ރަސްމާދޫގައި މިހާރު ކުރިއަށްދާ "ރ.ވެޓަރަންސް ފުޓްސަލް މުބާރާތް 2025" ގެ ގުރޫޕް އޭގައި މިއަދު ހަވީރު ކުޅުނު މެޗުގައި 6-1 ގެ ނަތީޖާއަކުން ދުވާފަރު ބަލިކޮށް ރަސްމާދޫ އިން މުބާރާތުގެ ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މުބާރާތުގެ ގުރޫޕް ސްޓޭޖުގައި ދުވާފަރު ކުޅުނު ފުރަތަމަ މެޗުގައި 4-2 ގެ ނަތީޖާއަކުން ހުޅުދުއްފާރު އަތުން ބަލިވެފައިވާއިރު، ދެވަނަ މެޗުގައި މަޑުއްވަރީ އަތުން އެޓީމު ބަލިވީ 6-0 ގެ ތަފާތުބޮޑު ނަތީޖާއަކުންނެވެ. އަދި ރަސްމާދޫގެ ފުރަތަމަ މެޗުގައި 6-3 ގެ ނަތީޖާއަކުން ރަސްގެތީމު އަތުން މޮޅުވިއިރު، ދެވަނަ މެޗުގައި ހުޅުދުއްފާރު އަތުން އެޓީމު މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ދެޓީމުގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ ކުޅުން ނިމިގެންދިޔައީ 1-0 ގެ ނަތީޖާއަކުން ރަސްމާދޫ ކުރީގައި އޮވެގެންނެވެ. އަދި ދެވަނަ ހާފުގައި ރަސްމާދޫ އިން ވަނީ އެޓީމުގެ ކުޅުން ރަނގަޅުކޮށް އެޓޭކުތައް އިތުރަށް ވަރުގަދަކޮށްފައެވެ.
ނަތީޖާއެއްގެ ގޮތުން ދެވަނަ ހާފުގައި ރަސްމާދޫ އިން އިތުރު ފަސް ލަނޑު ކާމިޔާބުކުރިއިރު، މިހާފުގައި ދުވާފަރުން ވެސް ވަނީ އެއްލަނޑު ކާމިޔާބުކޮށްފައެވެ. އެގޮތުން މިމެޗުގައި ރަސްމާދޫގެ މުހައްމަދު ފަޒީމް ދެލަނޑު ކާމިޔާބުކުރިއިރު، އެޓީމުގެ އިބްރާހިމް މަމްދޫހު، އަދުނާން އަބްދުލް ޣަފޫރު، އަބްދުﷲ ހަމީދު އަދި މުރުތޮލާ ރަޝީދު މިއިން ކޮންމެ ކުޅުންތެރިޔަކު ވަނީ މިމެޗުގައި އެއްލަނޑު ކާމިޔާބުކޮށްފައެވެ.
މީގެ އިތުރުން މިމެޗުގައި ދުވާފަރުގެ ހަމައެކަނި ލަނޑު އެޓީމުގެ އިބްރާހިމް އިސްމާއިލް ކާމިޔާބުކޮށްދިން އިރު، މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ރަސްމާދޫގެ މުހައްމަދު ފަޒީމް އެވެ.
މިނަތީޖާއެކު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިންމެޗުން ވެސް މޮޅުވެ ނުވަ ޕޮއިންޓާއެކު ރަސްމީދޫ އިން ސެމީފައިނަލްގެ ޖާގައެއް ކަށަވަރުކޮށްފައިވާއިރު، މިމެޗުން ބަލިވި ދުވާފަރު ގުރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުން ވެސް ބަލިވެ، ޕޮއިންޓެއް ނުލިބި މިވަގުތު އޮތީ ގުރޫޕްގެ ފުލުފައެވެ.
1 ޖުލައި 2025 އިން 10 ޖުލައި 2025 ގެ ނިޔަލަށް ކުރިއަށް ގެންދާ މިމުބާރާތުގައި މިއަހަރު ޖުމްލަ ނުވަ ޓީމަކުން ބައިވެރިވެފައިވާއިރު، މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ބައިވެރިވި ނުވަ ޓީމު ދެގުރޫޕަކަށް ބަހާލައިގެންނެވެ. އަދި ގުރޫޕް ސްޓޭޖުގައި ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި އެއްމެޗު ކުޅެ ކޮންމެ ގުރޫޕަކުން ވެސް އެންމެ ރަނގަޅު ނަތީޖާއެއް ހޯދާ ދެޓީމަށް މުބާރާތުގެ ސެމީ ފައިނަލުން ފުރުސަތު ލިބިގެންދާނެއެވެ.
މި މުބާރާތުގެ ގޯލްޑް ސްޕޮންސަރ އެެއްގެ ގޮތުގައި އެމްޕީ އިބްރާހިމް ފަލާހް ހިމެނިވަޑައިގަންނަވާއިރު، ބްރައުންޒް ސްޕޮންސަރ އަކަށް މާޅޮސްމަޑުލު އުތުރުބުރީ ކައުންސިލް އިދާރާ ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން މުބާރާތުގެ މިނީ ސްޕޮންސަރުންގެ ގޮތުގައި، ފިޝިން ވޮލެޓް ހިމެނޭއިރު، މުބާރާތުގެ ސަޕޯޓް ސްޕޮންސަރުންނަކީ ދަ ބޫޓް ރޫމް، ހިލް މާރޓް ފުލަސް، ޓްރީ ހައުސް، އެލަންޒާ މޯލްޑިވްސް، އަހުރަ ޕްލަސް އަދި ލިންކް ސާރވް އެވެ.
މުބާރާތުގެ ކިޓް އެންޑް ޕްރިންޓިންގ ޕާޓްނަރަކަށް އިރާ ގާމެންޓްސް ހަމަޖައްސާފައިވާއިރު، ޓްރޮފީ ޕާޓްނަރަކީ ލޭޔާ އެވެ. އަދި ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސާފައިވާއިރު، މުބާރާތުގެ އޮފިޝަލް މީޑިޔާ ޕާޓްނަރަކީ ވޮއިސް ސްޕޯޓްސް އެވެ.
ފަސޭހަކަމާއެކު ދުވާފަރު ބަލިކޮށް ރަސްމާދޫ އިން ސެމީފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ