ގާސިމް މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރާނަން - ނަޝީދު

މިހާރު ހައްޔަރުކޮށްފައިވާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިނިވަން ކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރައްވާނެ ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، 2001 ވަނަ އަހަރު އެމްޑީޕީ އުފެއްދުމަށް އިސްވެ ސޮއިކުރެއްވީ ގާސިމް ކަމަށާއި، ގާސިމް މިނިވަންކުރުމަށް ކުރެވެން ހުރި ހުރިހާކަމެއް ކުރައްވާނެ ކަމަށެވެ.
މިދިޔަ ބުރާސްފަތި ދުވަހުގެރޭ، ދެވަނަ ފަހަރަށް ގާސިމް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސްގެ އިތުބާރުނެތްކަމަށް ފާސްކުރުމަށް، މަޖިލީހަށް ހުށަހެޅޭނީ މަޖިލީހުގެ 42 މެންބަރުންގެ ސޮޔާއެކު ކަމަށް މި މަހުގެ 10 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާއި ގުޅިގެން، މަޖިލީހުގެ ރައީސް މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަތައް މަޖިލީހަށް ވެއްދުމަށް 42 މެންބަރުންގެ ސޮއި ހޯދުމަށް ގާސިމް މަޖިލީހުގެ އެކި މެންބަރުންނަށް، އެކި ގޮތްގޮތުން ނުފޫޒުފޯރުގައި ޤާނޫނާއި ހިލާފަށް މަސައްކަތް ކުރަމުންދާ ކަމަށް ތުހުމަތު ކޮށެވެ.
އަދި ގާސިމްގެ ބަންދަށް، ކްރިމިނަލް ކޯޓުން އިއްޔެ ވަނީ 15 ދުވަސް ޖަހާދީފައެވެ.
ގާސިމްގެ ހައްޔަރުކޮށްފައިވާއިރު ދައުލަތުން ވަނީ އޭނާގެ މައްޗަށް ތިން ދައުވާއެއް ވެސް އުފުލާފައެވެ. އެއީ ރިޝްވަތުދޭން އުޅުނު ކަމުގެ ދައުވާ އާއި ރަސްމީ ހައިސިއްޔަތުން ކުރަން ޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާއާއި ވޯޓު ދޭން އުޅުނު މީހަކަށް ނުރަނގަޅު ނުފޫޒު އުޅުނު ކަމުގެ ދައުވާ އެވެ.
މި ދައުވާތަކުގެ ފުރަތަމަ އަޑުއެހުން މިމަހުގެ 13 ވަނަ ދުވަހު ބާއްވާފައިވާއިރު ދެވަނަ އަޑުއެހުން މާދަމާއަށް ވަނީ ތާވަލް ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ