އާ ޓާމިނަލް ހުޅުވިރޭ ޑްރޯންތައް ވެއްޓުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި އާ ޓާމިނަލް ހުޅުވިރޭ ޑްރޯންތައް ވެއްޓުނު މައްސަލަ ފުލުހުން ތަހުގީގު ކުރަން ފަށައިފި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވަން ބޭއްވި ރަސްމިއްޔާތުގައި ކުރިއަށް ގެންދިޔަ ޑްރޯން ޝޯގައި ބޭނުންކުރި ބައެއް ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް އަދަދު އަށް ވިދާޅުވީ ޑްރޯންތައް ވެއްޓުނު މައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.
"ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވި ރޭ ޑްރޯން ޝޯގައި ބޭނުންކުރި ޑްރޯންތަކެއް ވެއްޓުނު މައްސަލަ ދަނީ ތަހުގީގު ކުރަމުން،" ފުލުހުން މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.
އާ ޓާމިނަލް ހުޅުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ ޑްރޯން ޝޯގައި ބޭނުންކުރި ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގު ކޮށްދޭން އެދި ފުލުހުންނަށް މައްސަލަ ހުށަހެޅީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިންނެވެ.
ރާއްޖޭގެ 60 ވަނަ މިނިވަން ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ޑްރޯން ޝޯގައި 1200 އެއްހައި ޑްރޯން ބޭނުންކުރި ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. އެ ޑްރޯންތައް ބޭނުން ކޮށްގެން 10 މަންޒަރެއް ދެއްކި އެވެ.
ނަމަވެސް އޭގެ ކުރިން ރޭ، ޖުލައި 25، ވަނަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ އެންމެފަހުގެ ފަރިތަކުރުންތަކުގައި އިތުރު މަންޒަރެއް ދެއްކި އެވެ. އެއީ މިނިވަން 60 ގެ ލޯގޯ އެވެ. އެ މަންޒަރު ފެންނަ ބައެއް ވީޑިއޯތައް ސޯޝަލް މީޑިއާގައި ދައުރުކޮށްފައިވެ އެވެ.
ނަމަވެސް ޓާމިނަލް ހުޅުވި ރޭ އޮތް ރަސްމިއްޔާތުގައި އެ މަންޒަރެއް ނުދެއްކުނެވެ. ޑްރޯންތަކުން "މިނިވަން" ފަވައިލެވުނު ނަމަވެސް މުޅި މަންޒަރު ފުރިހަމައެއް ނުވި އެވެ. ޑްރޯން ޝޯގައި މިނިވަން ދުވަހުގެ ލޯގޯ ނުދެއްކުނީ ކީއްވެގެންތޯ އެއާޕޯޓުގެ އިސް ބައެއް ވެރިންނާ ސުވާލު ކުރުމުން ޖަވާބެއް ނުދެއްވަ އެވެ.
އެނގިފައިވާ ގޮތުގައި އެ ލޯގޯ ނުދެއްކުނީ ޑްރޯން ޝޯ ކުރިއަށް ދަނިކޮށް އޭގެ ތެރެއިން ބައެއް ޑްރޯން ފާލުން ނައްޓައިގެން ގޮސް، އެއާޕޯޓުގެ ރަންވޭ އާއި މުޅި އެ ސަރަހައްދަށް ވެއްޓެން ފެށުމުންނެވެ.
ޑްރޯންތައް ވެއްޓުނު މައްސަލަ ތަހުގީގު ކޮށްދޭން އެދި އެމްއޭސީއެލްއިން ފުލުހުންނަށް ފޮނުވާފައިވާ ސިޓީގައި ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ. އެ ސިޓީގައި ބުނެފައި ވަނީ ޑްރޯން ޝޯގެ އެންމެފަހު ފޯމޭޝަންގެ ކުރިން ދިމާވި ކުއްލި މައްސަލައަކާ ގުޅިގެން ގިނަ ގިނަ އަދަދެއްގެ ޑްރޯންތަކުގެ ސިގްނަލް ގެއްލުނު ކަމަށެވެ.
"ދިމާވި ކުއްލި މައްސަލައެއްގައި ގިނަ އަދަދެއްގެ ޑްރޯންގެ ސިގްނަލް ގެއްލި ކޮންޓްރޯލުން ނެއްޓުމުގެ ސަބަބުން ބައެއް ޑްރޯން ބިންމައްޗަށާއި މޫދަށް ވެއްޓި، ބައެއް ޑްރޯން ވަނީ ވީނުވީއެއް ނޭނގި ގެއްލިފަ އެވެ. މި ހާދިސާގައި މި ޑްރޯން ޝޯ އޮޕަރޭޓު ކުރި ފަރާތަށާއި މި ކުންފުންޏަށް ވަނީ ބޮޑު ގެއްލުމެއް ލިބިފަ،" އެމްއޭސީއެލްގެ ސިޓީގައި ބުންޏެވެ.
ޑްރޯންތަކަށް އެރޭ ދިމާވި މައްސަލައަކީ ތިންވަނަ ފަރާތަކުން ޑްރޯންތަކުގެ ފްރިކުއެންސީއަށް އިންޓަފިއާ ކުރުމުގެ ސަބަބުން ދިމާވި މައްސަލައެއްކަން ފާހަގަ ކުރެވިފައިވާ ކަމަށް ޑްރޯން ޝޯ ކުރިއަށް ގެންދިޔަ ކުންފުނިން އެމްއޭސީއެލްއަށް މައުލޫމާތު ދީފައިވާ ކަމަށް އެ ސިޓީގައި ބުންޏެވެ.
އަދި ޑްރޯންތަކަށް މައްސަލަ ދިމާވި ވަގުތުގައި އެއާޕޯޓުގައި މަސައްކަތް ކުރަމުންދިޔަ ޓެކްނިކަލް މީހުންނަށް ވެސް ސިގްނަލް ގެއްލުމާއި ނެޓްވޯކް މެދުކެނޑުން ފަދަ މައްސަލަތައް ކުރިމަތިވިކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ވެސް އެމްއޭސީއެލްގެ ސިޓީގައި ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ