އެމްޑީޕީގެ ރަންރީނދޫ ދުވުން ހުޅުމާލޭގައި ބާއްވައިފި

އެމްޑީޕީގެ އަހަރީ ދުވަސް ފާހަގަ ކުރުމުގެ ގޮތުން އެ ޕާޓީއިން "ރަންރީނދޫ" ދުވުމުގެ ނަމުގައި މިއަދު ހަވީރު ހުޅުމާލޭގައި ދުވުމެއް ކުރިއަށް ގެންގޮސްފިއެވެ.
މި ދުވުން ބާއްވާފައި ވަނީ ހުޅުމާލެ ސެންޓްރަލްޕާކު ވަށައިގެން އޮންނަ މަގުގައި ފުލުހުންގެ އެހީތެރިކަމާއެކުގައެވެ.
މި ދުވުމުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަދި އެ ޕާޓީގެ ޕީޖީ ލީޑަރު އިބްރާހީމް ނާޒިލް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބޭފުޅުންގެ އިތުރުން އެމްޑީޕީގެ އިސްވެރިންނާއި ޕާޓީގެ ގިނަ އާންމު މެންބަރުން މި ދުވުމުގައި ބައިވެރިވެފައިވެއެވެ.
އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ބޭއްވި މި ހާއްސަ ދުވުމެއް ބާއްވަން އެ ޕާޓީން ފުރަތަމަ ނިންމީ މި މަހު 18 ވަނަ ދުވަހު ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. ނަމަވެސް އެ ދުވުމަށް އެޗްޑީސީގެ ހުއްދަ ނުލިބުމުން އެ ހަރަކާތް މާލޭގައި ބާއްވަން އެ ޕާޓީއިން ނިންމިއެވެ.
އެއަށްފަހު ފުލުހުންގެ އެހީތެރިކަމާއެކު ހުޅުމާލެ ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގުގައި މި ދުވުން ބޭއްވުމުގެ އިންތިޒާމުތައް ހަމަޖެހުމާއެކު ޕާޓީއިން ނިންމީ ހުޅުމާލޭގައި މި ދުވުން ކުރިއަށް ގެންދިއުމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ