ހަރުކަށި ހިންދޫންގެ ސަބަބުން އިންޑިއާގައި ބިރުވެރި މިންވަރަކަށް ކޮވިޑް ފެތުރި ގިނަބަޔަކު މަރުވަނީ

ނިއުދިއްލީ (15 ޖަނަވަރީ 2020): ކޮވިޑްގެ އުސޫލުތަކަށް ބެލުމެއްނެތި އިންޑިއާގެ ހިންދޫންގެ ހަރުކަށި ފަރާތްތަކުން ދީނީ ބޮޑެތި އެއްވުންތައް ގައިގޯޅިގޮތެއްގައި ބާއްވަމުން ގެންދާތީ އިންޑިއާގައި ކޮވިޑް ގެ ހާލަތު ވަރަށް ބޮޑަށް ގޯސްވަމުންދާކަން އެގައުމުގެ ސިއްހަތާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. އިންޑިޔާގެ ސިއްހަތާބެހޭ އިދާރާތައް ބުނާގޮތުން އިއްޔެ އެގައުމުގައި ކޮވިޑަށް ޕޮޒިޓިވްވި ކަމަށް ރިޕޯޓްކުރި މީހުންގެ އަދަދުވަނީ ދެލައްކަ ފަސްދޮޅަށް އައްހާހަށް އަރާފައެވެ. އޭގެ ކުރީގެ ދުވަހު އިންޑިއާގައި ކޮވިޑަށް ޕޮޒިޓިވްވިކަން ރެކޯޑުތަކުން ދައްކާ އަދަދަކީ ދެލައްކަ ފަސްދޮޅަށް ފަސްހާހެވެ. މިދިޔަ ދެހަފްތާއަކީ އިންޑިއާގެ ހިންދޫންގެ ދީނީ އެއްވުންތައް ގިނަ ދެހަފްތާއެކެވެ. މީގެ ދެހަފްތާކުރިން އިންޑިއާގައި ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅުނީ ލައްކައަކަށްވުރެ ދަށުގައެވެ. ނަމަވެސް ކޮވިޑްގެ އުސޫލުތަކަށް ބެލުމެއްނެތި ގައިގޯޅިކޮށް އަދި މާސްކްވެސް ނާޅައި ހިންދޫންގެ ހަރުކަށި ފަރާތްތަކުން ބާއްވާ ދީނީ ބޮޑެތި އެއްވުންތަކާއެކު އެގައުމުގައި ކޮވިޑްގެ ކޭސްތައް މައްޗަށްދާން ފަށާފައިވަނީ އިންތިހާއަށެވެ. އިންޑިއާގެ ސިއްހަތާބެހޭ މާހިރުން ލަފާކުރައްވާ ގޮތުގައި މިފެށޭ ހަފްތާ ނިމި ޖެހިގެން އަންނަ ހަފްތަ ފެށޭއިރު އިންޑިއާގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ފަސްލައްކައަށް އަރާނެއެވެ. ކޮވިޑްގައި މަރުވާމީހުން އިންޑިއާގައި އަންދަނީ ހަރުކަށި ހިންދޫންގެ ގޮތެއްފޮތެއްނެތް އަމަލުތަކުގެ ސަބަބުން ކޮވިޑްގެ ކޭސްތައް އިންޑިއާގައި އިތުރުވާއިރު އިންޑިއާގައި ކޮވިޑް ބަލީގައި މަރުވާމީހުންގެ އަދަދުވެސް ވަނީ އަނެއްކާވެސް އިންތިހާއަށް މައްޗަށްދާން ފަށާފައެވެ. މީގެ ދެހަފްތާކުރިން އިންޑިއާގައި ކޮވިޑް ބަލީގައި މަރުވާ އަދަދު އުޅުނީ ދުވާލަކަށް ސަތޭކައާއި ދުއިސައްތައާ ދެމެދުގައެވެ. ނަމަވެސް މިހާރު ވަނީ ދުވާލެއްގެ މައްޗަށް ކޮވިޑް ބަލީގައި އިންޑިއާގައި މީހުން މަރުވާ އަދަދު ހަތަރުސަތޭކައާއި ފައްސަތޭކައާ ދެމެދުގެ މިންވަރަކަށް މައްޗަށް ގޮސްފައެވެ. އިންޑިޔާގައި ކޮވިޑް ޖެހިގެން އިއްޔެ ހަތަރުސަތޭކަ ދެ މީހުން މަރުވެފައިވާއިރު އިއްޔެ ނޫން އިހައްދުވަހު ކޮވިޑް ޖެހިގެން މަރުވީ ތިންސަތޭކަ ފަނަރަމީހުންނެވެ. އިންޑިއާގައި މިހާރު ވެރިކަން ކުރާ ހަރުކަށި ހިންދޫ ފިކުރުގެ ޕާޓީކަމަށްވާ ބަރަތިޔާ ޖަނަތާ ޕާޓީގެ ވެރިކަމުގައި އިންޑިއާގެ ސިޔާސީ މުއައްސަސާތަކުގެ އިތުރުން އިދާރީ މުއައްސަސާތަކާއި މިނިވަން މުއައްސަސާތައްވެސް ވަނީ ހިންދޫންގެ ހަރުކަށި ވިސްނުމުގެ މީހުންގެ ކޮންޓްރޯލްގެ ދަށަށްގޮސްފައެވެ. ނަތީޖާއެއްގެ ގޮތުން އިންޑިއާގައި ޒަމާނުއްސުރެ އޮތް ޑިމޮކްރަސީގެ އުސޫލުތައް ގެއްލި ޚުދު މުޚްތާރު އަދި ހިންދޫ ދީނީ ހަރުކަށި ނިޒާމަކާ ދިމާއަށް އިންޑިއާ މިސްރާބު ޖަހާފައިވާ ކަމަށް މުހައްލިލުން ވިދާޅުވެއެވެ. ކޮވިޑް ފެތުރޭ މިންވަރަށް ބަލާއިރު އިންޑިއާ މިހާރުދަނީ 2020 ވަނަ އަހަރުގެ ފަހުކޮޅުގައާއި 2021 ވަނަ އަހަރުގެ ކުރީކޮޅު އެގައުމުގައި ކޮވިޑް ފެތުރި އެގައުމުގެ ސިއްހަތާބެހޭ މުޅި ނިޒާމު އިނދަޖެހުނު ހާލަތާ ދިމާއަށްކަމުގެ ބިރުވަނީ ހީވެފައެވެ. އެދުވަސްވަރު ކޮވިޑް ބަލީގައި އިންޑިއާގައި މީހުން މަރުވަމުން ދިޔަމީހުންގެ އަދަދުތައް ގިނަކަމުން މަރުވެފައިވާ މީހުންގެ ހަށިތައް އެންދުމަށް ބޭނުންވާ ދަރު ނުލިބި މަރުވެފައިވާ މީހުންގެ ހަށިތައް ކުނިވެ ބައެއް ސަރަހައްދުގައި ކުނިވަސްދުވާވަރުން މީހުން ދިރިއުޅުމަށް ދަތިވާ ހިސާބަށް ކަންތައް ދިޔައެވެ. ނަމަވެސް 2021 ވަނަ އަހަރުގެ ފަހުކޮޅު ކޮވިޑް ކޮންޓްރޯލް ކުރުމުގައި އިންޑިއާ ކާމިޔާބުތަކެއް ހޯދިއެވެ. އެއަށްފަހު އިންޑިއާގައި ކޮވިޑް ވެކްސިން ޖެހުމުގެ ކަންތައްވެސް ބާރަށް ކުރިޔަށް ގެންގޮސްފައިވެއެވެ. މިހާރު އިންޑިއާގައި އަނެއްކާވެސް އާދަޔާ ޚިލާފު ބާރުމިނެއްގައި ކޮވިޑް ފެތުރެމުންދާ މައިގަނޑު ސަބަބަކީ އޮމިކްރޯން ވޭރިއަންޓް ކަމަށް އެގައުމުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ