ގާސިމް ސަރ: ބޭބެގެ އެދުމުގެ މަތިން އެޅި ފިޔަވަޅާއެކު އުނގަންނައިދިނުމުގައި 30 އަހަރު!

އއ. މަތިވެރިއަށް އުފަން، މަޝްހޫރު ވާހަކަ ލިިޔުންތެރިޔާ މުހައްމަދު ގާސިމް ޓީޗަރެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އޭނާ ދުވަހަކު ވެސް ވިސްނާފައިއޮތް ކަމެއް ނޫނެވެ. މި މަސައްކަތް ފަށައިގަތް އިރު ވެސް, އެއްވެސް ޝައުގުވެރިކަމެއް އޭނާގެ ކިބައިގައި މިކަމަކަށް ނެތެވެ. ނަމަވެސް ދުވަސްތައް ހޭދަވަމުން ދިޔަ ވަރަކަށް ގާސިމްގެ ހިތުގައި މި މަސައްކަތަށް ދެވިފައިވާ ގަދަރު ދިޔައީ އިތުރުވަމުންނެވެ. ތައުލީމީ ދާއިރާގެ ތެރެއިން އުނގަންނައިދިނުމުގެ ތެރެއަށް ގާސިމަށް ވަދެވިގެން ދިޔައީ އޭނާގެ ބޭބެ އެދުމުގެ މަތިން ފުރި ފޯމަކާއެކުއެވެ. "މި ދާއިރާއަށް އެންމެ ފުރަތަމަ ވަނީ އެއްވެސް ޝައުުގުވެރިކަމެއް ހުރެގެންނެއް ނޫން. އާއިލާގެ ތެރެއިން އެއީ ބޭބެ އެންމެ ފުރަތަމަ ފޯމެއް ނަގާފައި ގެނެސްދިނީ. ދެން ދީފައި ބުނީ މީތި ފުރާފައި ސޮއިކޮށްލާށޭ. ސޮއިކޮށްލީމާ ބޭބެ ފޯމު ލީ ވެސް،" ގާސިމް ބުންޏެވެ. ޕްރައިމެރީ ޓީޗިން ހެދުމަށްފަހު އދ. މަހިބަދޫ ސްކޫލުގައި ޓީޗަރެއްގެ ވަޒީފާއަަށް ދާން ފެށީ އުމުުރުން އެންމެ 18 އަހަރުގައެވެ. އެއީ 1991ވަަނަ އަހަރެވެ. އެ ވަޒީފާގައި ހަތަރު އަހަރު މަސައްކަތް ކުރިއެވެ. އޭގެ ފަހުގައި ސެކަންޑަރީ ޓީޗިން ހެދުމަށްފަހު މާލެ ބަދަލުވެ، ތާޖުއްދީން ސްކޫލާއި، ކަލާފާނު ސްކޫލުގެ އިތުރުން މަޖީދިއްޔާގައި ވެސް ކޮންމެ ސްކޫލެއްގައި އެއް އަހަރު މަސައްކަތްކުރިއެވެ. އަދި 2002ވަނަ އަހަރު ސީއެޗްއެސްސީގައި މަސައްކަތް ފެށިއެވެ. އެއާއެކު މިއަދާ ހަމައަށް ވެސް މަސައްކަތްކުރަނީ އެ ސްކޫލުގައެވެ. "ސްކޫލްތަކަށް ބަދަލުވުން އެއިރު އެއީ އަޅުގަނޑުމެންގެ އަތްމަތީގައި އޮތްކަމެއް ނޫން. ސަރުކާރުން އެކަން ކުރަނީ،" އޭނާ ބުންޏެވެ. ޓީޗަރެއްގެ ގޮތުގައި މަސައްކަތްކުރާއިރު ހަނދާނުން ފޮހެލަން ދަތި އެތައް ހަނދާންތަކެއް އޭނާގެ ހިތުގައި ވަނީ ރައްކާކުރެވިފައެވެ. އުފާވެރި ހަނދާންތަކުން ފުރިފައިވާއިރު އޭނާގެ އެންމެ އުފާވެރި ހަނދާނަކީ، ގްރޭޑް12 ގެ ދަރިވަރެއްގެ ފަރާތުން އޭނާއަށް ލިބުނު ހިތްވަރާއި ތައުރީފުގެ ބަސްތަކެވެ. "ސީއެޗްއެސްއީގައި އޮންނާނެ ހޯލެއް. އެ ހޯލުގައި އަޅުގަނޑު ހުރީ ކިޔަވައިދޭން ކުދި ބަޔަކަށް. ދެން އެތާ އިން އެހެން ކްލާހެެއްގެ ކުއްޖަކު ވެސް. އެއީ ހަމަ އަމިއްލައަށް ކިޔަވަން އައިސް އިން ކުއްޖެެއް. ދެން ސަރ ކިޔަވައިދޭން ފަށައިގެން ކުރިޔަށް ގެންގޮސް ކިޔަވައިދީ ނިމުނީމަ އެ ކުއްޖާ އަންނަނީ ސަރގެ ގާތަށް. އައިއްސަ މި ބުނަނީ ތިމަންނައަށް އެހެންކަހަލަ އިހުސާސެއް ކުރެވުނޭ. ތިމަންނައެއް ނުދެކެމޭ ތި ކަހަލަ ޓީޗަރެއް އަދި. އެއީ ވަރަށް އުފާވި ދުވަހެއް،" ގާސިމް ބުންޏެވެ. ސީއެޗްއެސްއީގެ ޓީޗަރު މުހައްމަދު ގާސިމް --- ސަން ފޮޓޯ/ އަހްމަދު އައިމަން އަލީ އެންމެ ދަރިވަރެއްގެ ފަރާތުން ވެސް ޓީޗަރަކަށް ލިބޭ ތައުރީފުގެ ކޮންމެ ލަފްޒަކީ ވެސް އެ ޓީޗަރެއްގެ ހިތުގައި ހާއްސަ ގަދަރެއް ދެވިފައިވާނެ އެއްޗެކެވެ. އެއީ ކިތަންމެ ދުވަހެއްވެފައިވާ ކަމެއް ނަމަވެސްމެއެވެ. "އެ ދަރިވަރު ދިޔައީ ވަރަށް ތައުރީފްކޮށްފައި. އޭނާ ހުރީ އުފަލުން ގޮސް ފެންކަޅިވެފައި. ގްރޭޑް12ގެ ކުއްޖެއް އެއީ. ވަރަށް އެެހެންކަހަލަ ވަގުތެއް އެއީ،" ގާސިމް ކިޔައިދިނެވެ. ހަމައެއާއެކު ޓީޗަރުންގެ ދުވަހު ދަރިވަރުންގެ ފަރާތުން ލިބޭ ތައުރީފުގެ ލަފްޒުތަކަކީ އަބަދުވެސް އޭނާއަށް އުފާވެރިކަން ގެނުވައިދޭ ކަމެކެވެ. ތިރީސް އަހަރުގެ ދިގު މުއްދަތުގައި ގާސިމްގެ އެންމެ އުފާވެރި ހަނދާންތަކަކީ ރަށުގައި ކިޔަވައިދިނުމަށް އޭނާ ހޭދަކުރި ހަތަރު އަހަރު ދުވަހެވެ. ގުޅިގެން އެކުގައި ކުރާ މަސައްކަތުން ލިބޭ ހިތްހަމަޖެހުމާއި އުފަލަކީ މިހާތަނަށް ކުރެވުނު އުފާވެރި ތަޖުރިބާތަކުގެ ތެރޭގައި ގުނާލެވޭނެ ތަޖުރިބާތަކެއްކަމަށް އޭނާ ބުނެއެވެ. މި ދާއިރާއަކީ އޭނާއަށް މާ ގިނަ ދަތިތަކާ ކުރިމަތިލާން ޖެހުނު ދާއިރާއެއް ނޫނެވެ. ނަމަވެސް ކޮންމެ ޓީޗަރެއްގެ ވެސް އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ މަސައްކަތަށް ލިބޭ އުޖޫރައާއި މެދު ހުރި ކަންބޮޑުވުންތަކެވެ. "މާ ގިނަ ދަތިތަކެއް ނެތް ކުރިމަތިވެފައި އަނެއްހެން. ދާއިރާގައި ހާސިލްކުރަން ބޭނުންވާ ކަންކަން އަދި ކިޔަވައިދިނުމުގައި ކުރަން ބޭނުންވާ ކަންކަން ކުރެވޭ. ނަމަވެސް އޮތް ދައްޗަކީ ކުރާ މަސައްކަތާ އަޅާ ބަލާއިރު ލިބޭ އުޖޫރަ ކުޑަވުން. ވަރަށް ގިނަ މީހުންގެ ޝަކުވާއެއް އެއީ،" އޭނާ ބުންޏެވެ. ގައުމަކަށް ބޭނުންވާނެ ހަރުދަނާ ޖީލެއް ބިނާކުުރުމުގެ މަސްއޫލިއްޔަތު ކޮނޑު އަޅައިގެން މަސައްކަތްކުރާ ބަޔަކީ ޓީޗަރުންނެވެ. އެހެންކަމުން ޓީޗަރުން ވާންވާނީ ދަރިވަރުންގެ ވިސްނުން ދެނެގަންނަން އެނގޭ ފެންވަރު ރަނގަޅު ބަޔަކަށެވެ. އަދި އިލްމީ ގޮތުން ގާބިލުވުމާއެކު ކިޔަވައިދޭ އެއްޗެއްގެ މައުލޫމާތު ރަނގަޅަށް އެނގޭ ބަޔަކަށެވެ. "އެހެންވީމާ އެކަން ކުރެވޭނެ މަގެއް އެބަ ބޭނުންވޭ. ކްލާހަށް ވަދެގެން އަންނައިރު ހުންނަންޖެހޭނީ ކިޔަވައިދޭން ބޭނުންވާ އެއްޗަކާ މެދު ރަނގަޅަށް ތައްޔާރުވެގެން. ޓީޗަރަށް އެނގެން ވާނެ ކިޔަވައިދޭން ބޭނުންވާ އެއްޗެއް ވަރަށް ރަނގަޅަށް،" ގާސިމް ބުންޏެވެ. ހަމައެއާއެކު ދެވަނަ ކަމެއްގެ ގޮތުގައި ޓީޗަރުގެ ކިބައިގައި ހުންނަ މައުލޫމާތެއް ދަރިވަރަށް ރަނގަޅަށް އުނގަންނައިދިނުމަށް އެކަށީގެންވާ އުކުޅުތަކެއް ބޭނުންކުރުމަކީ ވެސް މުހިންމު ކަމެއްކަމަށް އޭނާ ދެކެއެވެ. "ބައެއް ޓީޗަރުން ވަރަށް މަޖާ ގޮތަކަށް ވެސް ކުލާސް ކުރިއަށް ގެންގޮސްފާނެ. ކުދިންނާއެކު ގުޅިގެން މަސައްކަތް ކުރުން މުހިންމީ. ހަމަ ބައެއް ޓީޗަރުން ކުދިންނާ ތަންކޮޅެއް ބީ ރައްޓެހި ގޮތަކަށް ވެސް ގެންގޮސްފާނެ. އެކަމަކު ކުދިން ވެސް ގަޔާވާ ގޮތަކަށް ކުރިއަށް ގެންދަންވާނީ،" ގާސިމް ބުންޏެވެ. ކިޔަވައިދިނުމުގެ އިތުރުން ވާހަކަ ލިޔުމަކީ ވެސް ގާސިމްގެ ކިބަައިގައިވާ ހާއްސަ ފަންނެކެވެ. ޓީޗިން ކޯސް ހެދުމުގެ ތެރެއިން ކުރެވުނު ތަޖުރިބާ ހިއްސާކުރުމުގެ ގޮތުން ލިޔުނު ވާހަކައިން މިއަދު އޭނާއަކީ ރާއްޖޭގައި މަޝްހޫރު ވާހަކަ ލިޔުންތެރިއެކެވެ. "އަސްލު ވާހަކައެއް ލިޔުމުގެ ވިސްނުމުގައެއް ނޫން ލިޔުނީ ވެސް. ހަމަ އަތު ލިޔުމުން ލިޔުނީ. ދެން ހަމަ އަމިއްލައަށް ބޭރު ގަނޑެއް ކުރަހާލާ ހަދާފައި ކޯސް ކުދިންނަށް ކިޔަން ދިނީ. ދެން އެ މީހުން ބުނެފި ވާހަކައެއްް ނޫންހޭ މިއޮތީ ހަދާފައި،" އޭނާ ބުންޏެވެ. އެއީ އޭނާގެ ކިބައިގައި ވާހަކަ ލިޔުމުގެ ޝައުގުވެރިކަން އުފެދިގެން އައި ގޮތެވެ. ކޮންމެ ވާހަކައަކީ ވެސް ހިތްހަމަޖެހިގެން ލިޔާ ވާހަކައެކެވެ. ނަމަވެސް އޭގެ ތެރެއިން ވެސް ހާއްސަ މަސައްކަތްތަކެއް އޮތްކަމަށް އޭނާ ބުންޏެވެ. "އެންމެ ހިތްހަމަ ޖެހިގެން ލިޔުނީ "ކަޅު ވިލާ". ދެން މިހާރު މި ލިޔަމުން އަންނަ ވާހަކައަކީ ވެސް ވަރަށް ހިތްހަމަޖެހިގެން ލިޔަމުން އަންނަ ވާހަކައެއް. ހަމައެއާއެކު އެންމެ ފުރަތަމަ ޕަބްލިޝްކުރި "އުދަބާނި" އަކީ ވެސް ވަރަށް ފުރިހަަމައަށް ލިޔެވުނު ވާހަކައެއް،" އޭނާ ބުންޏެވެ. އެއާއެކު 2009ވަނަ އަހަރު ލިޔުންތެރިކަމުގެ ދާއިރާއިން ގައުމީ އިނާމު ވެސް ގާސިމް ވަނީ ހާސިލުކޮށްފައެވެ. ގާސިމް ގަބޫލުކުރާގޮތުގައި ކޮންމެ މަސައްކަތަކަށް ވެސް ބޭނުންވަނީ ހިތްވަރެވެ. އަދި ކެރިގެން މަސައްކަތުގެ ފަންނަށް ނިކުމެވޭނެފަދަ އަޒުމެކެވެ. އޭނާގެ އުންމީދަކީ ވެސް ރާއްޖޭގައި ތައުލީމީ ދާއިރާ އިތުރަށް ހަރުދަނާވުމެވެ. އަދި ޓީޗަރުންގެ އަގު ވަޒަންކުރެވި ޓީޗަރުންނަށް ވެސް އެ މީހުން ބޭނުންވާފަދަ ހެޔޮ ބަދަލުތަކެއް ލިބިގެން ދިއުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ