އެމްޑީޕީގެ ސަފުތައް ބަދަހިކުރަން 'ރަން ރީނދޫ' ދުވުމެއް

އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކޮށް، މެމްބަރުންގެ މެދުގައި ގުޅުން ބަދަހި ކުރުމަށް އެ ޕާޓީން މިއަދު ދުވުމެއް ބާއްވައިފި އެވެ.
ތަފްސީލް - 'ރަން ރީނދޫ'ގެ ނަމުގައި ހުޅުމާލޭ ސެންޓްރަލް ޕާކުން ފެށި އެ ދުވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އާއި ނައިބު ރައީސް ފައިސަލް ނަސީމްގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ކުރީގެ އަދި މިހާރުގެ ގިނަ އަދަދެއްގެ މެމްބަރުން ބައިވެރިވެ ވަޑައިގަތެވެ. އޭގެ އިތުރުން އާއްމު މެމްބަރުންނާ އެކު، ރީނދޫ ކުލައިގެ ޓީޝާޓުގައި އެތަނަށް އެއްވި މީހުންގެ އަދަދު 300އަށް ވުރެ ގިނަ ވާނެ ކަމަށް އެމްޑީޕީން ލަފާކުރެ އެވެ.
އެ ޕާޓީން ބުނިގޮތުގައި:
މިއީ ޕާޓީގެ މެމްބަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމަށް ބޭއްވި ދުވުމެއް
ކުރިއަށް އޮތްތަނުގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މި ދުވުން ބާއްވާނެ
ދުވުން ކުރިއަށް ގެންދިޔައީ އެ ހަރަކާތާ ގުޅޭ ދަންމަރެއް ހިފައިގެން. އެމްޑީޕީން ބުނިގޮތުގައި އެހެން ރަށްރަށުގައި ބާއްވާ ދުވުންތަކުގައި ވެސް މިފަދަ ދަންމަރު ބޭނުން ކުރާނެ
ދުވުމެއްގެ ގޮތުގައި ސެންޓްރަލް ޕާކު ވަށައިގެން މި ހަރަކާތް ފެށި ނަމަވެސް، ވަކި ހިސާބަކުން ވަނީ ހިނގާލުމަކަށް ބަދަލުވެފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ ނައިބު އިބްރާހިމް ވަހީދު ވިދާޅުވި ގޮތުގައި، މިއަދުގެ ހަރަކާތާ އެކު، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު އެ ޕާޓީން ކާމިޔާބު ކުރުމުގެ މަސައްކަތް އެ ފެށީ އެވެ. އަދި އެ އިންތިހާބު "ބޮޑުތަނުން ނަގަން" އެ ޕާޓީން ބޭނުންވާ ކަމަށް ވިދާޅުވި އެވެ.
"އެހާ ތަނަށް އަޅުގަނޑުމެން އެމްޑީޕީގެ ހަރަކާތްތައް ވަރުގަދަކުރާނަން. ޑެމްސް [ދަ ޑިމޮކްރެޓްސް)އަށް ގޮސްފައިވާ މެމްބަރުން އަނބުރާ ގެނެސްގެން، ޕާޓީ ވަރުގަދަކޮށްގެން، ވަރުގަދަ ޕާޓީއެއްގެ ގޮތުގައި މި މަސައްކަތް ކާމިޔާބުކުރާނަން،" އޭނާ ވިދާޅުވި އެވެ.
އެމްޑީޕީއަށް 20 އަހަރު ފުރުން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް ވަނީ ރާވާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ