ ސުވާލުތަކުގެ ޖަވާބުގައި ނަސީރު ވިދާޅުވަމުން ގެންދެވީ އެއީ މިނިސްޓްރީން ކޮށްފައިވާ ކަމެއް ނޫން ކަމަށެވެ.
"ގައުމީ ދާރުލްއާސާރުގެ ދޮރުމަތީގައި ސަތަރި ދަމާފައި ހުރީ ކޮންބައެއް ކިހިނެއްތޯ އަޅުގަނޑު ޖެހޭނީ ބަލައިލަން، މި ވުޒާރާއިން އަދި ސަރުކާރުގެ އެހެން ވުޒާރާއަކުން ވެސް ނޫން، އަޅުގަނޑަށް ޔަގީން، އިނގޭތޯ؟ އެއީ ކަށަވަރު ކަމެއް،" އާދަމް ނަސީރު ވިދާޅުވި އެވެ.
ނަސީރު ވިދާޅުވީ ދާރުލްއާސާރުގެ ބޭރުގައި އޮންނަ ސަރަހައްދު ރަނގަޅު ގޮތުގައި ބޭނުން ކުރުމަކީ މިނިސްޓްރީއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި އެތަނުގައި ސަތަރި ދަމައި ބަންދުކޮށްފައި އޮންނަތަން ފެނިވަޑައިގަންނަވާ ކަމަށް ވެސް ނަސީރު ވިދާޅުވި އެވެ.
ހިއްތަން މައިޒާނުގައި ސަތަރި ދަމައި ބަންދުކޮށްފައި އޮތީ ކޮންބައެއްތޯ އައްސަވައި މެންބަރުން ތަކުރާރުކޮށް ކުރެއްވި ސުވާލަށް ނަސީރު ޖަވާބުދެއްވަން ދެކޮޅުހެއްދެވިއިރު، އެތަނުގައި ފުޑް ކިއޯސްކެއް ހަދަން ބަޔަކާ ހަވާލު ކުރަން ނިންމާފައި އޮތީ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒުގެ މޭޔަރުކަމުގައި ސިޓީ ކައުންސިލުންނެވެ. އެ ތަނުގައި ކެފޭއެއް އަޅަން ހަވާލު ކުރީ ކައުންސިލުން ފާސް ކުރުމެއް ނެތި އެވެ.
އެތަނުގައި ފުޑް ކިއޯސްކެއް ހަދަން ކެފޭއެއް ހަދަން ދީފައި ވަނީ 10 އަހަރުގެ މުއްދަތަކަށެވެ. ނަމަވެސް އެތަން ކުއްޔަށް ދިން އަގެއް ނޭނގެ އެވެ.
ގަހަށް ގެއްލުންވެދާނެ ގޮތަކަށް އަދި އެ ހިސާބުގެ މާހައުލު ބަދަލުވާ ގޮތަށް ކެފޭއެއް ހަދަން ކުއްޔަށް ދިނުމުން ކުރީގެ ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
"އެއީ ވަރަށް މުސްކުޅި ގަހެއް. އެހާ ރީތި، ބޮޑު ގަހެއް ހަލާކުކޮށްލައިގެން ނުވާނެ. އަދި މުއިޒިއަމް ގެ ވިއު ގެއްލޭ ގޮތަށް އެތަނުގައި ކެފޭއެއް ހެދުމަކީ ވެސް ރަނގަޅު ކަމެއް ނޫން. މިފަދަ ޕްރޮޖެކްޓުތައް ކުރިއަށްގެންދާއިރު މާލޭގައި ދިރިއުޅޭ ރައްޔިތުންގެ ހިޔާލު ހޯދުން ވަރަށް މުހިންމު،" މި ނޫހާ ވާހަކަ ދައްކަވަމުން ޔުމްނާ ވިދާޅުވި އެވެ.
އެތަނުގައި ފުޑް ކިއޯސްކެއް ހެދުމުގެ މަސައްކަތް ކުރަމުންދިޔައީ އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީން ހުއްދަ ވެސް ހޯދުމެއް ނެތި އެވެ. އެ މަސައްކަތް ކުރިއަށް ގެންދިޔަ ކުންފުނިން ރީތި ގަސް ބުޑަށް ދަގަނޑުތަކެއް ވެސް ޖަހައިފައިވެ އެވެ.
ހުއްދަ ހޯދުމަކާ ނުލައި އެ މަސައްކަތް ކުރިއަށްގެންދާތީ އެންވަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީއިން މިހާރު ވަނީ އެ މަސައްކަތް ހުއްޓުވައިފަ އެވެ. އެ މަސައްކަތް ކުރިއަށް ނުގެންދަން މާލޭ ސިޓީ ކައުންސިލުން ވެސް އަންގާފައިވާކަން އެނގިފައިވެ އެވެ.
ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ދާރުލްއާސާރުގެ ބޭރުގައި ސަތަރު ދަމާފައި ހުރީ ކޮންބައެއްކަން ނަސީރު ވިދާޅެއް ނުވި ތަކުރާރުކޮށް ސުވާލު ކުރުމުން ވެސް ދާރުލްއާސާރުގެ ބޭރުގައި ސަތަރު ދަމާފައި ހުރީ ކޮންބައެއްކަން ނަސީރު ވިދާޅެއް ނުވި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ