އިބްރާހީމުގެފާނާ ބައްދަލުވި މާލާއިކަތުން
އިބްރާހީމުގެފާނާ މަލާއިކަތުންގެ ޖަމާޢަތަކާ ބައްދަލުވިއެވެ. މަލާއިކަތުން ތިއްބެވީ އިންސާނުންގެ ސޫރައިގައެވެ. ފުރަތަމަ އެއީ މަލާއިކަތުންކަން އެކަލޭގެފާނަށް އެނގިވަޑައެއްނުގެންނެވިއެވެ. މި ޒަމާނުގައި ވެސް މަލާއިކަތުން އިންސާނީ ސޫރައިގައި ދުނިޔޭގެ އެކި ކަންކަމުގައި އުޅުއްވުން އެއީ ނުވާނެކަމެއް ނޫނެވެ. ﷲގެ އަމުރުފުޅު ތަންފީޒުކުރެއްވުމަށް މަލާއިކަތުން އަބަދުވެސް ތިއްބަވަނީ ތައްޔާރަށެވެ. އެ ގޮތުން އެއިލާހުގެ އަމުރުފުޅު ހިއްޕަވައިގެން ދުނިޔޭގެ ބިމަށް ފައިބައިވަޑައިގެންނެވި އެއްފަހަރަކީ ސަދޫމުގެ މީހުން ނެތިކޮށްލައި އެ ރަށް ބަންޑުން ޖެއްސެވުމަށް ވަޑައިގެންނެވި ވަޑައިގެންނެވުމެވެ. ސަމޫދަކީ އެއީ ލޫޠޫގެފާނުގެ ޤައުމުގެ މީހުންނެވެ. ލޫޠުގެފާނުންގެ ޤައުމަށް އެ މަލާއިކަތުން ވަޑައިގެންނެވުމުގެ ކުރިން އެ މަލާއިކަތުން މަޑުކުރެއްވީ އިބްރާހީމުގެފާނު އަރިހުގައެވެ. އެކަލޭގެފާނުގެ މެހެމާނުންގެ ގޮތުގައެވެ. މި ވާހަކަ ބަޔާންކުރައްވައި ﷲ ވަޙީކުރެއްވިއެވެ. ﴿وَلَقَدْ جَاءَتْ رُسُلُنَا إِبْرَاهِيمَ بِالْبُشْرَىٰ قَالُوا سَلَامًا قَالَ سَلَامٌ فَمَا لَبِثَ أَن جَاءَ بِعِجْلٍ حَنِيذٍ﴾ )هود: ٦٩( މާނައީ: "އަދި ހަމަކަށަވަރުން، އުފާވެރިކަމުގެ ޚަބަރާއިގެން، ތިމަންރަސްކަލާނގެ ފޮނުއްވި ރަސޫލުން (އެބަހީ: މަލާއިކަތުން) އިބްރާހީމުގެފާނުގެ އަރިހަށް ވަޑައިގަތެވެ. އެބޭކަލުން ދެންނެވޫއެވެ. ސަލާމެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ސަލާމެވެ! ދެން ފިހެފައިވާ، ޅަ ގެރިއެއް ގެންނެވުމުގައި، އެކަލޭގެފާނު ލަސްވެވަޑައެއް ނުގަންނަވަތެވެ." އެ މެހެމާނުން ވަޑައިގަތުމާ އެކު އިބްރާހީމުގެފާނުން މެހެމާނުދާރީއަދާކުރުމަށް ލަސްވެވަޑައިނުގަންނަވައެވެ. ވީ އެންމެ އަވަހަކަށް ފަރީއްކޮޅެއް ތައްޔާރުކުރެއްވުމަށް ޅަ ގެރިއެއް ކަތިލެއްވިއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿فَرَاغَ إِلَىٰ أَهْلِهِ فَجَاءَ بِعِجْلٍ سَمِينٍ﴾ (الذاريات: ٢٦) މާނައީ: "ފަހެ، އެކަލޭގެފާނުގެ އަހުލުވެރިންގެ ގާތަށް ސިއްރިޔާތުގައި އެކަލޭގެފާނު ވަޑައިގަތެވެ. އަދި ރޫފަރަނގަޅު ޅަ ގެރިއެއް (ފިއްސަވައިގެން) ގެންނެވިއެވެ." މި ފަރީއްކޮޅަށް އެ މެހެމާނުންކުރެ އެއްވެސް ބޭފުޅަކު އިޖާބައެއް ނުދެއްވިއެވެ. އެ ބޭފުޅުންގެ ކައިރީގައި ބެހެއްޓި ކާތަކެއްޗަށް ކުޑަ ވެސް ސަމާލުކަމެއް ދޭ ތަން އެކަލޭގެފާނަށް ފެނިވަޑައެއް ނުގެންނެވިއެވެ. މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "ދެން އެ މެހުމާނުންނާ އޭތި ކައިރިކޮށްލައްވައި ވިދާޅުވިއެވެ. ތިޔަބައިމީހުން ނުކާނަންހެއްޔެވެ؟ ފަހެ، އެކަލޭގެފާނުގެ ހިތްޕުޅަށް އެބައިމީހުންނާމެދު ބިރުވެރިކަމެއް ވަދެއްޖެއެވެ." (އައްޒާރިޔާތް: 27-28) އިބްރާހީމުގެފާނުގެ މެހެމާނުން ކާނާއާ ދުރުގައި ތިއްބެވީތީ އެ ކަމާ ބިރުފުޅުވެ ވަޑައިގެންނެވުމުން، އެ މެހެމާނުން ވިދާޅުވި ބަސްފުޅު މާތް ﷲ ވަނީ ކީރިތި ޤުރުއާނުގައި ގެންނަވައިފައި ވެއެވެ. "އެބޭކަލުން ދެންނެވިއެވެ. ކަލޭގެފާނު ބިރުފުޅުގެން ވަޑައިނުގަންނަވާށެވެ! ހަމަކަށަވަރުން ތިމަންމެން ފޮނުއްވީ ލޫޠުގެފާނުގެ ޤައުމަށެވެ." (ހޫދު: 70) މި ހިސާބުން އިބްރާހީމުގެފާނަށް އެނގިވަޑައިގެންނެވީ އަރިހުގައި މި ތިއްބެވީ އިންސާނުން ނޫން ކަމާއި މިއީ ﷲ ފޮނުއްވެވި މަލާއިކަތުން ކަމެވެ. ލޫޠުގެފާނުންގެ ޤައުމުގެ މީހުން ހަލާކުކުރައްވަން ފޮނުއްވެވި މަލާއިކަތުން އިބްރާހީމުގެފާނާ ބައްދަލުކުރައްވަން މަޑުކުރެއްވި މަޑުކުރެއްވުމުގައި އިބްރާހީމުގެފާނަށް އުފާވެރިކަމުގެ ޚަބަރެއް ވެސް ދެއްވެވިއެވެ. އެއީ އެކަލޭގެފާނުގެ ބުރިކަށިފުޅުން ދަރިފަސްކޮޅެއް އިތުރުކުރައްވަން ﷲ އިރާދަކުރެއްވި ކަމުގެ އުފާވެރި ޚަބަރެވެ. އާދެ! ސާރާގެފާނު މެދުވެރިކުރައްވައި އިސްޙާޤުގެފާނު ދެއްވާނެ ކަމުގެ އުފާވެރި ޚަބަރެވެ. އަދި އިސްޙާޤުގެފާނަށް ޔަޢުޤޫބުގެފާނު ދެއްވާނެ ކަމުގެ ޚަބަރެވެ. ސާރާގެފާނަށް އިސްޙާޤުގެފާނު އަދި އިސްޙާޤުގެފާނުގެ ކިބައިން ޔަޢުޤޫބުގެފާނު ފޮނުއްވާނެކަމުގެ ޚަބަރު މަލާއިކަތުން ދެއްވުމުން އެ އަޑުއައްސަވައި ސާރާގެފާނު ހިނިވަރުނަކުރެއްވިއެވެ. މާތް ﷲ ވަޙީކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އަދި އެކަލޭގެފާނުގެ އަނބިކަނބަލުން (އެ ހިނދު އެ ތަނުގައި) ހުންނެވިއެވެ. ފަހެ، (އެބޭކަލުން އެހެން ވިދާޅުވުމުން) އެކަމަނާ ހިނިފުޅުވެޑުވިއެވެ. ފަހެ، އެކަމަނާއަށް އިސްޙާޤުގެފާނު ލިބިވަޑައިގަންނަވާނެ ކަމާ އަދި އިސްޙާޤުގެފާނުގެ ފުށުން ޔަޢުޤޫބުގެފާނު ލިބިވަޑައިގަންނަވާނެ ކަމުގެ އުފާވެރި ޚަބަރު، ތިމަންއިލާހު އެކަމަނާއަށް ދެއްވީމެވެ." (ހޫދު: 71) އެކަމަނާއަށް ހިނިފުޅުވެޑުވުނީ ލިބުނު ޚަބަރުގެ އަޖައިބުކަން ބޮޑުކަމުންނެވެ. އެކަމަނާ އެއިރު އިންނެވީ އުމުރުފުޅު ދޮށިވެ ނުވިހާ ދުވަސް ކުރުމަތިވެފައެވެ. އުމުރެއްގެ ހުރަހެއް ނުވަތަ އެ ނޫން ވެސް ސަބަބެއް ﷲގެ އަމުރުފުޅަށްވުރެ އިސްވެގެން ނުވާނެ ކަމާއި ﷲ އިރާދަކުރައްވާ ކޮންމެ ކަމެއް ލަހެއްނުވެ ވާނެ ކަން ބަޔާންކުރައްވައި ﷲ އެކަމަނާއަށް ދެއްވަން އެދިވޮޑިގަންނަވާ ފިލާވަޅު ބުނެދެއްވީ ވަޑައިގެން ތިއްބެވި މަލާއިކަތުންނެވެ. އެ ވާހަކަ ބަޔާންކުރައްވައި މާތް ﷲ ވަޙީކުރެއްވި ބަސްފުޅުގެ މާނައިގައި ވެއެވެ. "އެކަމަނާ ވިދާޅުވިއެވެ. އޭހުރި އަޖައިބެއްގެ ބޮޑުކަމާއެވެ! ތިމަންނާ މުސްކުޅިޔަކު ކަމުގައިވާއިރު ވެސް ތިމަން ވިހާނޭ ހެއްޔެވެ؟ އަދި ތިމަންގެ ފިރިކަލުން މި ހުންނެވީ މުސްކުޅިވެފައެވެ. ހަމަކަށަވަރުން މިއީ އަޖައިބުވެގެންވާ ކަމެކެވެ. އެބޭކަލުން ދެންނެވިއެވެ. ﷲގެ އަމުރުފުޅާމެދު ކަމަނާ އަޖައިބުވެ ވަޑައިގަންނަވަނީތޯއެވެ؟ ގޭގެ އަހުލުވެރިންނޭވެ! ތިޔަބޭކަލުންގެ މައްޗަށް ﷲގެ ރަޙްމަތާއި އެއިލާހުގެ ބަރަކާތް ހުށްޓެވެ." (ހޫދު: 72-73) މިއީ ﷲގެ މެހެމާނުން އިބްރާހީމުގެފާނާ ބައްދަލުކުރެއްވި ހިނދު ހިނގި ބައެއް ކަންކަމުގެ ވާހަކައެވެ. މެހެމާނުންނަކީ ހިންހަމަޖެހުން ގެނުވާބައެކެވެ. އެބައިމީހުންނަށް ޚިދުމަތްކުރުމަކީ އެ ގެއަކަށް އުފާވެރިކަން ގެނުވާ ކަމެކެވެ. އަޅުގަނޑުމެންގެ ޒަމާންވީ ތާރީޚަކީ ވެސް މެހެމާނުންނަށް ޚިދުމަތްތެރިވުމުގެ ތާރީޚެކެވެ. އަޅުގަނޑުމެންގެ ތެރޭ މިއަދު ދިމާވާ ނަފުސާނީ އެތައް މައްސަލައެއް އޭރު ކުރިމަތިނުވުމުގެ އެއް ސަބަބަކީ ގުޅިގެން އެކުގައި އުޅުމުގެ ޘަޤާފަތެއް އޭރު އުފެދިފައި އޮތް އޮތުމެވެ. ގާތްތިމާގެ މީހުންނާއި ރައްޓެހިންނާ ބައްދަލުވެ އެކުއުޅުނުއުޅުމެވެ. އެ ކަންކަން އަލުންބަލުން އިޢާދަކުރަންވީއެވެ. އެއްބަނޑުއެއްބަފާ ދިރިއުޅުމެއް އުޅެންފަށަންވީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ