ޝަރީއަތުން އަގު ކުރުމާ ބެހޭ ގަވާއިދެއް ސުޕްރީމް ކޯޓުން އެކުލަވާލައިފި

ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތަންތަނާއި ތަކެތީގެ އަގު ޝަރީއަތުން ކަނޑައަޅާ ހާލަތެއްގައި އަމަލުކުރާނެ ގޮތުގެ ގަވާއިދެއް ސުޕްރީމް ކޯޓުން އެކުލަވާލައިފި އެވެ.
"ޝަރުއީ އަގު ކުރުމާބެހޭ ގަވާއިދު"ގެ ނަމުގައި މިދިޔަ އާދިއްތަ ދުވަހު ސުޕްރީމް ކޯޓުން އެކުލަވާލި އެ ގަވާއިދު ބުނާ ގޮތުން ކޯޓުތަކަށް ހުށަހެޅޭ މައްސަލަތަކާ ގުޅިގެން ތަންތަނާއި ތަކެތީގެ އަގު ކުރުމަށާއި އިންސްޕެކްޓް ކުރުމުގެ އިތުރުން އެސެސްމެންޓް ހެދުމަށްޓަކައި ކޮމެޓީއެއް އޮންނަން ޖެހެ އެވެ. ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) ގައި އޮންނަ އެ ކޮމެޓީގައި ތަފާތު އެކި ދާއިރާތަކުން ފަންނީ މީހުން ތިބެންޖެހޭނެ ކަމަށް އެ ގަވާއިދު ބުނެ އެވެ.
ފަންނީ މީހުން ތިބޭ ނަމަވެސް އެ ކޮމެޓީގައި ނުހިމެނޭ ދާއިރާއެއްގެ އެކްސްޕާޓެއްގެ އެހީ އެ ކޮމެޓީ އަށް ބޭނުންވެއްޖެ ނަމަ އެފަދަ އެކްސްޕާޓެއްގެ އެހީ ލިބޭނެ ގޮތް ޑީޖޭއޭ އިން ހަމަޖައްސަން ވެސް އެ ގަވާއިދު ލާޒިމް ކުރެ އެވެ. އަދި އެ ކޮމެޓީގެ އިދާރީ ކަންކަމާއި ދަތުރުފަތުރުގެ ކަންކަން ވެސް ބަލަހައްޓަން ޖެހޭނީ ޑީޖޭއޭ އިން ކަމަށް އެ ގަވާއިދުގައިވެ އެވެ.
މީގެ އިތުރުން މައްސަލަ ބަލާ ކޯޓުތަކުން ގުޅަންޖެހޭ ފަރާތްތައް ކަނޑައެޅުމާއި ކޮމެޓީގެ މެމްބަރުންނާ މައުލޫމާތެއް ހިއްސާ ކުރަން ޝަރީއަތުން ބޭނުންވެއްޖެ ނަމަ ނުވަތަ އެ ކޮމެޓީގެ ފަރާތުން މައުލޫމާތެއް ހޯދަން ޝަރީއަތުން ބޭނުންވެއްޖެ ނަމަވެސް އެކަން އެ ކޯޓަކުން އިންތިޒާމް ކުރަންޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި އަގު ކުރުމަށާއި އެސެސްމެންޓް ހެދުމަށް ކޮމެޓީން ދާއިރު އެ ތަނަކަށް ހާޒިރު ވާންޖެހޭ މީހުން ހާޒިރުކޮށްދިނުމާއި ހާޒިރުނުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަކީ ވެސް އެ ކޯޓެއްގެ ޒިންމާއެކެވެ.
އަގު ކުރަންޖެހޭ ތަނެއް ނުވަތަ އެއްޗެއްގެ މައުލޫމާތު ކޮމެޓީ އަށް ދިނުމާއި އެ ކޮމެޓީގެ މަސައްކަތް ފުރިހަމަ ކުރުމަށް ދޭންޖެހޭ އެއްބާރުލުން ވެސް ކޯޓުތަކުން ދޭންޖެހޭނެ ކަމަށް އެ ގަވާއިދު ބުނެ އެވެ.
އެ ގަވާއިދު ބުނާ ގޮތުން އެ ކޮމެޓީން އަގު ކުރުމުން ނުވަތަ އިންސްޕެކްޓް ކުރުމުން ނުވަތަ އެސެސްމެންޓް ހަދައި ނިމުމުން އެ ކަމުގެ ރިޕޯޓެއް އެ ކޯޓަކަށް ފޮނުވަންޖެހެ އެވެ. އެ ރިޕޯޓުގައި އަގުކުރި ނުވަތަ އިންސްޕެކްޓް ކުރި ކޮމެޓީގެ މެމްބަރުންގެ ނަމާއި ފަންނީ ދާއިރާ އެނގޭ ގޮތަށް ސޮއި ކުރުމުގެ އިތުރުން އެ ކޮމެޓީގެ ތައްގަނޑު ވެސް އޮންނަންޖެހޭނެ ކަމަށް އެ ގަވާއިދުގައިވެ އެވެ.
އެ ކޮމެޓީން އަގު ކުރުމުގެ ބަދަލުގައި އެ ގަވާއިދުގައި ބުނާ ގޮތުގެ މަތިން އަގު ކުރާ ނުވަތަ އިންސްޕެކްޓްކުރާ ޕްރޮފެޝަނަލް ފަރާތެއްގެ އަގު ކުރުމަކަށް ރިއާޔަތް ކުރަންޖެހޭ ކަމަށް އެ މައްސަލައެއް ބަލާ ފަނޑިޔާރަކަށް ގަބޫލުކުރެވޭ ނަމަ އެކަން ވެސް ކުރެވިދާނެ ކަމަށް އެ ގަވާއިދުގައިވެ އެވެ. އަދި އެގޮތަށް އެކަން ކުރުމަށް މައްސަލާގައި ހިމެނޭ ފަރާތަކުން އެދިއްޖެ ނަމަ އެކަމަށް ހިނގާ ޚަރަދު ދޭންޖެހޭނީ އެ ފަރާތަކުން ކަމަށް އެ ގަވާއިދުގައި އެވެ.
އެ ގަވާއިދު ބުނާ ގޮތުން އެ ގަވާއިދުގެ ދަށުން އަގު ކުރުމުގައި އިތުރު ޚަރަދެއް ކުރަންޖެހިއްޖެ ނަމަ އެކަމަށް ޚަރަދު ކުރަންޖެހޭނީ އެ މައްސަލައެއްގައި ހިމެނޭ ފަރާތްތަކުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ