ފެނަކައިން ޚިދުމަތްދޭ 4 ރަށެއްގައި އާ އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތް ފަށައިފި

ފެނަކަ ކޯޕަރޭޝަނުން ކަރަންޓުގެ ޚިދުމަތްދޭ 4 ރަށެއްގައި އާ އިންޖީނުގެ އިމާރާތްކުރުމުގެ މަސައްކަތް އެކުންފުނިން ފަށައިފިއެވެ.
ފަނަކައިން މި މަސައްކަތް ފަށާފައިވަނީ ގއ.ކޮލަމާފުއްޓާއި ގދ.ތިނަދުއާއި ގދ.ރަތަފަންދޫ އަދި ގދ.ގައްދޫގައެވެ.
ރަށްރަށުގައި އާ އިންޖީނުގެތައް އިމާރާތްކުރުމުގެ މަޝްރޫޢު ފެނަކައިން ފަށާފައިވަނީ ރަށްރަށުގައި މީހުން ދިރިއުޅޭ ސަރަހައްދުތަކުގައި އާންމުންނަށް އުނދަގޫވާގޮތަށް ހުރި އިންޖީނުގެތައް، މީހުން ދިރިނޫޅޭ ސަރަޙައްދަށް ބަދަލުކުރުމުގެ މަޤްޞަދުގައެވެ.
މި މަޝްރުޢޫގެ ފެށުން ފާހަގަކުރުމަށް ފެނަކައިގެ މޭނޖިންގ ޑިރެކްޓަރ އަޙުމަދު ސަޢީދު މުޙައްމަދުވަނީ މި މަޝްރޫޢުގެ ދަށުން މަސައްކަތް ކުރިއަށްދާ ރަށްތަކަށް ޒިޔާރަތްކުރައްވާފައެވެ. އަދި މަޝްރޫޢުތައް ފައްޓަވައިދެއްވުމުގެގޮތުން މަޝްރޫޢުތަކުގެ ބިންގާވަނީ އަޅުއްވައިދެއްވާފައެވެ. މިކަމަށްޓަކައި މި ރަށްތަކުގައި ބޭއްވި ރަސްމިއްޔާތުގައި ރަށު ކައުންސިލާއި، ރައްޔިތުންވަނީ ބައިވެރިވެފައެވެ. މި މަސައްކަތްތައް އަންނަ އަހަރު ނިންމުމަށް މަސައްކަތްކުރަމުންދާކަމަށް ފެނަކައިން ވަނީ ބުނެފައެވެ.
އާ އިންޖީނުގެތައް އިމާރާތްކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެދަށުން އިންޖީނު ބަހައްޓާ އިމާރާތާއި، އޮފީސް އިމާރާތާއި، ތެޔޮ ރައްކާ ކުރާ ނިޒާމާއި، ދުންހޮޅި ހެދުންފަދަ މަސައްކަތައް ވެސް ކުރުމަށް ހަމަޖެހިފައިވާކަމަށް ފެނަކައިން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ